ހިތުގެ ހަމަޖެހުމަކީ އެ މަޢުސޫމު ހިނިތުންވުން ތަކެވެ. އުރުވާހިތުން އައިސް
ފައިގައި ބައްދައިގެން ދޫނުކޮށް އެ ޖަހާ ކުސްތަކެވެ. ފެނުމާއެކު އަތުގަ އޮންނަ
އެއްޗެއް ވިއްޔާ ހޫރާލާފައިވެސް ދުވެފައި އެ އަންނަ ގޮތެވެ. ފުށެއް ސެންޓެއް ނުލާ
ހުންނަ އިރުވެސް އެ ދުވާ މީރުވަހެވެ. އެ ކުޑަކުޑަ އަތުން މޫނުގައި ހިފާ "ކޮއްކޮއަށް
ބަލާބަލަ" އޭ ބުނާ މާނައަކުން އެ އަނބުރާލާ ގޮތެވެ. ހަތަރުކަޅި ހަމަވުމާއެކު
ރަކިގޮތަކަށް އެ ހީލާ ގޮތެވެ. "އުއްމަ"އެއް ދޭން އެ ބައްދާލާ ގޮތެވެ. ކަޅު
ރޭގަނޑެއްގެ ތަރިއެއްފަދައިން ވިދަ ވިދާ ހުންނަ ކަޅުކަން ގަދަ އެ ދެ ލޮލުން އެ
ބަލާލާ މަޢުސޫމް ގޮތެވެ. އަޅެ ނޫންހެއްޔެވެ؟
ކޮންފަދަ ބޮޑު ރަޙްމަތެއް ހެއްޔެވެ؟ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟
ކޮންފަދަ އޯގާވަންތަ ކަލަކުތޯއެވެ؟
ދުޅަހެޔޮ ސިއްޙަތެއްގައި ބޮޑުވާ ދަރިއަކު އަހަރެމެންނަށް މާތް ކަލާނގެ
ދެއްވުމަށްވުރެ ބޮޑު ނިޢުމަތެއް ވާނެހެއްޔެވެ؟
ހިނގާށެވެ. އަތުކުރި އޮޅާލަމާހެއްޔެވެ؟
މި ދަރިފުޅު ހުރިހާ ނުބައި ކަމަކާއި ފަސާދައަކުން ދުރުކުރަން ޢަޒުމް
ކަނޑައަޅަމާ ހިނގާށެވެ. މި ދަރިފުޅަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީގެން،
އަނެކުންގެ އިހްސާސްތައް ނުދަންނަ ކުއްޖަކަށް ހެދުމުގެ ބަދަލުގައި، މެދުމިންވަރަށް
ރުހި ޤަބޫލުކުރާ ކުއްޖެއްކަމުގައި ހަދަމާ ހިނގާށެވެ. ރީތި އަދަބާ ރީތި އަޚްލާޤުން
ޒީނަތްތެރިވެފައިވާ ކުއްޖަކަށް ހަދަމާ ހިނގާށެވެ. މުސްތަޤްބަލުގައި މި ދަރީގެ
ވާހަކަ ބަޔަކު ދައްކާއިރު ތިމާ ފަޚުރުވެރިވާނެފަދަ ދަރިއަކަށް މި ދަރިފުޅު ހަދަމާ
ހިނގާށެވެ.
ދަތިދުވަސްތައް ގިނައެވެ. ބޭނުންވާ އެއްޗެހި ގިނައެވެ. ދާން ބޭނުން ތަންތަންވެސް
ވަރަށް ގިނައެވެ. ކުރަންބޭނުން ކަންތައްވެސް ވަރަށް ގިނައެވެ. އެހެނަސް އެކަންކަން
ނުވުމުގެ ޒިންމާ މި ދަރިފުޅުގެ ބޮލުގައި ނާޅުވަމާހެއްޔެވެ؟ އެ ވާހަކަތައް ތާ
އަބަދު މި ދަރިފުޅަށް ކިޔާނުދެމާހެއްޔެވެ؟ މި ތުއްތު ސިކުނޑިއަށް އެ ހުރިހާ
އެއްޗެއް ނުވިސްނޭނެއެވެ. ނުތަނަވަސް ހިތެއްގެ ވެރިއަކަށް ހެދުމުގެ ބަދަލުގައި
ތަނަވަސް ހިތެއްގެ ވެރިއަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ.
ހެނދުނު ހޭލާއިރު އުރާލާ ބައްދާލާށެވެ. ގިނަގިނައިން މަންމަ ލޯބިވާ ވާހަކަ
ބުނާށެވެ. މަންމަ އަބަދުވެސް ދަރިފުޅާއެކު ހުންނާނެ ވާހަކަ ބުނާށެވެ. މަންމަ
ދަރިފުޅަށް އަބަދުވެސް އެހީވާނެ ވާހަކަ ބުނާށެވެ. ދަރިފުޅު ބަސް އަހާތީ މަންމަ
އުފާވާ ވާހަކަ ބުނާށެވެ. ގިނަގިނައިން އެކުގައި ކުޅެ ސަމާސާކޮށް އުރާލާ ބައްދާލާ
ހަދާށެވެ. މަންމަ ހުންނަން ޖެހޭ މަޤާމްތަކާއި، ވަގުތު ތަކާއި، ދުވަސްތަކުގައި ވީ
ވަރަކުން ބަދަލުގައި އެހެން މީހަކު ނުބަހައްޓާ ވޭތޯ ބަލާށެވެ.
ތިމާ އުޅެންބޭނުންވާ ދިރިއުޅުމުގަ އުޅެން މި ދަރިފުޅު ޤުރުބާން ނުކުރަމާ
ހިނގާށެވެ.
ދުނިޔޭގެ ހުރިހާ ކުޅޭ އެއްޗަކާއި ރީތި ކުލަތަކާއި މީރު ކެއިންބުއިމަށްވުރެ މި
ދަރިފުޅަށް ބޭނުންވަނީ މި ދަރިފުޅުގެ މަންމައެވެ.
ނިކަމެތިކަމާއި އުނިކަން އިހްސާސްކޮށްދިނުމުގެ ބަދަލުގައި، ރަނގަޅު މަގުން
ދަނީނަމަ، ބޭނުންކޮންމެ އުސްމިނަކަށް ދިއުމުގެ ޤާބިލުކަން ހުރި ކުއްޖަކަށް ހަދަމާ
ހިނގާށެވެ.
މި ތުއްތު ދަރިފުޅުގެ ތުއްތު ދުވަސްތައް ނަގާނުލަމާހެއްޔެވެ؟ އުފާއުފަލުން
ތަރިހަނދަށް ބަލާ، ގަސްގަހާ ގެހީގެ ފަތްތަކާ ކުޅެން ޝައުޤުހުންނަ، ބުޅަލާއި ކާޅުގެ
ގޮވުންތަކުގެ ފަރަޤު ދަންނަ ކުއްޖަކަށް ހަދަމާ ހިނގާށެވެ.
މަސްމަހާއި މޫދުގެ
ނިޢުމަތާމެދު އާޝޯޚްވެ ބަލަންއެނގޭ، މާމެލާމެއްޔަކީ ރީތިކޮށް ގެންގުޅެންޖެހޭ
އެއްޗެއްކަން ދަންނަ ކުއްޖަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ. މި ހުރިހާ
ކަމަކުން ލޯތްބާއި ރީތިކަންކަން ދަންނަ
ކުއްޖަކަށް މި ދަރިފުޅުވާނެކަން ޔަގީނެވެ. އަނެކުންނަށް އޯގާތެރި ދަރިއަކަށް މި
ދަރިވާނެކަން ޔަގީނެވެ.
ގިނަގިނައިން ހިނިތުންވާ، އެހެން ކުދިންނާއި ގުޅޭ، ލޯބި ލިބިގެން ބޮޑުވާ
ލޮބުވެތި ކުއްޖަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ.
އަހަރެމެންގެ މި މަސައްކަތަށް ތައުފީޤް ދެއްވާށި. އާމީން !
(ނިމުނީ)
★★★★★★★★★★★★