އަހަރެންނަށް ކާންދޭ ބަތްތަށި
ނުކެވުނަސް މަންމަ ރުޅިއާދެއެވެ. ބޯންދޭ ކިރުތަށިން އެތިކޮޅެއް ވެރުނަސް މަންމަ
ހަޅޭއްލަވައެވެ. މަންމައަށް ރައްދުގައި އަހަރެން ޖަވާބު ދޭތީ ތަޅައެވެ. އެތައް
ދުވަހެއްވަންދެން ނިޝާން ހުންނަ ވަރަށް އަތުގައި ހިފާ ދަމައެވެ. ގޭތެރޭގައި
އުޅޭހުރިހާ ވަގުތެއްގައި މަންމަ ހުންނާނީ އަހަންނަށްއެއްޗެހި ކިޔާލަކިޔާލައެވެ.
މުޅި ދުވަސް ހޭދަކޮށްލާނީ އަހަންނާއި ބެހޭ ގޮތުންނާއި ޚުދު އަހަންނަށް
ނިސްބަތްކޮށް ނުރަނގަޅު އަދި ނުރުހުންތެރި ބަސްތައް ބުނުމުގައެވެ.
މަންމަ އަހަންނަށް އިހާނެތިކޮށް
ހެދީކީ ނޫނެވެ. މަންމަ އަހަންނަށް އިހުމާލުވީކީ ނޫނެވެ. މަންމަ ހުންނަނީ
ރުޅިއައިސްފައެވެ. އެއީ ހައްތަހާވެސް އައިސްފަ ހުންނަ ރުޅިއަކުން މަންމައަށް ވެފަ
ހުންނަ ގޮތެކެވެ. މަންމަގެ ކައިވެންޏަށްފަހު، ކުޑައިރު މަންމަ އުޅެމުން އައި
ގެއާއި ޢާއިލާއާއި ރައްޓެހިންނާއި ތިމާގެ މީހުންނާ ވަކިން މާ ދުރަށް ބަދަލުވާން
ޖެހުމުން އައިސްފަ ހުންނަ ރުޅިއެކެވެ. ބަސްނައަހާ ކުދިންނާއި ރޭގަނޑު ނުނިދާ
ކުދިންގެ ސަބަބުން މަންމަ ބޮލަށް އުނދަގޫވެގެން އައިސްފަ ހުންނަ ރުޅިއެކެވެ.
އެކަނިވެރިވެގެން އައިސްފަ ހުންނަ ރުޅިއެކެވެ. މައިވަންތަކަމުގައި އެކަނި
އުޅެންޖެހިފައިވާތީ އައިސްފަ ހުންނަ ރުޅިއެކެވެ. މަންމަގެ ދިރިއުޅުމުގައި ކަންކަން
ހިނގާފައިވާ ގޮތުންނާއި ކަންކަން ވަމުން އަންނަ ގޮތުން އައިސްފަ ހުންނަ
ރުޅިއެކެވެ.
ވަރަށް ދެރަވެއެވެ. އެއީ އުނދަގޫ
ދިރިއުޅުމެކެވެ. އެ ދުވަސްތަކުގެ ސަބަބުން އަހަރެންގެ ފުރާވަރު އަހަރުތަކުގައި
ލައްޖެހިފައިވަނީ ނާއުއްމީދާއި، މާޔޫސީއާއި އަމިއްލަ ނަފްސަށް އެއްވެސް އިތުބާރު
ނުކުރެވުމުގެ ތެރެއިންނެވެ. އޭރު އަހަރެން ހުރީ ހުރިހާ ކަމަކާވެސް
ރުޅިއައިސްފައެވެ. ސާފުކޮށް ރުޅިއައިސްފައެވެ.
މިހާރު ހެއްޔެވެ؟ މިހާރު
އަހަންނަށް ވިސްނެއެވެ. ހުރހާ ކަމެއްމެ ވަރަށް ރަނގަޅަށް ވިސްނެއެވެ. މިހާރު
އަހަރެންގެ ކުދިން އެބަތިއްބެވެ. ނުނިދާ، ބުނާއެއްޗެއް އަޑުނައަހާ
އަދި ބަސް ގަބޫލުނުކުރާ ކުދިން މިހާރު އަހަރެންގެވެސް އެބަތިއްބެވެ. އަހަރެންނަށް
އެކަމަކުވެސް އެކަނިވެރިކަން އިހްސާސް ވެއެވެ. ގިނަ ދުވަސްތަކުގައި އެ އިހްސާސް
އަހަރެން ކުރަމެވެ. މި މަންމަވަންތަކަން މިއީ ބުރަ ކަމެކެވެ. ހުރިހާ ކަމަކާއި
ދޭތެރޭ ރަނގަޅަށް ވިސްނައިގެން، އުފާވެރި މިޒާޖެއްގައި ހިތްމަޑުކޮށް އުޅުމަކީ
ވަރަށް އުނދަގޫ ކަމެކެވެ. އަހަރެންގެ ރުޅި އައުމަށްފަހު ހުއްޓުވަން ވަރަށް
އުނދަގުލެވެ. އެ ރުޅިގަނޑު އެހެން ބަޔަކަށް ބުރުވާލަން މާ ފަސޭހައެވެ. އެފަދަ
ރުޅިގަނޑުތައް އަހަރެންގެ ޙަޔާތަށް އައިސްފައި އަހަރެންގެ ކުދިންގެ މައްޗަށްވެސް
އެ ރުޅިވެރިކަން ފައިހިއްޕަން އުޅުނުތަން އަހަރެން ދުށީމެވެ.
އެކަމަކު އެހެން އެކަން ވިޔަކަ
އަހަރެން ނުދޭނަމެވެ. އަހަރެން އެކަމުގެ ތެރޭގައި ދިރިއުޅުނީމެވެ. އަހަރެންގެ
އަސްލު މަންމަގެ ފަރާތުން އެ ރުޅި އަހަރެން ދުށީމެވެ. އަހަރެން އުޅުނީ އެ ރުޅީގެ
ތެރޭގައެވެ. އަހަރެންގެ ކުދިން އެކަމުގެ ތެރޭގައި އުޅޭކަށް އަހަރެން ބޭނުމެއް
ނޫނެވެ. އެއްވެސް މީހެއްގެ އެއްވެސް ކުއްޖެއް އެކަހަލަ ރުޅިގަނޑެއްގެ ތެރޭގައި
އުޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއްވެސް ކުއްޖަކަށް އެފަދަ ބޭއިންސާފެއް
ޙައްޤެއް ނޫނެވެ.
ނުބައިކޮށް ހީނުކުރާށެވެ. އަހަރެންގެ
މަންމަ އަކީ ރަނގަޅު މަންމައެކެވެ. ސިއްޙަތު ރަނގަޅުހެން ހީވާ ހުރިހާ ކާއެއްޗެއް
މަންމަ ހަދައިދިނެވެ. ސްކޫލް ކުޅިވަރުތަކުގައްޔާއި އިތުރު ޙަރަކާތްތަކުގައި
އަހަރެން ބައިވެރި ކުރުވިއެވެ. އަހަންނަށް އެންމެ މީރު ކާއެއްޗެހި
ތައްޔާރުކޮށްދިނެވެ. ކްލާހުގެ ކަންތައްތަކުގައި ބެލެނިވެރިންގެ ފަރާތުން ދޭންވާ
ހުރިހާ އެއްބާރުލުމެއް މަންމަ ސްކޫލަށް ދިނެވެ. އަހަންނަށް ފޮތްތައް ކިޔައިދިނެވެ.
ވާހަކަތައް ކިޔައިދިނެވެ. އަހަރެންގެ ރައްޓެހި ކުދިންނަށް ގެއަށް ދަޢުވަތު ދީ
އަހަރެންނާއެކުގައި ކުޅެން ގޭގައި އުޅުމުގެ ހުއްދަ ދިނެވެ. އަހަރެންގެ ހުރިހާ
ކަމެއްވެސް ވަރަށް ރަނގަޅަށް ބެލެހެއްޓިއެވެ.
އަހަރެންނާ މަންމައާ އެކުގައި
ހީހީފަ ސަކަރާތް ޖެހި އުފާވެރި ދުވަސްތައްވެސް ހަނދާން އެބަހުއްޓެވެ. އުފާވެރި
ވާހަކަތައް ދެއްކި ދުވަސްތައް ހަނދާން އެބަހުއްޓެވެ. އަތްތެރި މަސައްކަތުގެ ކަވި
މަސައްކަތްތައް ދެމީހުން އެކުގައި ތިބެގެން ކުރި ހަނދާން އެބަހުއްޓެވެ. ދެމީހުން
އެކުގައި ފޮތްކިޔަން އުޅުނު އުފާވެރި ދުވަސްތައްވެސް ހަނދާން އެބަހުއްޓެވެ.
އަހަރެންގެ މަންމަ ހަގީގަތުގައިވެސް އަހަރެން ދެކެ ވަރަށް ލޯބިވިއެވެ. އެކަމަކު
މަންމަ ހުންނަނީ އަބަދުވެސް ރުޅިއައިސްފައެވެ. އެ ރުޅީގެ މައްޗަށް މަންމައަށް
ގަދައެއް ނުވެވުނެވެ. އެކަމުގައި އަހަރެން މަންމަ ކުށްވެރި ނުކުރަމެވެ. އަހަރެން
މަންމައަށް މަޢާފް ކުރަމެވެ. އަހަރެން މަންމަ ދެކެ އިންތިހާއަށް ލޯބިވަމެވެ. މި
ކައުނުވަރަށް ލޯބިވަމެވެ. ދެވަނައެއް ނެތްފަދައަކުން ލޯބިވަމެވެ. އެކަމަކު މަންމަ
އެ އުޅުނުގޮތަށް އުޅޭކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަހަލަ މީހަކަށް ވާކަށް
އަހަރެން ބޭނުމެއް ނޫނެވެ.
މަންމަމެންނަށް ބުނަމެވެ.
އަހަރެމެންގެ މައްޗަށް ގަދަވާން ރުޅިއަށް ފުރުޞަތު ދޭން ވަރަށް ފަސޭހަ ވާނެއެވެ.
އަހަރެމެން ހިތަށްވެސް އަރާފައި ނެތްފަދަ ސިފަސިފައިގައި އަހަރެމެންގެ ރުޅި
ފާޅުވާން ދޫކޮށްލުން އެއީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު މަންމަމެންނޭވެ.
އަހަރެމެންނަށް އެކަމަށް އެހީތެރިކަން ބޭނުން ވެއެވެ. އެ ރުޅި އަހަރެމެންގެ
ނަފްސުގައި އޮބަހައްޓައިގެން ތިބެވޭކަށް ނެތެވެ. އެހެން ތިބެތިބެފައި ޢާއިލާގެ
މެމްބަރުންނަށް އެ ރުޅި ބޭލުމަކީ ކުރުން ހެޔޮވާވަރު ކަމެއް ނޫނެވެ. އަހަރެމެން
އެކަކު އަނެކަކަށް އެހީތެރިވާން އެބަޖެހެއެވެ. ދޮށީ މަންމަމެނަށާއި އަލަތު
މަންމައިންނަށްވެސް އެހީތެރިކަން ބޭނުމެވެ. އަދި މަންމައަކަށް ނުވެވޭ
އަންހެނުންނަށްވެސް މެއެވެ. އެކަކު އަނެކަކަށް އެހީއަށް އެދި ގޮވަން ވާނެއެވެ.
ދަތި އުނދަގޫތަކުގެ ތެރެއިން، އެހީތެރިކަމާއި ލޯތްބާއި އަޅާލުން ލިބިގަނެ އެ
ކަންކަމުގެ އުފާ އަހަރެމެން ލިބިގަތުމަކީ ކޮންމެހެންވެސް މުހިއްމު ކަމެކެވެ.
މަންމަމެންނޭވެ. އެ ރުޅީގައި
ދިރިނުއުޅޭށެވެ. ތި މަންމަމެންގެ ކުދިންކޮޅު އެ ރުޅިތެރޭގައި ނުގެންގުޅޭށެވެ. ތި
މަންމަމެންގެ ކުދިންނަށް ފެންނަން ޖެހޭނީ ތި މަންމަމެންގެ އެންމެ ރީތި ސިފަތަކެވެ.
އެކަންތައް އެ ކުދިންނަށް ތި މަންމަމެން ދޭން ޖެހެއެވެ. ދޭން ވެއްޖެއެވެ.
އެއީ އެ
ކުދިންނާއި ދުރުގައި ތިބެގެން ކަމަށްވާނަމަ އެގޮތަށްވިޔަސް ވެހެއެވެ. އެއީ އެ
ކުދިންގެ ކައިރީގައި ގޭގައި ތިބުމުގެ ބަދަލުގައި ވަޒީފާއެއް ހޯދައިގެން
ވަޒީފާއަކަށް ގޮސްގެން ކަމަށްވިޔަސް ހެވެވެ. ގަވާއިދުން ސްޕާއަށާއި ޖިމަށާއި
ގޮސްގެން ކަމަށްވިޔަސް ވެހެވެ. ދުރު ދަތުރުތައްކޮށް ޢާއިލާއާއި ރަހްމަތްތެރިންނަށް
ޒިޔާރާތް ކޮށްގެންކަމަށްވިޔަސް ވެހެވެ. ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސަށް
ވަގުތުކޮޅެއް ހުސްކޮށްލައިގެން އެ ވަގުތު އެކަނިވެލައިގެން ކަމަށްވިޔަސް ވެހެވެ.
އެހެން މަންމަމެން ކައިރީ ތިމާއަށް ހުރި ދަތިތަކުގެ ވާހަކަ ހުއްޓާނުލާ ދައްކައިގެންކަމަށް
ވިޔަސް ވެހެވެ. ކުދިންކޮޅަށް ކުރިޔަށްވުރެ ގިނައިން ޓީވީ ދައްކައިގެން
ކަމަށްވިޔަސް، ގޭތެރެ ސާފުކުރަން މީހަކު ގެނެސްގެންކަމުގައި ވިޔަސް އަދި ތިމާ
ކުރާހިތްވާ ކޮންމެވެސް ކަމަކަށް ވަގުތުހުސްކޮށްގެން ކަމަށްވިޔަސް ވެހެވެ. ކޮންމެ
ކަމެއް ކޮންމެ ގޮތަކަށް ކޮށްގެން ކަމަށްވިޔަސް ވެހެވެ. ނުކުރެވި ހުރި ކަންކަން
ކުރެވޭނެ ގޮތް ހޯދާށެވެ. އެކަންކަން ހަމަޖައްސާށެވެ. ބޭނުންވާ ކަމެއް
ހާސިލްކުރާށެވެ. އެ ހުރިހާ ކަމެއް ކޮށްގެންވެސް ތިމަންމަމެންގެ ދަރިންނަށްޓަކައި
ތިއީ އުފާވެރި މަންމައަކަށް ވާން އެބަޖެހެއެވެ. އެކުދިންނަށް އުއްމީދުދޭ ލޯބިވެތި
މަންމައަކަށް ވާން އެބަޖެހެއެވެ.
އަހަރެން ބޮޑުވީ ރުޅިއައިސްފަ
ހުންނަ މަންމައަކާއެކުގައެވެ. އަހަރެންގެ ދަރިންވެސް އެފަދަ މަންމައަކާއެކު އުޅެ
ބޮޑުވާކަށް އަހަރެން ފުރުޞަތެއް ނުދޭނަމެވެ.
------------- (ނިމުނީ) --------------
31 އޮކްޓޯބަރ 2017 - އަންގާރަ
31 އޮކްޓޯބަރ 2017 - އަންގާރަ

