Sunday, May 10, 2026

"މަންމާ" ގެ ރަން ތާޖު

 


"މަންމާ" ގެ ރަން ތާޖު އެހެން ހުރިހާ ތާޖަކަށްވުރެން ވިދައެވެ.

އަހަރެންވެސް އޭގެ ތާޖެއް ބޭނުންވިއެވެ.

ކުޑަކުއްޖެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެނުނީ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއެކެވެ.
ދެންވެސް އަންހެން ކޮއްކޮއެކެވެ.
ދެންވެސް އަންހެން ކޮއްކޮއެކެވެ.
ދެން ފިރިހެން ކޮއްކޮއެކެވެ.
އަނެއްކާވެސް އަންހެން ކޮއްކޮއެކެވެ.
މިއަދު މިއީ އެ ހުރިހާ ކުދިންގެ ދޮށީ "ދައްތަ" އެވެ.
އަލްޙަމްދު ލިﷲ

ފުރަތަމަ ކޮއްކޮ ލިބުނު ދުވަހުން ފެށިގެން މިވީ އެތަކެއް އަހަރުތެރޭގައި އެތަކެއް ކުދިން ގެންގުޅެފީމެވެ.
އެތަކެއް ކުދިން ފެންވަރުވާ ރީތިކޮށްފީމެވެ.
އެތަކެއް ކުދިން ފުނާ އަޅުވާ ފުށް ޖައްސާ ނެޕީ ޖައްސާ ހަދައިފީމެވެ.
އެތަކެއް ކުދިންނަށް ކާންދީ ބުއްފުޅި ގިރައިދީފީމެވެ.
އެތަކެއް ކުދިންނަށްޓަކައި ރޭގަނޑުގެ ނިދިންވެސް މަޙްރޫމްވެއްޖައީމެވެ.
ކުރާހިތުންނެވެ. އުފަލުންނެވެ. ލޯބިންނެވެ.

ބައެއްކުދިންގެ ޖަނާޒާއަށްވެސް ދެވުނެވެ.
ބައެއް ކުދިންގެ ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބުނެވެ.
ޢާއިލާގެ މީސްމީހުންގެ ކުދިންނެވެ. ރަޙްމަތްތެރިންގެ ކުދިންނެވެ.
ދިޔައީ އެ ކުދިންނާއެކުގައި ވާހިތުންނެވެ. އެހިތާމައިގައި ބައިވެރިވާހިތުންނެވެ.
އިންތިހާ ލޯބިންނެވެ.

މިއަދު މިއީ އެތައް ކުދިންނެއްގެ "ދައްތަ" އެކެވެ.
އެއްބަނޑު ކުދިން ހަމައެކަނި "ދައްތަ" ކީނަމެވެސް މިކުދިންތައް ދައްތަ ކިޔަނީ އަހަރެންގެ ނަމާވެސް ގުޅުވައިގެންނެވެ.
އުފަލުން ހިތް ފުރެއެވެ.
އުފަލުން ހިތް ރޮއެހަދައެވެ.
ހެއްދެވި ފަރާތަށް ޝުކުރު ކުރަމެވެ.
އަލްޙަމްދު ލިﷲ

ޒުވާން ޢުމުރު ފުރާއިން ފެށިގެން އަހަރެންވެސް ބޭނުންވިއެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ "ފުށްގަނޑެއް" ކެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ ނަފްސުން "އެތިކޮޅެއް" ކެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ "ލެއިން" ފެންދީގެން ހައްދާނެ ރީތި ގަހެކެވެ.
އެހެން އަންހެނުންހެން "މަންމަ" އަކަށް ވުމަށް އަބަދުވެސް އެދެވުނެވެ.

ހުރިހާ އުއްމީދަކާއި ހުވަފެނެއް މި ދުނިޔޭގައި ޙަގީގަތަކަށްވެސް ނުވާނެއެވެ.
އެކަން ގަބޫލުކުރަން ޖެހޭނީ ޝުކުރުވެރިކަމާއެކުގައެވެ.
ބައެއް މީހުންނަށްޓަކައި އުއްމީދާ ހަގީގަތާ ދެމެދުގައި ދުރު ރާސްތާއެއް ވެއެވެ.
ޢުމުރެކޭ އެއްފަދައިން ވަގުތުވެސް ހުއްޓިގެނެއް ނެތެވެ.
އަހަރެމެންގެ ތަދުބީރަށްވުރެ ރަޙްމާންވަންތަ ރަޙީމްވަންތަ ކަލާނގެ ތަޤްދީރު ކުރައްވާފައިވާނީ މާ ފުރިހަމައަށެވެ.
އެކަލާނގެ ނިންމެވުމާމެދު އެއްވެސް ޝަކުވާއެއް ނެތެވެ.
އަލްޙަމްދު ލިﷲ


މިއަދު މިއީ ފަސްކޮއްކޮއެއްގެ ދައްތައެކެވެ.
ހަ ކުއްޖެއްގެ ބޮޑުދައިތައެވެ.
އަށާރަ ކުއްޖެއްގެ ދެބެއިންގެ ދެ ދަރި ދައްތައެކެވެ.
އަދި އެތައް އެތައް ކުދިންނެއް އަހަރެންގެ ނަމާ ގުޅުވައިގެން ދައްތަ ކިޔައެވެ.

ނަމަވެސް މިއީ "މަންމަ" އެއް ނޫނެވެ.

އަލްޙަމްދުލިﷲ ޝުކުރު . ހުރިހާ ޙަމްދަކާއި ޘަނާ ވަނީ އެންމެ އޯގާވަންތަ ރަސްކަލާނގެ ހަޟްރަތަށެވެ.
އެކަލާނގެއަށް ޝުކުރުވެރިވަނީ ހިތުގެ އަޑިން ރުހިގެން އުފަލާއެކުގައެވެ.

ދުޢާ އަކީ މަންމައަކަށް ވުމުގެ ހެޔޮ ނަޞީބު ލިބުނު ފަރާތްތައް އެ އަމާނާތަށް ރައްކާތެރިވެ، ދެދުނިޔޭގެ އުފާ އެ ކުދިންނަށް ލިބޭނެހެން ބަލައި ބޮޑުކުރުމެވެ.
މާތް ﷲ ތިޔަ ހުރިހާ މަންމައިންނަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން !

~
ފަތިސްތަރި ޞޮފާ / 10052026 ~

Wednesday, May 6, 2026

 


ލޮބުވެތި ފިރިންނޭވެ !

ވަރުބަލިވެފައިވާ އަނބިމީހާ ކައިރީ "ހަމަޖެހޭށޭ" ނުބުނާށެވެ.

 

ވަރުބަލިވެފައިވާ އަނބިމީހާ ކައިރީ، ޚާއްޞަކޮށް އެފަދަ މަންމައެއް ކައިރީ "ހަމަޖެހިލަބަލަ" ނުބުނާށެވެ.

އޭނަގެ ކަންކަން ހުންނަ ގޮތުން އޭނަދެކެ ރުޅިން އޭނައާއި ދުރުގައި ނުހުންނާށެވެ.

 

އޭނައާއި ވާހަކަ ނުދައްކާ ހިމޭންކަން އިޚްތިޔާރު ނުކުރާށެވެ.

އޭގެ ބަދަލުގައި އޭނައަށް އެހެން އެވާ ސަބަބު ވިސްނޭތޯ މަސައްކަތް ކުރާށެވެ.

 

ބައެއްފަހަރަށް އެއީ ކޮންމެވެސް ހިތްދަތިކަމެވެ.

އެއީ ބުރަކޮށް އުޅެންޖެހުމުން ވެފަ ހުރި ވަރުބަލިކަމެވެ.

އެއީ ހުރިހާ ކަމެއް އެކަނި ކުރަންޖެހޭތީ އެކަމުގެ އިހްސާސުން އަންނަ ހިތްހަމަނުޖެހުމެވެ.

 

ބައެއްފަހަރަށް އެއީ ކުދިން "ބަސްނައަހާތީ" ވާ ގޮތެކެވެ.

އެއީ ކުދިން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްނުދެވޭތީ ވާ ކަންބޮޑުވުމެއްގެ ނަތީޖާއެވެ.

އެއީ އެ ކުދިންގެ މައްޗަށް ޢާއިލާގެ އެހެން މީހެއް ނުވަތަ ބަޔެއްގެ ނުފޫޒު ގަދަކުރާތީ އެކަން ނުހުއްޓުވިގެން އަންނަ ރުޅިއެކެވެ.

 

ބައެއްފަހަރަށް އެއީ ހަމަ އެކަނި ފައިސާގެ މައްސަލައެކެވެ.

އެއީ އަތުގައި ހުންނަ ހުރިހާ ފައިސާއެއް ހަމަ ނޭނގިހުއްޓާ ހުސްވާތީ ވާ ގޮތެކެވެ.

ގެއަށް ބޭނުންވާ ކޮންމެވެސް އެއްޗެއް ނެތުމުން ވާ އުނދަގުލެކެވެ.

 

ބައެއްފަހަރަށް އެއީ ބޭނުންވާ ވަރަށް މިނިވަންކަން ނޯންނާތީ ވާ ގޮތެކެވެ.

ބޭނުންވާ ވަރަށް ހުސްވަގުތު ނޯންނާތީ ވާ ގޮތެކެވެ.

ބޭނުންވާވަރަށް ނިދާނުލެވޭތީ ވާ އުނދަގުލެކެވެ.

 

ޖުމްލަކޮށް ބުނާނަމަ އެއީ އޭނަގެ ހިތްހަމަނުޖެހުމެކެވެ.

އޭނާގެ ހުރިހާ އުދާހަކީ އޭނަގެ ހިތްހަމަނުޖެހުމެވެ.

 

މި ހުރިހާ ކަމަކަށްވެސް އޮންނާނީ ހަމަ އެންމެ ޙައްލެކެވެ.

އެއީ އޭނައަށް އެވާގޮތް އެނގި އެކަމަށް އެހީތެރިވާނެ މީހެކެވެ.

އޭނައާއެކު މަޑުމަޑުން އިނދެލާނެ މީހެކެވެ.

އޭނަގެ ހަށިގަނޑު ވަށާލައި ހިފަހައްޓާލަދޭނެ ދެއަތެކެވެ.

އެއީ އޯގާތެރި ބަސްތަކަކުން އޭނަގެ ހިތަށް ހަމަޖެހުން ދޭނެ މީހެކެވެ.

އެއީ ތިބާއެވެ.

 

އާނއެކެވެ. އެއީ ތިބާއެވެ.

އޭނައަށް އެހެން އެވާ ސަބަބު ބަލައި އެ ސަބަބު ކުޑަކޮށްލަދެވޭތޯ ނުވަތަ ފޮހެލަދެވޭތޯ ބަލާށެވެ.

އަންހެނަކަށްޓަކައި ފައިސާ އާއި މުދަލަކީ ހުރިހާ އެއްޗެއް ނޫނެވެ.

އަންހެނަކަށްޓަކައި އެންމެ މުހިއްމުވާނީ އަބަދުވެސް އެ އަންހެނަކު "ފެންނަ" މީހެކެވެ.

 

އަންބަކަށްޓަކައި އަމުދުން މުހިއްމުވާނީ ، އެކުގައި ކިތަންމެ ޒަމާނެއް ހޭދަވިޔަސް "ބަދަލެއް ނައިސް" އޭނައަށް ޝައުގުވެރިވާ ފިރިއެކެވެ.

އެ އަންހެނެއްގެ ހިތްހަމަޖެހުމާއި، ނުރުހުމާއި، އުނދަގޫވާ ޒާތުގެ ކަންކަމަކީ ކޮބައިކަން ވަކިކުރަން އެނގޭ ފިރިއެކެވެ.

އެ އަންހެނެއްގެ އެންމެ ދަތިވަގުތުތަކުގައިވެސް އޭނަ ކުށްވެރިނުކޮށް އެކުގައި ވާނެ ފިރިއެކެވެ.

 

ނަސޭޙަތްދީ މަޝްވަރާ ދިނުންވެސް އަންނާނީ އޭގެ މާ ފަހުންނެވެ.

ފުރަތަމަ ކަމަކީ އޭނައަށްޓަކައި އޭނައާ އެކުގައި ހުރުމެވެ.

އެކަން ކުރެވޭނީ ތިބާއަށެވެ.

 

ޝައުގުވެރިކަން އަބަދަކު އެއްގޮތަކަށް ދެމި ނޯންނާނެއެވެ.

އެއީ ދުނިޔޭގެ އާދައެވެ.

އެހެންނަމަވެސް އެ ޝައުޤުވެރިކަން އަބަދުމެ ގާއިމުވެފަ އޮންނާނެ ގޮތަށް މަސައްކަތް ކުރާށެވެ.

އެއީ ގައިމުވެސް ކުރެވޭނެ ކަމެކެވެ.

 

އެކަކު އަނެކަކަށް ކުރާ އުއްމީދުން ހިތްވަރު ލިބިގަންނާށެވެ.

ރާވައިގެންވިޔަސް އުފާވެރި ހަނދާންތައް ގާއިމު ކުރާށެވެ.

ވަކިވެގެން ދިއުމުގެ ބަދަލުގައި އަބަދުވެސް ކެތްތެރިކަމާއެކު އެކަކު އަނެކަކަށް ޚިޔާރު ކުރާށެވެ.

ކިތަންމެ ދަތިވިނަމަވެސް ވާހަކަ ދައްކައިގެން އިހްސާސްތަކާއި ކަންބޮޑުވުންތައް ފާޅުކުރެވޭތޯ ބަލާށެވެ.

ހަލާކު ކުރުމުގެ ބަދަލުގައި ހައްލު ކުރެވޭތޯ ބަލާށެވެ.

 

ސަބަބަކީ ތޯއެވެ؟

ލޯތްބަކީ އެއްކަލަ "ވިދުން" އަބަދު އެއްގޮތަކަށް ބެހެއްޓުމެއް ނޫނެވެ.

ލޯތްބަކީ އެ ވިދުން ގެންނަން މަސައްކަތް ކުރަން ކެރުމާ، އެނގުމާ އެ ޝައުޤު ހުރުން ކަމަށް ވާތީއެވެ.


                                        ~ފަތިސްތަރި ޞޮފާ /06052026~


Tuesday, May 5, 2026



 ތިމާގެ އަމިއްލަ ޙަޔާތުގެ ނިންމުންތައް ނިންމުމުގައި ޢާއިލާއާއި ގާތް ރައްޓެހިންގެ ލަފާއާއި މަޝްވަރާ ހޯދުމަކީ ޢާއްމު ކަމެކެވެ.

އެހެނަސް ދަންނާށެވެ.

ތިބާ ނިންމާ ނިންމުމާއެކު އުޅޭނީ ތިބާއެވެ.

ލަފާ ދިން މީހުނެއް ނޫނެވެ.

ގޮތް ނިންމަންވާނީ ތިބާއެވެ.

އަދި އެ ނިންމުން އެ ނިންމެނީވެސް ޚުދު ތިބާއާއި ދޭތެރޭގައެވެ.

ވިސްނާފައި ނިންމާށެވެ.


~ ފަތިސްތަރި / 03052024



Sunday, May 3, 2026

ހިމޭން ވުޖޫދު

 

ކޮންމެ ޢާއިލާއެއްގައިވެސް "ހިމޭން" އެކަކު ހުންނާނެއެވެ.

 

އެއީ އެ ޢާއިލާގެ ބޮޑު ޙަގީގަތެއް ލަހުން ވިސްނުނު މީހާއެވެ.

ނޫނީ އެހިތި ޙަޤީޤަތް އެނގިހުރެވެސް އެކަން ޤަބޫލުކުރަން ޢުޒުރުވެރިވި މީހާއެވެ.

 

އެހެނަސް އެއްދުވަހަކު އޭނަގެ ހިތް އެއްކޮށް ޒަޚަމްވެއެވެ.

 

އެ ދުވަހަކީ އެއްވެސް މީހަކު އެމީހެއްގެ ޢާއިލާގައި ހިމެނެން "މަސައްކަތް" ކުރަން ނުޖެހޭނެކަން އޭނައަށް ޤަބޫލު ކުރެވުނު ދުވަހެވެ.

އެއީ ޚުދު ތިމާގެ ޢާއިލާ ބިނާވެފައި އޮތީ ތިމާއާއި ނުލާކަން އޭނާއަށްފަހުމުވި ދުވަހެވެ.

 

އެހިސާބުން އޭނާ ހިމޭންކަން އިޚްތިޔާރުކުރެއެވެ.

ބުނެދީ ޙިއްސާކޮށް ހެދި ވާހަކަތައް އޭނަ ހުއްޓާލައެވެ.

ރޮއި އާދޭސްކޮށް އެދުނު އެދުންތައް އޭނަ ހުއްޓާލައެވެ.

ޢާއިލާގެ މެމްބަރެއްކަމުގެ އިހްސާސްވާން ކުރިމަސައްކަތް އޭނާ ހުއްޓާލައެވެ.

 

މަޑުމަޑުން ފެއަށް ޖެހެން ފަށައެވެ.

ރުޅިވެރިކަމެއް ހަސަދައެއް ނެތް މަޑުމޮޅި ހިތަކާއެކު އޭނަ ހިމޭންވިއެވެ.

 

އިވޭ އަޑުތައް ނީވޭކަމަށް ހަދައެވެ.

ކަންކަމުގެ ޙަޤީޤަތް ކިޔާދިނުން މުހިއްމު ނުވާން ފެށިއެވެ.

ކޮންމެ ކަމަކަށްވެސް އޮންނަ ޖަވާބަކަށް "އެންމެ ރަނގަޅު" ވެގެން ދެއެވެ.

 

ޢާއިލީ ގުޅުމަކީ ނުކެނޑޭނެ ގުޅުމަކަށްވާތީ ހިމޭންކަން އޭނަ އިޚްތިޔާރު ކުރިއެވެ.

ހިތުގަ އޮތް ލޯތްބާއި ކުލުނާއި ތިމާދެކެ އެމީހުން ލޯބިވާން އެދޭ އެދުން ފޮހެވުނީއެއް ނޫނެވެ.

 

އެކަންކަން ނުލިބޭނެކަން ޤަބޫލުކުރެވުނީއެވެ.

 

ކުރިން ނޭނގުނު ނަމަވެސް، އެނގުމަށްފަހު ދެން އިތުރަށް އަމިއްލަ ނަފްސަށް އަނިޔާވެރި ވާން ބޭނުން ނުވީއެވެ.

~ފަތިސްތަރި ޞޮފާ /03052026~