Monday, September 24, 2012

Chapter - 1 (Molhukan Haasil Kurun)


އެއްވެސް މީހަކު އުފަންވަނީ ނާކާމިޔާބު މީހެއްގެ ގޮތުގައެއް ނޫނެވެ.
ކޮންމެ މީހަކުވެސް އުފަންވަނީ ކާމިޔާބު ހޯދުމަށްޓަކައެވެ.                                 
މިދެކަން ވަކިކޮށްދޭ އެންމެ މައިގަނޑު އެއް ތަފާތަކީ އުނގެނި، ބަދަލުވެ ހެދި ބޮޑުވާން އެމީހާ ތައްޔާރަށް ހުންނަ މިންވަރެވެ.

ޢިބްރަތްތެރި ކުރު ވާހަކަކޮޅެއް މިތާގައި ގެނެސްދޭނަމަވެ.
މިވާހަކަ އަކީ ވަރަށް ނެގިމަޑުވެފައި އިންނަ މިއުލް (ޑޮންކީގެ ޢާއިލާއަށް ނިސްބަތްވާ އެފަދަ ޖަނަވާރެއް) އަކާއި، ކެތްތެރިކަން ކުޑަ ހިޔަޅަކާއި، ކަމަށް ކަމޭ ހިތާ ހީވާގި ހިންޏެއްގެ ވާހަކައެވެ.

އެއްދުވަހަކު މި 3 އެކުވެރިން، އެމީހުންގެ ދިރިއުޅުން އެންމެ ފުރިހަމަ ގޮތުގައި އުޅެލެވޭނެ ގޮތްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވެލައިފިއެވެ.

މިއުލް އަށް ގަބޫލު ކުރެވިފައިވާ ގޮތުން އޭއްޗަކީ އެއްވެސް ކަމަކަށް ރަނގަޅު އެއްޗެއް ނޫނެވެ. އަމިއްލަ ނަފްސާ ދޭތެރޭ އެގޮތަށް ދެކެން ފަށާފައިވާތީ، ނަސީބުގެ އަތުން އޭއްޗަށް ޙާޞިލް ކުރެވިފައިވަނީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ އޭތީގެ އެއްވެސް މަސައްކަތަކާއި ހިތްވަރަކާއި ނުލައި ލިބިފައިވާ މިންވަރެކެވެ.

Monday, August 27, 2012

ހަކުރުބައްޔާއި ބެހޭ މަޢުލޫމާތު


ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު 


ހަކުރުބަލީގެ މާނައަކީ ލޭގައި ހަކުރު ނުވަތަ ގުލްކޯޒް ގެ މިންވަރު މަތިވުމެވެ. ގުލްކޯޒަކީ ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަޞްދަރެވެ. ގުލްކޯޒުގެ މިންވަރު ލޭގައި މަތިނަމަ ނުވަތަ ކޮންޓްރޯލް ނުކުރެވޭނަމަ ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތި ވެއެވެ. ހަކުރު ބަލި ހުރުމަކީ މާބަނޑު ދުވަސްވަރު އެކަމަށް ޚާއްޞަ އިނާޔަތް ބޭނުންވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ ހަކުރު ބައްޔަށް ''ޖެސްޓޭޝަނަލް ޑައެބެޓީޒް''  އޭ ކިޔައެވެ. ބަލިވެ އިންނަ 4 އިންސައްތަ އަންހެނުންނަށް މިމައްސަލަ ކުރިމަތިވާ ކަމަށް ދިރާސާތައް ބުނެއެވެ.

Sunday, August 19, 2012

Good Bye


އަޅެ އަހަރެން ދޫކޮށް ދިޔައީހެއްޔެވެ......؟
ވަރަށް ދެރަވެ ފެންކަޅިވެއްޖެއެވެ.
ގުޑާލަންވެސް ނޭނގި ބަލަހައްޓައިގެން ހުރެވުނު އިރެއްވެސް ނޭނގެއެވެ.
ތިބާ އަހަންނާއި ވަކިވެގެން ދިޔައީހެއްޔެވެ؟
މާދަމާގެ ޢީދުގައިވެސް ބައިވެރިނުވެ ދިޔައީހެއްޔެވެ؟
އަޅެ ތިބާއާއި ނުލައި އަހަރެން ދެން އުޅޭނީވެސް ކިހިނެއް ހެއްޔެވެ.؟

އެކުގައި 6 އަހަރު ހޭދަކުރީ ހާދަ ހިތްހަމަޖެހިގެންނެވެ.
އެންމެ އެކަނިވެރިވަގުތުގައިވެސް، އެންމެ ހިތްދަތި ވަގުތުގައިވެސް،
އެއްވެސް އެހީއެއް ވާނެ ފަރާތެއް ނެތް ވަގުތުތަކުގައިވެސް،
އެންމެ އުފާވެރި ވަގުތުގައިވެސް، އެންމެ ޚާއްޞަ ވަގުތުތަކުގައިވެސް
މިހޭދަވި 6 އަހަރު ހޭދަކުރެވުނީ ތިބާ އާއިއެކުގައެވެ.
ތިބާ ނޫން ބައިވެރިއަކު ނުގެންގުޅެމެވެ.
ތިބާ ވަނީ އަހަރެންގެ ވަރަށް ޚާއްޞަ ރަޙްމަތްތެރިންނާއި ގާތް މީހުންނަށްވެސް ތަޢާރަފްވެ ދަސްވެފައެވެ.
ތިބާއާއި ބައްދަލުވުމަކީ އެމީހުންނަށްވެސް ލިބުނު ޝަރަފެކެވެ.
ތިބާއަކީ ޚާއްޞަ ބައިވެރިއެކެވެ.
ތިބާއާއި ނުލައި އަހަންނަށް ދެން އުޅެން އެނގޭނެހެއްޔެވެ؟
ތިޔަފަދަ ރީތި ސިފައެއް ލިބިގެންވާ އެހެން ފަރާތެއް ދެން އަހަންނާއި ދިމާވާނެހެއްޔެވެ؟

އަޅެ އަހަންނަށް ފަހަތަށް ނުޖެހެވުނު ނަމައެވެ.
ޖެހުމުގެ ކުރިން ބަލާލެވުނު ނަމައެވެ.
މިފާއިތުވިހާ ދުވަހު ތިބާ އަރިއަޅާލަފާނެ ކަމެއްވެސް ވިޔަނުދޭން ފަރުވާތެރިވީމެވެ.
އެކަމަކު ހަމަ އެންމެ އިހުމާލަކުން އަހަންނާއި ތިބާގެ ގުޅުން އުމުރަށް ނިމުނީއެވެ.
އަހަންނަށް މަޢާފް ކުރައްޗެވެ.

ވެއްޓި ޖެހުނު ބާރުއަޑަށް އަހަންނަށް އެނބުރެވުނުއިރުވެސް މާ ލަސް ވެއްޖެއެވެ.
ބިންމަތީގަ ޖެހުމާއެކު ތިބާއާއި އަހަރެންގެ ގުޅުން އުމުރަށް ކަފުން ކުރަން ޖެހުނީއެވެ.
ސައްތައިން ސައްތަ އަހަރެންގެ ކުށެވެ.
އަހަންނަށް މަޢާފް ކުރައްޗެވެ.
ޤަބޫލުކުރާށެވެ. ތިބާއަށް ދިން މަޤާމެއް މި ހިތުން އެހެން އެއްވެސް ފަރާތަކަށް ނުދެވޭނެއެވެ.
ތިބާއަކީ އަބަދުވެސް މި ހިތުގެ ވަރަށް ގާތް ބައިވެރިއެކެވެ.
އެކުގައި އުޅުނުއިރު ވީފަދައިން ނެތް ތަނުގައިވެސް ލޯބިވާނަމެވެ.
ވެވޭނެއެވެ.
ތިބާއަކީ ލާމަސީލު ނަމޫނާއެކެވެ.
ރީތި ސިފައެއް ލިބިގެންވާ ޝާހީ ބައިވެރިއެކެވެ.
ހަނދާނެއްގެ ގޮތުން އެކުގައި ދެތިން ފޮޓޯއެއް ނެގިފައިހުރިކަމަށްޓަކައި މިއަދު އުފާކުރަމެވެ.
އަހަރެންގެ ގާތް މީހުންނަށް ތިބާގެ ވާހަކަ ކިޔައިދޭނަމެވެ.
ޖީލުތަކަށް ދެމިގެންދާ ވާހަކައަކަށް އެ ވާހަކަތައް ވާނެއެވެ.
އެހާވެސް ތިބާ ޚާއްޞައެވެ.

އަލްވަދާޢު އެވެ.
އެހެނަސް ދެރަވެ ރޮވިފައެވެ.
ނިމުމެއް ނެތް ލޯތްބަކާއެކުގައެވެ.

--------------------------(ލިޔުނީ: ފަތިސްތަރި / 1 ޝައްވާލް 1433 ) --------------------------------



Wednesday, July 25, 2012

Naai ge handhaanugai





މި ފޮޓޯ އަކީ ނާއީގެ ބަނޑެއްގައި ރިއްސާތީ، ޑޮކްޓަރަށް ދެއްކުމަށްޓަކައި ނާއީގޮވައިގެން ނާއީގެ މަންމަ އާއި ބައްޕަ އިންޑިޔާއަށް ފުރި ދުވަހު އެއަރޕޯރޓްގައި ނަގާފައިވާ ފޮޓޯއެކެވެ.
ހިތާމައަކީ، ބައްޔެއްގެ މާ ބޮޑު އަސަރެއް ނެތި، އުފަލުން ހީ ސަކަރާތްޖަހަމުން، މަޖާވެފައި ހުރެގެން ފުރައިގެން ދިޔަ އެ ކުޑަ ކުއްޖާގެ ޓެސްޓްތަކުން ހީވެސް ނުކުރާ ކަހަލަ ނަތީޖާތައް ފެނި، ނާއީގެ ބަނޑުގައި ރިއްސި އެ ރިހުން އެއީ ނާއީގެ މަރު ބައްޔަށް ވެގެން ދިޔަކަމެވެ.

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. ނާއީގެ ލޮބުވެތި ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި.
އޯގާވަންތަ ރަސްކަލާކޮ. ފުރިހަމަ އެއް އަހަރުވަންދެން ނާއީއަށް އުފުލަން ޖެހުނުފަދަ ވޭނާއި ކެކުޅުން މި ދުނިޔޭގެ އެއްވެސް މަންމައެއްގެ ކުޑަކުއްޖަކަށް އަދި އެއްވެސް ބޮޑުމީހަކަށްވެސް ނުޖައްސަވާށި.

އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާކޮ. އަޅަމެންނަކީ މިންވަރަށް އީމާންވާ، އިބަރަސްކަލާނގެ ނިންމެވުމާއި ދޭތެރޭ ޝަކުވާ ނުކުރާ، ހިތާމައާއި ހިތްދަތިކަމަކީ ޢިބްރަތެއްކަމުގައި ބަލައިގަންނަން އެނގޭ ބައެއް ކަމުގައި ލައްވާށި. އާމީން.

އެއްކައުވަންތަ ރަސްކަލާކޮ. އަޅަމެންގެ ވެރިފަރާތަކީ އިބަ އިލާހެވެ. އަޅަމެން ރުޖޫޢަ ވާހުށީވެސް އިބަރަސްކަލާނގެ ހަޟްރަތަށެވެ. 

------------------(ލިޔުނީ ނާއީ ދެކެ އިންތިހާއަށް ލޯބިވާ ނާއީގެ ސޮފައްތަ)---------------------
                         25 ޖުލައި 2012

Sunday, June 24, 2012

Heekuree Heyyeve



އޭނަ ހީކުރިއެވެ.
އަހަރެން ރޯނެއެވެ. ކަރުނަ އޮހޮރާނެއެވެ. ހަމަ އެކަނި ބެދޭނީ އަޑެއް ނޫނެވެ. ނޭވާ ހިނގާ ހޮޅިތަކާއި ލޭ ހިނގާ ނާރުތައްވެސް ބެދޭނެއެވެ. ނުވަތަ އަހަރެން އަމިއްލައަށް މަރުވާނެއެވެ.

އެއީ ހީވާ ގޮތެކެވެ.
އަހަންނެއް ނުރޯނަމެވެ. ކެހިވެރިޔަކަށްޓަކައި އެންމެ ކަރުނަތިއްކެއްވެސް ބޭކާރެއް ނުކުރާނަމެވެ. އަހަރެން ހަށިގަނޑުގައި ވަރު އެބަހުއްޓެވެ. އޭނަ ހީކުރިވަރަށްވުރެ އަހަރެންގެ ހިތްވަރު ގަދަ ވާނެއެވެ. ވަރުގަދައީ އޭނަކަމުގައި ހީކުރުން އެއީ އޭނައަށް ކުރެވުނު ކުށް ހީއެކެވެ. ތިމާއަށް ތިމާ ފެނިފަ ހުރުމުން އެރި އޮޅުމެކެވެ.

Monday, May 28, 2012

Lobivaaa Ekuveriyaa...Hinithunvelaa



ލޯބިވާ އެކުވެރިޔާއެވެ.
އާ ދުވަހަކަށް އިރު އަރައިފިއެވެ. ލޯހުޅުވާލާށެވެ.
މިއަދު މިއީ އެ ޚާއްޞަ ދުވަހެވެ.
ވަގުތަކީ ގިނަ ފަހަރު އިޢުލާންކުރުމަކާ ނުލާ އަންނަ އެއްޗެއް ކަމަށްވިޔަސް،
މިއަދުގެ މިވަގުތު އަންނާނެކަން އެކުވެރިޔާއަށް އޮތީ އެނގިފަ ނޫންހެއްޔެވެ.
އެއީ ނަސީބު ކަމުގައި ދެކޭށެވެ.
ހިނިތުންވެލާށެވެ.

Sunday, May 27, 2012

Hageegee Kula


ޙަޔާތުގެ ކޮންމެ ޞަފްޙާއަކީވެސް ޢިބްރަތެކެވެ.
ކޮންމެ ވާހަކައަކީވެސް ކޮންމެވެސް އަޞްލެކެވެ.
އިންސާނާ ގުނާ ކޮންމެ ހިނދުކޮޅަކީ ފިލާވަޅެކެވެ.
ކިޔާމީހާއެވެ. ޢިބްރަތެއް ލިބިގަންނާށެވެ.

ބައެއް އިހްސާސްތައް ފަހުމްވުމުން ކިހާ ވޭން ދޭހެއްޔެވެ.
އުމުރުގެ ފަހަތަށް ދިއުމުން ފަސް އެނބުރި ބަލާލާށެވެ.
އެހެން މީހުންގެ ދިރިއުޅުމަށް ބަދަލެއް ގެނެވިފައި އެބަވޭތޯއެވެ.
ކިޔާމީހާއެވެ. ޢިބްރަތެއް ލިބިގަންނާށެވެ.

Thursday, April 12, 2012

Iy'yege Ihsaaas





ހިތަށް އެރިއެވެ....
މިއަދަކީ މިއީ އަހަރެންގެ އެންމެ ފަހު ދުވަސް ކަންނޭނގެއެވެ. ނުވަތަ މި ދުނިޔޭގެ އެންމެ ފަހު ދުވަސް ކަންނޭނގެއެވެ.
ހަނދާންވިއެވެ....
އުޅޭ ރަށާ އެތަކެއް މޭލު ދުރުގައި އޮތް އައްޑުއަތޮޅުގައި ތިބި ޢާއިލާ މީހުން މަތިންނެވެ. ޚާއްޞަކޮށް ވީތަނެއް ނޭނގިފައިވާ އަހަރެންގެ އަންހެން ކޮއްކޮގެ މަތިންނެވެ.

Saturday, March 10, 2012

Hiyaneege Liyun - 1





ހިޔަނި:
ވާހަކައެއް ކިޔައިދެންހެއްޔެވެ. ކުރުކުރު ވާހަކައެކެވެ.

ހިޔަނީގެ އެކުވެރިން:
ހޫމް...އަވަހަށް ކިޔައިދޭށެވެ.

ހިޔަނި:
ވަރަށް ފަގީރު ނިކަމެތި އަންހެން ކުއްޖެއް އުޅުނެވެ.
އެއީ އަހަރެން ދަންނަ ކުއްޖެކެވެ.
އޭނަ އުޅުނު ހިސާބުގައި އޭނަގެ އަވަށްޓެރިންގެ ގޮތުގައި އުޅުނީ ރަސްރަސްކަލުންތަކެއްފަދަ އާއިލާތަކެވެ.
ވަރަށް މުއްސަންޖެވެ. އެހާމެ ހައިބަތު ބޮޑެވެ.

އެތަނުން މުއްސަންޖަކާ ކައިވެނި ކޮށްގެން އުޅުނު އަންހެންކުއްޖެއް އުޅުނެވެ.
މި ކުއްޖާގެ ކޮންމެ ދުވަހަކުގެ އާދައިގެ މަތިން، އެގޭގެ ޓެރަސްގައި އަރާމުކޮށްލަން އޮވެއެވެ.
ކުރާނެ އެހެން އެއްވެސް ކަމެއް ނެތީމަ ގިނަ ވަގުތު އޮންނަނީ އަރާމު ކުރާށެވެ.
މިހެން އޮންނަ އޮތުމުގައި ކޮންމެ ދުވަހަކުވެސް މި ފެންނަނީ  އެއްކަލަ މި ބުނި ފަގީރު އަންހެން ކުއްޖާއެވެ.
ގޭތެރޭގައި އެ ޖިފުޓި ގަނޑުގައި ވަރަށް މަސައްކަތް ކުރާތަނެވެ.

ކޮންމެއަކަސް މި ރާނީ އެ ފަގީރު އަންހެން ކުއްޖާ ކުރާ ބުރަ މަސައްކަތް ފެނި ކޮންމެ ދުވަހަކުހެން ބަލާ ހިތް ވެއްޖެއެވެ.
ރާނީ ގެ ކޮންމެ އަތަކަށް ފަޔަކަށް ކަންކަން ކޮށްދޭނެ މީހުން ހުރެއެވެ.
ރާނީ އެ ފަގީރު ކުއްޖާ ކުރާ މަސައްކަތް ބަލާ ބަލާ ގަޔާވެއްޖެއެވެ.
އެ ކުއްޖާ ކުރާ ގޮތަށް ގޭގެ ނޯކަރުން ލައްވާ މަސައްކަތް ކުރުވަން ބޭނުން ވެއްޖެއެވެ.

އެމީހުން ލައްވާ އެވަރަށް މަސައްކަތް ކުރުވައިގެން ވެސް އެ ފަގީރު ކުއްޖާ ކުރާ ގޮތަށް ކުރެވޭނެ މީހަކު ނުވިއެވެ.
ދެން ރާނީ ބޭނުން ވެގެން ރާނީ ގެ ފިރިމީހާ އެ ކުއްޖާ އާއި ވާހަކަ ދައްކައިފިއެވެ.
ގޭގެ ހުރިހާ ނޯކަރުންނަށް އެ މަސައްކަތް ދަސްކޮށްދޭތޯއެވެ.
ފަގީރު ކުއްޖާ އަށް މުސާރަ ވެސް ދޭން އެއްބަސްވިއެވެ.
އެގެޔަށް ކޮންމެ ދުވަހަކު ނޯކަރުން ފޮނުވައިގެން އެ ކުއްޖާ އެކުރާ ގޮތަށް މަސައްކަތް ދަސްކުރަން ފަށައިފިއެވެ.
ސްކޫލަށް ގޮސްގެން ފިލާވަޅެއް ދަސްކުރާ އުސޫލުންނެވެ.


ހިޔަނީގެ އެކުވެރިން:
ހަގީގަތަކާއި ވައްތަރުވޭ އެބަ

ހިޔަނި:
އަޑުއަހާށެވެ.
މަސައްކަތް ދަސްކޮށް ނިމިގެން ރާނީގެ އަރިހަށް ނޯކަރުން ގޮސް އެ ކުއްޖާ ދަސްކޮށް ދިން ގޮތަށް ކުރަން ފަށައިފިއެވެ.
ރާނީ ހިތްހަމައެއް ނުޖެހުނެވެ.
ރާނީ ހިތަށް އަރައިފިއެވެ.
އަދި މި މީހުނަށް ދަސްކޮށްދިނީ ރަނގަޅަށްތޯ ބަލާނަމެވެ.
އެހެން ހިތާ ސިއްރުން އަނެއްކާ އެކުއްޖާ އެ ކުރާ މަސައްކަތް ބަލަން ފަށައިފިއެވެ.

ހިޔަނީގެ އެކުވެރިން:
ބަލަން ފެށީމަ ކިހިނެއްވީ؟
އެ ނިމުނީތަ ؟

ހިޔަނި:
ހިތާމަޔަކީ.....
އަދި އަދަށްވެސް ރާނީގެ ހިތެއް ނުފުރޭ ކަމެވެ.
އެކަމަކު އެއްކަލަ ފަގީރު ކުއްޖާ ގެންގުޅުނު ރިވެތި އުސޫލުން އެ ކުއްޖާ މުއްސަނދި ވެ،
މޮޅުކޮށް ކިޔަވާ އެތައް ކަމެއް ކާމިޔާބު ކޮށްފިއެވެ.
ރާނީ އެހެން ބަލަ ބަލާ އިންދައެވެ.

ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގަ ތަފާތު މީހެކެވެ.
ފަގީރު ކުއްޖާ އެ ކުރާ ގޮތަށް ހަމަ އެހެން ލައިން އަކަށް ލައިން ނޯކަރުން ނާޅަފާނެ ދޯއެވެ.
ނޯކަރުންވެސް ކުރާނީ ދަސްކޮށްދިން ގޮތަށް ނޫންހެއްޔެވެ.
އެކަމަކު ރާނީއަށް ހުރީ ފާޑެއްގެ ބައްޔެއް ޖެހިފައެވެ.
ބައްޔެކޭ މިބުނީ ....
ރާނީ ނޫން މީހަކަށް ކަމެއް ރަނގަޅަށް ކުރެވިދާނެ ކަމަށް ރާނީއަށް ގަބޫލު ނުކުރެވެއެވެ.
އަނެކާއަށް އޭނައަށް ވުރެ ކުޑަ މިންވަރަކަށް ވެސް ކަމެއްގެ ރަނގަޅު ގޮތް އެނގިދާނެ ކަމަށް
ނުވަތަ މޮޅުވެދާނެ ކަމަށް ރާނީއަށް ގަބޫލު ނުކުރެވެއެވެ.

ހިޔަނީގެ އެކުވެރިން:
"ތިޔަ ރާނީ ދުވަހަކުވެސް ތި ނޫން ވަރެއް ވެދާނެ ބާ"

ހިޔަނި:
ކޮންމެ މީހެއްގެ ވިސްނުމުގަ އަދި ގެންގުޅޭ އުސޫލުގަ އަނެކާއާއި އަޅާކިޔާ އިރު އެތައް ގިނަގުނަ ޖަވާހިރުތަކެއް ފޮރުވިފަ ވާނެއެވެ.
އެއީ ދުރުގަ ހުންނަ މީހާއަށް އެނގޭނެ ކަމެއް ނޫނެވެ.

ހިޔަނީގެ އެކުވެރިން:
"ރާނީއަކަށް ނުވޭނު އެ ނޫން ވަރެއް"
"ރާނީ ތިޔަ ވަނީ ބަލިމަޑުކަމެއް ކުރިމަތިވެފަ ނޫންބާ؟"


ހަސަދަ ލައިގެން އަނެކާއަށް ވުރެ މޮޅު ވެވޭތޯ އެގޮތަށް އުޅުމުން ނެތް އެއްވެސް ފައިދާއެއް ނެތެވެ.
އޭގެ ބަދަލުގަ ތިމާއަށް ދެއްވާފަ ހުރި ނިޢުމަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި ކުރަންވީއެވެ.
މުހިއްމު ކަމަކީ އެއީއެވެ.

ހިޔަނީގެ އެކުވެރިން:
"ތީ ސްނޯވ ވައިޓް ވާހަކަތަ؟
ސްނޯވައިޓް ގަ އުޅޭ ދޮން މަންމަ ވެސް ހަމަ ތިހެން އުޅުނީ
"މިރަރ މިރަރ ހޫ އިޒް ދަ މޯސްޓް ބިއުޓިފުލް އިން ދިސް ވޯލްޑް
އެކަމަކު ވީ ގޮތަކީ އެމީހާގެ ހިތުގައި އިންސާނިއްޔަތުކަން އޕޮތީމަ އެމީހާއަށް ނުކެރުނު ސްނޯވައިޓް މަރަން

ހިޔަނި:
އަޑުއަހާށެވެ.
މީގެ އެންމެ މުހިއްމު ރޯލެއް ކުޅެނީ ކޯޗެއްކަން ތިޔަކުދިންނަށް އެބަ އެނގޭހެއްޔެވެ؟
ތިމާގެ އަމިއްލަ ނަފްސަށް އެކުރެވޭ އިތުބާރެވެ.
ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް ފަގީރު ކުއްޖާ ނުގުޑައެއްނޫންހެއްޔެވެ؟
އޭނަ އެކުރާ ކަމެއް އެ ކުރަނީ ރަނގަޅަށްކަން އޭނައަށް އެނގެއެވެ.
ރާނީ ކިތަންމެ ކަންކަން ބަލާ ފާސް ކުރިޔަސްވެހެވެ.

********(ނިމުނީ)********


އަހުރެން ބަލިވެއްޖެ....!!!


އަދު އަހުރެން ބަލިވެއްޖެއެވެ.
ތަދު ހިތް ކަތިލެވިއްޖެއެވެ.

އެތަކެއް ދުވަސް ކުރިއެވެ.
ހިތަކަށް ވާހަކަ ދެކެވުނެވެ.
ފަހަކަށް ބުނާނެ ބަހެއް ނެތެވެ.
އަތަކަށް ނުދީލާނެކަން ގައިމުވިއެވެ.
އެހެނަސް އެއީ އެތަކެއްދުވަސް ކުރިއެވެ.

ވީގޮތެއް ނޭނގުނެވެ.
ވީތަނެއް ނޭނގުނެވެ.
ވީހިސާބެއް ނޭނގުނެވެ.
ވީ ތަދެއްގެ ބޮޑުކަމާއެވެ.
އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.

ފެށިދަތުރު މަގު އޮޅިއްޖެއެވެ.
ނެށި މިހިތް ކަކުލަށް ތިރިވިއެވެ.
ކޮށި ހަށިން ފުރާނަ ދޫވި ކަހަލައެވެ.
ހިތަކުން އެ ހަނދާނެއް ނުފިލިއެވެ.
އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.

އަދު މަށާ ގުޅިއްޖެއެވެ.
އަދު މަށަށް އެނގިއްޖެއެވެ.
ބަދަ ނިތުން ރޫ ފިލައްޖެއވެ.
ރެނދު ހިތުން ވޭން ކެނޑިއްޖެއެވެ.
އެހެނަސް އެއީ ހިނދު ކޮޅެކެވެ.

ވާނުވާ އެއް ނޭނގުނެވެ.
ޒާތަތަކަށް ދެފިކުރު އެޅިއްޖެއެވެ.
ހާދަ ހިތަކަށް ދަތި ވެއެވެ.
ރާހަތެއް ކުރޭ ބާވައެވެ.

އަދު އަހުރެން ބަލިވެއްޖެއެވެ.
ތަދު ހިތް ކަތިލެވިއްޖެއެވެ
.

--އަހަރެންނަށްޓަކައި މި ލިޔުން ލިޔުނު ޒުވާނާއަށްޓަކައި މި ހިތުގައި އަބަދުވެސް ހެޔޮ ދުޢާ ވާނެއެވެ. ----