Tuesday, September 22, 2026

 



އެކަނިވެރި މައިންނަށް : އެފަދަ މީހަކު އިޚްތިޔާރު ކުރީ ކީއްވެ؟؟؟
އެމީހުން އަހައެވެ.

ޖަވާބު އަހަރެން ދިނީމެވެ.
ވަރަށް ދިގުކޮށް ވަރަށް ތަފްޞީލުކޮށް ޖަވާބު ދިނީމެވެ.

އަހަރެންގެ ދެދަރިންގެ ބައްޕަ އިޚްތިޔާރުކުރުމުގައި އަހަރެން ކުށެއް ނުކުރަމެވެ.
އޭނާގެ ދަރިންނަށް ބޭނުންވާފަދަ ބައްޕައަކަށް ނުވުމަށް ނިންމީ ޚުދު އޭނައެވެ.


އެކަނިވެރި މައިންނާމެދު ގޮތް ނިންމުމަކީ މީހުންނަށް ވަރަށް ފަސޭހަ ކަމެކެވެ.
އެކަމަކު އެކަނިވެރިމަޔަކަށް ވާން ބޭނުންވި އެއްވެސް އަންހެނަކު ހުރިތޯ ސާރވޭއެއް ކޮށް ދިރާސާ ނުކުރަނީ ކީއްވެހެއްޔެވެ.

މުސްތަޤުބަލުގައި ވާނެގޮތް ކުރިން ބައެއް މީހުންނަށް އެނގެނީ ހެއްޔެވެ؟
"
ތިޔަފަދަ މީހަކު އިޚްތިޔާރުކުރީ ކީއްވެ؟" ހެއްޔޭ މީހުން އަހަނީ އެހެންވީމަހެއްޔެވެ؟
މީހުންނަކީ އެމީހުންގެ އަސްލު ސިފަ ކުރިން އެނގޭނޭހެން ނުވަތަ އިންޒާރުގެ ލޭބަލް ޖަހާފައި ތިބޭ ބައެއް ހެއްޔެވެ؟

އަހަރެން ދަރިން ހޯދީ ބީރައްޓެހި މީހަކާ އެކުގައެއް ނޫނެވެ.
އަހަރެން ދަރިން ހޯދީ އަހަރެން ދެކެ ލޯބިވާކަމަށް ބުނި މީހަކާ އެކުގައެވެ.
އާއިލާއެއް ބިނާކުރުމުގެ ވާހަކަ ދައްކައި، ވައުދުތައްވެ، އެކުގައި އުޅޭނެ މުސްތަޤުބަލެއްގެ ހުވަފެންތައް ދެއްކި މީހަކާ އެކުގައެވެ.
އަހަރެން އޭނާއަށް އިތުބާރު ކުރީ ލޯތްބަކީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ އެއްޗަކަށް ވާތީއެވެ.
އޭނަވެސް އަހަންނާ އިނީ އޭނަގެ އަމިއްލަ އިޚްތިޔާރުގައެވެ.
އަހަންނަށްވުރެ ބޮޑަށް އަހަންނާ ކައިވެނި ކުރަން ބޭނުންވެގެން އުޅުނީވެސް އޭނައެވެ.
ދަރިން ލިބުމުން އެ މަސްއޫލިއްޔަތުތަކުން ރެކި، އެއް ދުވަހަކުން އޭނާ އަހަރެމެން ދޫކޮށްލާނެ ކަމަކަށް އަހަރެން ދުވަހަކުވެސް ހީއެއް ނުކުރަމެވެ.

ކޮންމެ މީހަކުވެސް ދަންނަން ޖެހޭ ޙަގީގަތަކީ މިއީއެވެ.
ގުޅުމެއް ނިމުމަކަށް އަތުވެދާނެއެވެ. ނަމަވެސް ބެލެނިވެރިކަމަކަށް ނިމުމެއް ނެތެވެ.
ދެމީހުންގެ މެދުގައި އޮންނަ ލޯބި ފަނޑުވެދާނެއެވެ. ވަކިވެ، ދެމީހުން ދެމަގަކަށްވެސް ހިނގައިދާނެއެވެ.
ނަމަވެސް ބޮޑު ދެ މީހެއްގެ މެދުގައި އޮތް ގުޅުން ނިމުމަކަށް އައުމަކުން، ދަރިއަކަށް ބޭނުންވާ ލޯތްބާއި، ސަމާލުކަމާއި، އިރުޝާދާއި، އެހީތެރިކަމަކަށް ބަދަލެއް ނާދެއެވެ.

ވަކިވުމަކުން ކައިވެންޏެއް ނިމިދާނެއެވެ.
އެހެނަސް އެއީ ދަރިންގެ މައްޗަށް އޮތް މަސްއޫލިއްޔަތު ނިމުމަކަށް އަންނަންޖެހޭ ސަބަބެއް ނޫނެވެ.
އެކަނިވެރި މައެއްގެ ގޮތުގައި އަހަރެން މި އަދާކުރަނީ އެ މަސްއޫލިއްޔަތެވެ.
އެހެންކަމުން، "ނުބައި" މީހަކު އިޚްތިޔާރުކުރީ ކީއްވެތޯ މައިންނާ ސުވާލުކުރުން ހުއްޓާލަން ޖެހެއެވެ.

އެކަނިވެރި ކޮންމެ މަޔަކީ ނުވިސްނާ ކައިވެނި ކުރިމީހެއް ނޫނެވެ.
އެކަމަކު އެއީ އަމިއްލަ ޙަޔާތުގެ ލަގަން އެހެން މީހެއްގެ ބަރޯސާއަށް ދޫކޮށްލައި ކައިވެނީގެ މާތް ގުޅުމުން ގުޅުނު މީހެކެވެ.
އެއީ އެކުގައި ހުންނާނެ ކަމަށް ވައުދުވި މީހާ، އެ މަސްއޫލިއްޔަތުން ދުރުވާން ނިންމިކަން އަދިވެސް ގަބޫލުކުރަން ދަތިވެފަ ހުރި މަންމައެކެވެ.
އެހިސާބުން ހުރިހާ ޒިންމާއެއް އުފުލަން އޭނައަށް މަޖްބޫރުވަނީއެވެ.
ބިރުވެރިކަމާއި، ވަރުބަލިކަމާއި، މާޔޫސްކަމާއި، ހިތްދަތިކަމާ އެކުވެސް އެ މައިން ކުރިއަށް ދެއެވެ.

ހެނދުނު ހެނދުނާ ހޭލައެވެ.
ވަޒީފާއަށް ދެއެވެ.

ބިލްތައް ދައްކައެވެ.
ކައްކައި، ކާންދެއެވެ.
އޯގާތެރިވެ، ހިތްވަރު ދެއެވެ.
ދަރިންނަށް ކަންކަން ދަސްކޮށްދީ، ރައްކާތެރިކަން ފޯރުކޮށްދެއެވެ.
ހުރިހާ ހަކަތައެއް ހުސްވާ ދުވަސްދުވަހުވެސް، އެ މައިން ދަރިންނަށްޓަކައި ސާބިތުވެ ތިބެއެވެ.
އެފަދަ މަންމަމެންނަކީ އެންމެ ފުރިހަމަ މީހުންނަށް ނުވެދާނެއެވެ.
ނަމަވެސް އެއީ ދަރިންނަށްޓަކައި ހާޒިރުވެ ތިބޭ މީހުންނެވެ.
އަދި ހަގީގީ ހިތްވަރަކީވެސް އެއީއެވެ.
މުޖްތަމަޢުގެ ފުރައްސާރަ ލިބެނީ މިޒިންމާގައި ހިމެނޭ އަނެއްމީހާ ދިޔަހެން އެ މަންމަ ނުދިޔައީމަ ހެއްޔެވެ؟

އާނއެކެވެ ! މިއީ ޒިންމާދާރުކަމާ ގުޅިފައިވާ ކަމެކެވެ.
އަޑަށްބާރުލާފައިވެސް އެހެން ބުނާނަމެވެ.
މިއީ ދަރިއެއްގެ ދިރިއުޅުމުގައި ބައިވެރިވުމަށް ނުވަތަ ނުވުމަށް ބައްޕައަކު ނިންމާ ނިންމުމެކެވެ.
ދަރިއަކު ބެލުމުގެ ހުރިހާ ބުރައެއް އެކަނި އުފުލަމުންދާ މައަކަށް އިނގިލި ދިއްކުރުމުގެ ކުރިން، މި ސުވާލު އުފައްދާލަބަލާށެވެ:
ޒިންމާ އުފުލަން ހުރި މީހާއާ މެދު ސުވާލު އުފެއްދުމުގެ ބަދަލުގައި، ޒިންމާއިން ރެކިގަތް މީހާއާ މެދު ސުވާލު ނުއުފައްދަނީ ކީއްވެ ހެއްޔެވެ؟

އެކަނި ދަރިއަކު ބޮޑުކުރުމަކީ އެއްވެސް މަޔަކު ދެކޭނެ ހުވަފެނެއް ނޫނެވެ.
ގިނަ މައިންނަށް އެއީ މަޖުބޫރުވެފައިވާ ހަގީގަތެކެވެ.
އެހެނަސް...އެމީހުން ސާބިތުވެ ތިބެއެވެ.
އެމީހުން ކުރިއަށް ދެއެވެ.

އެމީހުންގެ ތަދުތައް ހިތްވަރަށް، ވަރުބަލިކަން ކެތްތެރިކަމަށް، އަދި ލޯބި އުފާވެރި މާހައުލަކަށް ބަދަލުކުރެއެވެ.
އެފަދަ މައިންވެސް އެ މައިމީހާގެ ދަރިންނަށްޓަކައި ބިނާ ކުރަނީ ހަމަ ގެއެކެވެ.

އެމީހާއަށް ލިބިފައިހުރި ވަޞީލަތްތަކުގެ މައްޗަށެވެ. ވެވުނު އެންމެ ފުރިހަމައަކަށެވެ.
އެއީ ޙަޔާތުގެ އެއްވެސް ހިސާބެއްގައި މީހަކު ތިމާ ދޫކޮށްފަ ދިޔުމަކީ ތިމާގެ ނިމުން ނޫންކަން ދަރިންނަށް ދަސްކޮށްދޭ ގެއެކެވެ.
ފުއްދައިނުދެވޭ ވައުދުތަކަކީ މުސްތަޤުބަލު ހަލާކުވާންޖެހޭ ސަބަބެއް ނޫންކަން އަންގައިދޭ ގެއެކެވެ.
އަދި މާޔޫސްކަމަށްފަހުވެސް ލޯބި ލިބިދާނެކަން ސާބިތުކޮށްދޭ އެވާހަކަ ދަރިންނަށް ބުނެދޭ ގެއެކެވެ.
ޢާއިލީ ގުޅުމަށްވުރެ މާތް މުޤައްދަސް ގުޅުމެއް ނުވާނެކަމަށް ދަރިންނަށް ބުނެދޭ ގެއެކެވެ.


ޢާއިލީ ގުޅުމުން އެކަކު ނެއްޓިގެން ދިޔަނަމަވެސް ހުންނަން ބޭނުންވާ މީހާއަށް މަޑުކުރެވިދާނެއެވެ.
އަދި ދެމީހުންގެ ފަރާތުން ލިބެންވާ ވަރަށް އެކަކު އެކަންޏަށްވެސް ދަރިންނަށް ލޯބި ދެވިދާނެއެވެ.
އެކަނިވެރި މަންމައަކު މިފަދަ ޙާލަތަކަށް މާ ބޮޑަށްވެސް ފުދެއެވެ.
ދުނިޔެ މިކަމަށް ހެކިދެއެވެ.

އެކަނިވެރި މަޔަކަށް ވުމަކީ އެއްވެސް އަންހެނަކު ގަސްތުގައި ޚިޔާރު ކުރާ ކަމެއް ނޫނެވެ.
އަހަރެންގެ ޙަޤީޤަތް އެނގޭނީ އަހަންނަށެވެ.
އެހީތެރިކަމެއް ނުދެވޭއިރު ފާޑު ނުކިޔާށެވެ.
އަހަންނާބެހޭ ގޮތުން ހެޔޮބަހެއް ނުބުނެވޭއިރު ހިމޭނުން ހުރުން މާ ރަނގަޅުވާނެއެވެ.

~ ފަތިސްތަރި ޞޮފާ / 22092026 ~

Monday, September 21, 2026

 


މަންމަގެ ދުޢާ އާއި ނަސޭޙަތް 🥰

މަންމައަކު މުސްކުޅިވާ ދުވަހު، އޭނަގެ އަޖަލުހަމަވެގެން މި ވަގުތީ ދުނިޔެ ދޫކޮށްދާންޖެހޭ ވަގުތު އަތުވެދާނެތީ ކަންބޮޑުވާ ވަރަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވާ ކަމެއް އޮވެއެވެ. އެއީ އޭނާ ނެތް ދުވަހަކުން، އޭނާގެ ދަރިން އެކަކު އަނެކަކާ ދުރުވެ، ގުޅުން ކެނޑިގެން ހިނގައިދާނެތީއެވެ.

އެ މަންމަ ވިސްނާނެއެވެ.

މިއަދު އަހަރެންގެ ދަރިންނަކީ ބޮޑެތި މީހުންނެވެ. އެކުދިންގެ އަމިއްލަ ވަޒީފާއާއި، ބައިވެރިންނާއި، މަސްއޫލިއްޔަތުތަކާއި، އަމިއްލަ ދިރިއުޅުމެއް އެބައޮތެވެ. ދުވަސްތައް ފާއިތުވަމުންދާއިރު، މައިންބަފައިންނަކީ ދަރިންގެ ދުނިޔޭގެ މައި މަރުކަޒު ކަމުގައި ނުވެދާނެކަން އަހަރެން ގަބޫލުކުރަމެވެ. އެއީ ދުނިޔޭގެ އާދައެވެ.

އަހަރެން އެކުދިންގެ ނިންމުންތަކާ ބެހޭކަށް ނުވަތަ ދިރިއުޅެންވީ ގޮތް ބުނެދޭކަށް ބޭނުމެއް ނޫނެވެ. އަދި ހަމައެކަނި މަޖުބޫރުކަމެއްގެ ގޮތުގައި ދެކިގެން އަހަރެންގެ ގާތުގައި ތިބޭކަށްވެސް ބޭނުމެއް ނޫނެވެ.

އެކުދިންގެ ކިބައިން އެދެން ބޭނުންވަނީ ހަމައެކަނި އެންމެ ކަމަކަށެވެ. އެއީތޯއެވެ.

އެއީ އެކަކު އަނެކަކުގެ އަތުން ދޫނުކުރުމަށެވެ.

ކޮންމެ ފަދަ ހާލަތެއް މެދުވެރިވި ނަމަވެސް، އެކަކު އަނެކަކަށް އަޅާލުމަށެވެ. ވާހަކަދައްކައި، ހާލުބަލައި އުޅުމަށެވެ. ދެބަސްވުމެއް ނުވަތަ ހިޔާލު ތަފާތުވުމެއްގެ ސަބަބުން ނުވަތަ ވަގުތާއެކު އެކަކު އަނެކަކަށް ބީރައްޓެހިންނަށް ނުވުމަށެވެ.

ދިރިއުޅުމަކީ ބަދަލުވާ އެއްޗެކެވެ. ދާންޖެހޭ މަގުތައް ތަފާތުވެދާނެއެވެ. އާއިލާތައް ބޮޑުވެ، ކޮންމެ މީހަކުވެސް އަމިއްލަ ދިރިއުޅުމެއް ބިނާކުރާނެއެވެ. ނަމަވެސް، އެ ގުޅުންތަކަށް ރައްކާތެރިވެއްޖެނަމަ، އެއީ ދިރިއުޅުމުގެ އެންމެ ބޮޑު އެހީކަމުގައި ވެގެން ދާނެއެވެ. ކަމެއް ދިމާވާ ކޮންމެ ފަހަރަކުމެ އެކަކު އަނެކެއްގެ ފަރާތުން ހިމާޔަތަކަށް ވެގެންދާނެއެވެ.

މަންމަ ހިތާ ހިތާ ދަރިންނަށް ނަސޭޙަތްތެރިވާނެއެވެ.

ތިޔަ ކުދިން ބޮޑުވީ އެކުގައެވެ. އެއް ފުރާޅެއްގެ ދަށުގައި އުފާވެރި ވަގުތުތަކާއި، ހިތްދަތި ދަނޑިވަޅުތަކާއި، ސިއްރުތަކާއި، ހިނިތުންވުމާއި ކަރުނަ ހިއްސާކުރިއެވެ. ތިޔަ ކުދިން އެކުގައި ހޭދަކުރި ދުވަސްތަކަކީ ތިޔަ ކުދިން ފިޔަވައި އެހެން އެއްވެސް މީހަކަށް ފުރިހަމައަށް އިހުސާސް ނުކުރެވޭނެ ހަނދާންތަކެކެވެ.

މިއަދު މަންމަ އެކަން ހަނދާންކޮށްދޭނަމެވެ. އެކަމަކު މަންމަ ނެތް ދުވަހަކުން، އެކަން އަމިއްލަ ހަނދާނުގައި ބަހައްޓައްޗެވެ.

ދައްތަމެނާއި ބޭބެމެންނާއި ކޮއްކޮމެންގެތެރެއިން ރަނގަޅަށް ކަންކުރީ ކާކުކަން މުހިއްމު ނުކުރާށެވެ. ގޯސްއެއްޗެއް ބުނީ ކާކުކަން ބެލުން މައިގަނޑު މަގްޞަދަކަށް ނަހަދާށެވެ. ފުރަތަމަ ކުށެއް ކުރެވުނީ ކާކަށްކަންވެސް މުހިންމެއް ނޫނެވެ. ތިޔަ ކުދިންގެ މެދުގައިވާ ލޯތްބަށްވުރެ މަތިން ތިޔަ ކުދިންގެ ފަޚުރާއި ޢިއްޒަތް ފާޅު ނުކުރާށެވެ. ބޮޑާވެ ނުގަންނާށެވެ. އެކަކު އަނެކަކަށް މަޢާފް ކުރުމަށްވުރެ މުހިއްމު ކަމެއް ނުބާއްވާށެވެ. ދުވާލަކު އެއްލައްކަ ފަހަރު މަޢާފް ކުރަން ޖެހުނަސްވެސް މަޢާފް ކުރުމަށް އަވަސްވެގަންނާށެވެ.

އެއް މައެއްގެ ބަނޑުން އުފަންވި، އެއް ތާރީޚެއް ހިއްސާކުރަމުން އެކަމަކުވެސް ބީރައްޓެހި ބައެއްގެ ގޮތުގައި ނުވާށެވެ.

އެއް ސުފުރާއަކަށް ތިޔަ ކުދިން ޖަމާކުރަން އަހަރެން ނެތް ދުވަހަކުންވެސް، ތިޔަ ކުދިން އެކަކު އަނެކަކަށް ގުޅައި، ހާލުބަލައި، އެކަކަށް ބޭނުންޖެހޭ ވަގުތު އަނެކަކު އެހީތެރިވާ ކުދިންނަށް ވުމަކީ މަންމަގެ ވަޞިއްޔަތެކެވެ.

އެކަން ކުރަންވީ މަންމައަށްޓަކައެއް ނޫނެވެ.

އަމިއްލަ ނަފްސަށްޓަކައެވެ.

އެއްބަނޑު އެއްބަފާ ކަމުގެ މާނައަކީ، ތިމާގެ ދިރިއުޅުމުގެ ބައެއް ހިއްސާކުރާ، އެހެން އެއްވެސް މީހަކަށް ކިޔައިނުދެވޭނެ ފަދަ ގާތް ގުޅުމެއް އޮތުމެވެ. ދިރިއުޅުމުގެ މަގުތައް ތަފާތުވި ނަމަވެސް، އެކަކު އަނެކަކާ ބައްދަލުވާންޖެހޭ ސަބަބެއް އަބަދުވެސް އޮންނާނެއެވެ.

ކޮންމެ ފަދަ ދުވަހަކުން ނަމަވެސް މި ބަސްތައް ހަނދާންވެއްޖެނަމަ، މިކަންވެސް ހަނދާންކުރާށެވެ.

މި ދުނިޔޭގައި މަންމަ ނެތް ނަމަވެސް، ތިކުދިންގެ މެދުގައި މަންމަ އިންދި ލޯތްބަކީ މުޅި އުމުރަށް ތިކުދިން ގުޅުވައިދޭނެ ވަރުގަދަ ބާރެކެވެ.

ތިކުދިން ތަރުބިއްޔަތު ކުރުމުގައި މަންމަ ތިކުދިންގެ މެދުގައި ލޯބި ގާއިމުކުރަން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އެއްބަނޑު އެއްބަފާ ގުޅުން ގާއިމް ކޮށްދިނީ މަންމައެއް ނޫނެވެ. މިއީ އަހަރެމެން އެންމެން ހެއްދެވި މަތިވެރި، އޯގާވަންތަ ކަލާނގެ ފިޠުރަޠުން މިކަން ލައްވަވާފައިވާ ގޮތެވެ.

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގަ މާނާގައިވަނީ؛


"
ރަޙިމުގެ ގުޅުން ކަނޑާމީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ."

އަދިވެސް އެކަލޭގެފާނު ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛


"
ފަހެ އެމީހެއްގެ ރިޒުގު ތަނަވަސްވުމަށާއި އަދި އުމުރު ދިގުވުމަށް އެދޭ މީހާ ފަހެ ރަޙިމުގެ ގުޅުން ގުޅުވާށެވެ."

އެއްވެސް މަންމައަކު އެމަންމަގެ ދަރިންނަކީ ސުވަރުގެއަށް ވަނުން މަނާވާނެ ދަރިންނަށް ވާން ނޭދޭނެއެވެ. އަދި މި ދުނިޔެމަތީގައި ނިކަމެތި ޙާލުގައިވާކަށްވެސް ނެއެދޭނެއެވެ.

މަންމަގެ މި ނަސޭޙަތް ހަނދާން ނައްތާނުލާށެވެ.

މަންމަގެ ދުޢާ އަކީ ސުވަރުގެއިން މަންމަގެ ހުރިހާ ދަރިންނާ ބައްދަލުވުމެވެ.



~
ފަތިސްތަރި ޞޮފާ / 21092026 ~


Thursday, September 17, 2026

 

ކައިވެންޏެއް ބިނާވެފައި އޮންނާނީ އެ ކައިވެނީގައި ހިމެނޭ އަނބިމީހާ ކުރާ އިހްސާސްތަކެއްގެ މައްޗަށެވެ.

ކައިވެންޏެއްގައި އިހްސާސްތަކަށް އިހުމާލުވުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ ހިތްދަތިކަމަކީ ބަޔާންކުރަން ދަތި ވޭނެކެވެ.
ވާހަކަދައްކައިގެން ކަންކަން ހައްލުކުރަން އޭނާ މަސައްކަތް ކުރެއެވެ.
ހިތަށް ތަދުވާ ކަންކަން ކިޔައިދޭން އުޅެއެވެ.
ބޭނުންވާ ކަންކަމާއި އިހުސާސްތައް ބަޔާންކޮށްދޭން އުޅެއެވެ.
އެހެނަސް އެއްވެސް ވާހަކައެއް އެ ވާހަކަތައް އިއްވަން ބޭނުންވާ މީހާގެ ހިތާއި ސިކުނޑިއާއި ހަމައަށް ނުފޯރާ ފަދައެވެ.
އެފަރާތުން ދެނީ ބީރުކަންފަތެކެވެ.

އެހިސާބުން މަޑުމަޑުން ވާހަކަދެއްކުން ހުއްޓާލެވެއެވެ.
އެއީ އިތުރަށް ދައްކާނެ ވާހަކައެއް ނެތީމައެއް ނޫނެވެ.
އެހެންނަމަވެސް،
އެއް ވާހަކަތަކެއް ތަކުރާރުކޮށް ދައްކައި،
ކޮންމެވެސް ދުވަހަކުން އަނެކާއަށް އެކަން ފަހުމްވާނެ ކަމަށް ކުރާ އުންމީދުގައި ވަރުބަލިވުމުންނެވެ.

އެއް އެނދެއްގައި އޮތް ނަމަވެސް، އެކަނިވެރިކަން އިހުސާސްވާން ފަށައެވެ.
އަމިއްލަ ނަފްސާ މެދު ސުވާލު އުފެދެއެވެ.
"
އަހަރެން މިއީ މާ ގިނަ ކަންކަމަށް އެދޭ މީހެއް ހެއްޔެވެ؟"
"
އަހަރެން މިއެދެނީ ކުޅަދާނަ ނޫން ކަންކަމަށް ހެއްޔެވެ؟"
"
އަހަރެން މިއަށްވުރެ ބޮޑަށް ކެތްތެރިވާންވީ ހެއްޔެވެ؟"
"
އަހަރެންނަށް މާ ގިނައިން ވާހަކަ ދެއްކެނީ ހެއްޔެވެ؟"
"
އަހަރެން އޭނައަށް މާ އުނދަގޫ ކުރެވެނީ ހެއްޔެވެ؟"

މިގޮތުގައި ދުވަސްތައް ފާއިތުވާން ފެށުމުން ބޮޑު މަންޒަރު ފެންނަން ފަށައެވެ.

ތިމާ އެދެމުން އައީ މާ ބޮޑު ކަންތައްތަކަކަށް ނޫންކަން ގަބޫލުކުރެވެއެވެ.
ތިމާ އެދެމުން އައީ ކައިވެންޏެއްގައި ހުންނަންޖެހޭ އަސާސީ ކަންކަމަށެވެ.
އެއީ މުއާމަލާތް ކުރުމާއި، އެކަކު އަނެކަކު ދެނެގަތުމާއި، ލޯތްބާއި،
އަޅާލުމާއި، ހިތްހަމަޖައްސައިދިނުމުގެ އިތުރުން އިޚުލާޞްތެރި މަސައްކަތެވެ.
މިކަންކަމަށް އެދެވުނީތީ ލަދުގަންނަން ނުޖެހޭ ކަމާއި ކުށްވެރި ވާން ނުޖެހޭކަން އަމިއްލައަށް ގަބޫލު ކުރެވެއެވެ.

ކައިވެންޏަކީ ހަމައެކަނި ކައިވެނީގެ ދުވަހު އެކަކު އަނެކަކު ޚިޔާރު ކުރުމެއް ނޫނެވެ.
އެއީ ދިރިއުޅުމުގެ އުނދަގޫ ދުވަސްތަކުގައި ވެސް، ތަކުރާރުކޮށް އެކަކު އަނެކަކު ޚިޔާރު ކުރުމެވެ.

ދެމަފިރިންނަކީ މައްސަލަތައް ޖެހުމުން އެކަން ޙައްލުކުރަން ވާހަކަ ދައްކާ ދެމީހުންނެވެ.
ޙާލަތާއި ވަގުތުގެ ގޮތުން ވާހަކަ ނުދެއްކި ހިނގައިދާނެއެވެ.
ނޫނީ ދައްކަންފެށި ވާހަކަ ނުނިމިދާނެއެވެ.
އެހެނަސް ދިރިއުޅުން ކުރިއަށް ދާނެކަން ޔަގީނެވެ.
ނަމަވެސް ވީ އެންމެ އަވަހަށް ވަގުތު ހުސްކޮށްލައިގެން އައިސް ދެމީހުން ވާހަކަ ދައްކައި ގުޅުން ރަނގަޅުކުރަންވާނެއެވެ.
ނުފިލާވަރުގެ ލަކުނެއް އެކައިވެނީގައި ލުމުން ސަލާމަތް ކުރުމަށްޓަކައި މިއީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.

ކައިވެނީގައި ހިމެނޭ ދެމީހުން ވާންޖެހޭނީ އަނެކަކުގެ އަޑު އަހާ ދެމީހުންނަށެވެ.
ދިރިއުޅުން ބިނާކުރަން އެކުގައި މަސައްކަތްކުރާ ދެމީހުންނަށެވެ.
އެކަކު އަނެކަކަށް އޯގާތެރިވާ ދެމީހުންނަށެވެ.
ނުރުހިފަ ތިބޭއިރުވެސް، ރުޅިއައިސްފަ ތިބޭއިރުވެސް އިޙްތިރާމް ކުޑަނުކުރާ ދެމީހުންނަށެވެ.
ބުނެވުނީތީ ފަހުން ނޫނީ މުޅި ޢުމުރަށް ހިތާމަކުރަންޖެހިދާނެފަދަ ބަސްތައް އެކަކު އަނެކަކަށް ނުބުނާ ދެމީހުންނަށެވެ.
ހިތްހަމަނުޖެހުމުގައި ތިބިނަމަވެސް އެކަކު އަނެކަކަށް ކަންކަން ކޮށްލަދޭ އެހީތެރިވާ އޯގާތެރި ހިތެއްގެ ވެރިންނަށެވެ.
އެހެން ނޫންނަމަ، ސުލްޙަވެވޭ ދުވަހަކުން އެ ގުޅުމުން އިހްސާސްތައް ކެނޑިދާނެއެވެ.

ލޯބިވާ ބައިވެރިއަކު ހުރެމެ، ހުރިހާ ބުރައެއް އެކަނި އުފުލަންޖެހުމަކީ އިންތިހާ ދަރަޖައިގެ އެކަނިވެރިކަމެކެވެ.
މި އިހްސާސްކުރެވެން ފެށުމުން ފިރިމީހާއާއި ފެޔަށް ޖެހެވެން ފަށާނީ ގަސްތަކު ނޫނެވެ.

އަންހެނުންގެ ހުރިހާ ކަމެއްވެސް ބިނާވެފައިވަނީ އެމީހުން ކުރާ އިހްސާސްތަކުގެ މައްޗަށް ކަމަށްވާތީ،
ފިރިމީހާގެ ފަރާތުން ޖަޒުބާތީ އިހްސާސްތަކަށް ސަމާލުކަން ނުދިނުމުގެ ސަބަބުން،
ފިރިމީހާއަކީ ހަމަ އެކަނި ނަމަކަށް ވާކަށް މާ ގިނަ ދުވަހެއް ނުނަގައެވެ.
ޖަޒުބާތީ ގާބިލުކަން ނުވަތަ
ޖަޒުބާތުތައް ތަހައްމަލުކުރުމުގެ ކުޅަދާނަކަން ނެތް ފިރިއަކާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ގަބޫލު ކުރެވެއެވެ.

އަދި ގަބޫލުކުރަން އެންމެ އުނދަގޫވާނެ ހަގީގަތް ހާމަވެއެވެ.
ތިމާ އެދެމުން ދިޔައީ، ތިމާގެ ހިތް ބޭނުންވާ އޯގާތެރިކަމާއި އަޅާލުން ތިމާއަށް ދޭން ބޭނުންނުވާ،
ނުވަތަ އެކަމުގެ ގާބިލުކަން ނެތް މީހެއްގެ ކިބައިންނެވެ.

އެހިސާބުން އެ ގުޅުމަށް ދެން ދޭނެ ނަމެއް ނޯންނާނެއެވެ.

~
ފަތިސްތަރި ޞޮފާ / 17092026 ~


Tuesday, September 1, 2026


 

🌟ކުރެވޭނީ ކުރެވޭ ވަރުގެ ކަންކަމެވެ. ✨

ކުޑައިރު ހީކުރެވިފަ އޮތީ ހިތްދަތި ކަމެއްގައި އުޅޭ ކޮންމެ މީހަކަށް އެހީތެރިވެދީގެން ކޮންމެ ދަތި ހާލަތެއް ރަނގަޅު ކުރެވޭނެ ކަމަށެވެ.
ޒުވާން ޢުމުރާއި މެދު ޢުމުރުވެސް ދިޔައީ އެ ޢަޤީދާގައެވެ.

ނަމަވެސް، ބޮޑުވަމުން އައި ވަރަކަށް ދަސްވި ކަމަކީ، ކޮންމެ ކުރިމަތިލުމަކީ ތިމާ ކުރަންޖެހޭ ހަނގުރާމައެއް ނޫން ކަމާއި، ކޮންމެ ހިތްދަތިކަމަކީ ތިމާއަށް ފަސޭހަކޮށްދެވޭނެ ކަމެއް ނޫން ކަމެވެ.

ބައެއް ފަހަރު، ތިމާ ނޫން އެންމެންނާ ދޭތެރޭ ވިސްނުން ދޫކޮށްލަން ޖެހެއެވެ.
ބައެއްފަހަރު ތިމާގެ އަމިއްލަ ކަންކަމަށް އިސްކަން ދޭން ޖެހެއެވެ.
ބައެއްފަހަރު ތިމާގެ ކުރިއެރުމަށް އެކަނި ވިސްނަން ޖެހެއެވެ.
އަމިއްލަ ނަފްސާއި ހިތުގެ ހަމަޖެހުން އިސްކުރުމަކީ އަމިއްލަ އެދުން ބޮޑުވުމެއް ނޫނެވެ.
އެއީ ކުރަން މަޖުބޫރު ކަމެކެވެ.

އެހެން މީހުންގެ އުނދަގޫ ހާލަތްތަކުގެ ތެރެއަށް ގެއްލި ނުގޮސް، އެ މީހުންނަށް އޯގާތެރިވެވިދާނެއެވެ.
އެހާ ބޮޑަށް އެހީވާން ބޭނުންނަމަ އެކަމެއް ހޯދާށެވެ.
އެހީތެރިވާންވީ ވަގުތާއި، ދޫކޮށްލަންވީ ވަގުތު، އަދި އަމިއްލަ ހިތުގެ ހަމަޖެހުން އިސްކުރަންވީ ވަގުތު ދަސްކުރުން މުހިއްމެވެ. ❤️

އަހަންނަށް އެކަންކަން ނޭނގުނެވެ.
އެތައް ވަގުތެއް ފާއިތު ވެއްޖެއެވެ.

އެކަމަކު އަހަންނާ ދިމާވެ ވާހަކަ ދައްކާލާ ކޮންމެ މީހަކަށްވެސް ، އިންޝާالله ، މިކަން ދަސްކޮށްދޭނަމެވެ.

މިއީ މިއަދުން ފެށިގެން އަމިއްލަ ނަފްސަށް ވާ ވަޢުދެކެވެ.✨

ހަގީގަތުގައިވެސް ،
ކުރެވޭނީ ކުރެވޭ ވަރުގެ ކަންކަމެވެ.
ހުރިހާ ކަމެއް އެކަކަށް ނުކުރެވޭނެއެވެ.✨

-
ފަތިސްތަރިޞޮފާ / 01092026-

Thursday, August 27, 2026

 

 

ފުނޑުފުނޑުވެފަ ހުރި އެއްޗަކަށް އަގުހުރި އެއްޗެހި އަޅައިގެން އޭގައި އެ ހަރުލާނެ ކަމަށް ހީނުކުރާށެވެ.
އޭގެ ކުލަވެސް ވަސްވެސް އެ ދޫކޮށް ދާން ނަގާނީ ހިނދުކޮޅެކެވެ.
މި ހަޤީޤަތް ގަބޫލުކުރެވުނީމަ އެފަދަ މީހުންނާއިގެން ރޮއި ހިތާމަ ކުރާކަށް ނުޖެހޭނެއެވެ.
އަމިއްލަ ނަފްސަށް އޯގާތެރިވުން އެއަށްވުރެ މުހިއްމުވާނެއެވެ.


Tuesday, June 30, 2026

 




އަންހެނަކު ހިތްހަމަޖައްސައިދޭން ވަރަށް ކުޑަކުޑަ ކަމެއްވެސް ފުދޭނެއެވެ.
ކުޑަމިނުން ތިމާ ކައިރީގައި އޭނަ އެބައިންކަން އެނގި އެކަމަށް ސަމާލުކަން ދީފިނަމަ އެ އަންހެނަކު ކޮންމެ އަހަރެއްގެ އެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަންވެސް ފަހެއް ނުޖެހޭނެއެވެ.
އަންހެނުންނަކީ އެހާވެސް ސާދާ ބައެކެވެ. އެހާވެސް ‘ފަސޭހަ’ ބައެކެވެ.
ތިމާއަށް "ސަމާލުކަން ނު ދިނުމަކީ އެވެރިންގެ ހުރިހާ ޝަކުވާއެއްގެ މައިގަނޑު އަސާސެވެ.

ދެމަފިރިއަކު އެކުގައި ހޭދަކުރާ ކޮންމެ ވަގުތަކީވެސް އަގުހުރި ވަގުތަކަށް ހެދުން ވަރަށް މުހިއްމެވެ.
އިޙްތިރާމްއަކީ ކޮންމެ އިންސާނަކަށްވެސް އޮންނަ ޙައްޤެކެވެ.

Sunday, May 10, 2026

"މަންމާ" ގެ ރަން ތާޖު

 


"މަންމާ" ގެ ރަން ތާޖު އެހެން ހުރިހާ ތާޖަކަށްވުރެން ވިދައެވެ.

އަހަރެންވެސް އޭގެ ތާޖެއް ބޭނުންވިއެވެ.

ކުޑަކުއްޖެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެނުނީ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއެކެވެ.
ދެންވެސް އަންހެން ކޮއްކޮއެކެވެ.
ދެންވެސް އަންހެން ކޮއްކޮއެކެވެ.
ދެން ފިރިހެން ކޮއްކޮއެކެވެ.
އަނެއްކާވެސް އަންހެން ކޮއްކޮއެކެވެ.
މިއަދު މިއީ އެ ހުރިހާ ކުދިންގެ ދޮށީ "ދައްތަ" އެވެ.
އަލްޙަމްދު ލިﷲ

ފުރަތަމަ ކޮއްކޮ ލިބުނު ދުވަހުން ފެށިގެން މިވީ އެތަކެއް އަހަރުތެރޭގައި އެތަކެއް ކުދިން ގެންގުޅެފީމެވެ.
އެތަކެއް ކުދިން ފެންވަރުވާ ރީތިކޮށްފީމެވެ.
އެތަކެއް ކުދިން ފުނާ އަޅުވާ ފުށް ޖައްސާ ނެޕީ ޖައްސާ ހަދައިފީމެވެ.
އެތަކެއް ކުދިންނަށް ކާންދީ ބުއްފުޅި ގިރައިދީފީމެވެ.
އެތަކެއް ކުދިންނަށްޓަކައި ރޭގަނޑުގެ ނިދިންވެސް މަޙްރޫމްވެއްޖައީމެވެ.
ކުރާހިތުންނެވެ. އުފަލުންނެވެ. ލޯބިންނެވެ.

ބައެއްކުދިންގެ ޖަނާޒާއަށްވެސް ދެވުނެވެ.
ބައެއް ކުދިންގެ ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބުނެވެ.
ޢާއިލާގެ މީސްމީހުންގެ ކުދިންނެވެ. ރަޙްމަތްތެރިންގެ ކުދިންނެވެ.
ދިޔައީ އެ ކުދިންނާއެކުގައި ވާހިތުންނެވެ. އެހިތާމައިގައި ބައިވެރިވާހިތުންނެވެ.
އިންތިހާ ލޯބިންނެވެ.

މިއަދު މިއީ އެތައް ކުދިންނެއްގެ "ދައްތަ" އެކެވެ.
އެއްބަނޑު ކުދިން ހަމައެކަނި "ދައްތަ" ކީނަމެވެސް މިކުދިންތައް ދައްތަ ކިޔަނީ އަހަރެންގެ ނަމާވެސް ގުޅުވައިގެންނެވެ.
އުފަލުން ހިތް ފުރެއެވެ.
އުފަލުން ހިތް ރޮއެހަދައެވެ.
ހެއްދެވި ފަރާތަށް ޝުކުރު ކުރަމެވެ.
އަލްޙަމްދު ލިﷲ

ޒުވާން ޢުމުރު ފުރާއިން ފެށިގެން އަހަރެންވެސް ބޭނުންވިއެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ "ފުށްގަނޑެއް" ކެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ ނަފްސުން "އެތިކޮޅެއް" ކެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ "ލެއިން" ފެންދީގެން ހައްދާނެ ރީތި ގަހެކެވެ.
އެހެން އަންހެނުންހެން "މަންމަ" އަކަށް ވުމަށް އަބަދުވެސް އެދެވުނެވެ.

ހުރިހާ އުއްމީދަކާއި ހުވަފެނެއް މި ދުނިޔޭގައި ޙަގީގަތަކަށްވެސް ނުވާނެއެވެ.
އެކަން ގަބޫލުކުރަން ޖެހޭނީ ޝުކުރުވެރިކަމާއެކުގައެވެ.
ބައެއް މީހުންނަށްޓަކައި އުއްމީދާ ހަގީގަތާ ދެމެދުގައި ދުރު ރާސްތާއެއް ވެއެވެ.
ޢުމުރެކޭ އެއްފަދައިން ވަގުތުވެސް ހުއްޓިގެނެއް ނެތެވެ.
އަހަރެމެންގެ ތަދުބީރަށްވުރެ ރަޙްމާންވަންތަ ރަޙީމްވަންތަ ކަލާނގެ ތަޤްދީރު ކުރައްވާފައިވާނީ މާ ފުރިހަމައަށެވެ.
އެކަލާނގެ ނިންމެވުމާމެދު އެއްވެސް ޝަކުވާއެއް ނެތެވެ.
އަލްޙަމްދު ލިﷲ


މިއަދު މިއީ ފަސްކޮއްކޮއެއްގެ ދައްތައެކެވެ.
ހަ ކުއްޖެއްގެ ބޮޑުދައިތައެވެ.
އަށާރަ ކުއްޖެއްގެ ދެބެއިންގެ ދެ ދަރި ދައްތައެކެވެ.
އަދި އެތައް އެތައް ކުދިންނެއް އަހަރެންގެ ނަމާ ގުޅުވައިގެން ދައްތަ ކިޔައެވެ.

ނަމަވެސް މިއީ "މަންމަ" އެއް ނޫނެވެ.

އަލްޙަމްދުލިﷲ ޝުކުރު . ހުރިހާ ޙަމްދަކާއި ޘަނާ ވަނީ އެންމެ އޯގާވަންތަ ރަސްކަލާނގެ ހަޟްރަތަށެވެ.
އެކަލާނގެއަށް ޝުކުރުވެރިވަނީ ހިތުގެ އަޑިން ރުހިގެން އުފަލާއެކުގައެވެ.

ދުޢާ އަކީ މަންމައަކަށް ވުމުގެ ހެޔޮ ނަޞީބު ލިބުނު ފަރާތްތައް އެ އަމާނާތަށް ރައްކާތެރިވެ، ދެދުނިޔޭގެ އުފާ އެ ކުދިންނަށް ލިބޭނެހެން ބަލައި ބޮޑުކުރުމެވެ.
މާތް ﷲ ތިޔަ ހުރިހާ މަންމައިންނަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން !

~
ފަތިސްތަރި ޞޮފާ / 10052026 ~