މިއީ ވަގުތު.އެމްވީ އަށް ޝަފްނާ ހުސައިން މިއަދު ލިއުއްވާފައިވާ ޚަބަރެކެވެ. މި ޚަބަރުން އަހަރެންގެ ސަމާލުކަން އެންމެ ބޮޑަށް ދަމައިގަތީ ރައިހާނާ އޭނަގެ މަންމައަށް ބުނެފައިވާ ބަސްތަކެވެ. ތަކުރާރުކޮށް ކިޔުނެވެ. އެ ތަހުޒީބު، އެ ތަރުބިއްޔަތު، އެ ވިސްނުން، އެ ހިތްވަރާއި ހެއްދެވި ފަރާތަށް އޮތް ޔަޤީންކަމާއި އިތުބާރު، އެ ކެތްތެރިކަމާއި ނިޔަނެތިކަން.....އަހަރެންގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ.
ތިޔަ ހުރިހާ ކިޔުންތެރިންވެސް ކިޔާލުން ކޮންމެހެންވެސް މުހިއްމު ކަމަށް ދެކޭތީ،
މިތަނުގައި ޙިއްސާ ކޮށްލަމެވެ.
އަހަރެމެން ކޮންމެ ދަރިއަކީވެސް މިފަދައިން މަންމައަށް ހެޔޮބަސްތައް ބުނާ، މަންމަދެކެ ލޯބިވާ އަދި މަންމައަކީ ދުނިޔޭގެ ހުރިހާ ރީތި ބަސްތަކެއްގެ ޙައްޤުވެރިޔާ ކަމުގައި ހަދާނެނަމަ އަހަރެމެން ހާދަ ފުރިހަމަވީހޭ ހިތަށް އަރައެވެ.
******************************************
ދަންޖެއްސުމުގެ ކުރިން ރައިހާނާ ވަސިއްޔަތްކުރީ
ގުނަވަންތައް ބޭނުން ޖެހިފައިވާ މީހުންނަށް ހަދިޔާކުރަން
ޝަފްނާ ހުސައިން | 7 ގަޑި 44 މިނެޓް ކުރިން. | 29 އޮކްޓޯބަރ 2014
މިމަހުގެ 25 ވަނަ ދުވަހު ގަސްދުގައި މީހަކު
މެރި ކަމުގެ ކުށުގައި އީރާނުގައި ދަންޖައްސާ މަރާލި ރައިހާނާ ޖައްބާރީ މަރުވުމުގެ
ކުރިން އޭނާގެ މަންމައަށް ވަނީ ބޮޑު ވަސިއްޔަތެއް ކޮށްފައެވެ.
އޯޑިއޯ މެސެޖެއްގެ ޒަރީއާއިން ރައިހާނާގެ
ފަހު ނޭވާ ދޫކޮށްލަމުން އޭނާގެ މަންމަގެ ކިބައިން އެދިފައި ވަނީ އޭނާގެ ހުރިހާ
ގުނަވަންތަކެއް ބޭނުން ޖެހިފައިވާ މީހުންނަށް ހަދިޔާ ކުރުމަށެވެ. މިމެސެޖު ދިން
އިރުވެސް ރައިހާނާގެ އަޑުގައި ހުރީ މަޑުމައިތިރިކަން ކަމުގައި ޚަބަރުތައް
ބުނެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރައިހާނާ
ދަންޖައްސާފައި ވަނީ ފަސް އަހަރު ޖަލުގައި ބޭންދުމަށް ފަހުއެވެ.
މީހަކު މެރި ކަމުގެ ތުހުމަތުގައި ރައިހާނާ ހައްޔަރުކޮށްފައި
ވަނީ 2007 ވަނަ އަހަރު އިރާނުގެ އިންޓެލިޖެންސް އޮފިސަރެއްގެ ބުރަކަށްޓެއް ވަޅި ހަރާ
މަރާލުމުންނެވެ. އޭރު އޭނާގެ އުމުރުން 19 އަހަރެވެ. ނަމަވެސް ރައިހާނާ ވަނީ
އޮފިސަރު ގަޔަށް ވަޅި ހެރީ އޭނާ ރޭޕް ކުރަން އުޅުމުން ސަލާމަތްވުމަށް ކަމަށް ބުނެ
ދައުވާއަށް އިންކާރު ކޮށްފައެވެ.
ތިރީގައި މިވަނީ ރައިހާނާ އޭނާގެ މަންމައަށް
ކުރި އަސަރުގަދަ ވަސިއްޔަތުގެ ތަރުޖަމާއެވެ.
"ލޯބިވާ މަންމައަށް
މިއަދަކީ އަހަރެންގެ ކިބައިން ޤިޞާޞް ހިފޭ
ދުވަސްކަން އަހަންނަށް އެނގިއްޖެ. އަހަރެން ދެރަވަނީ އަހަރެންގެ ހަޔާތުގެ އެންމެ
ފަހު ޞަފްހާ ނިމެނީކަން އަހަރެން ގާތު ބުނާ މީހަކީ މަންމަ ނޫން ވީމަ. އަހަންނަށް
އެވަރު އެގެން ޖެހޭނެ ނޫންތަ މަންމާ؟ މަންމައަށް އެނގޭތަ އަހަރެން މަންމަ
ދެރަކޮށްފި ކަން އެނގުމުން އަހަރެންގެ އަމިއްލަ ނަފުސު ދެކެ ދެރަވެ ލަދުގަންނަ
ވަރު؟ މަންމަ ކީއްވެ އަހަރެން މަރުވުމުގެ ކުރިން މަންމައާއި ބައްޕަގެ އަތުގައި
ބޮސް ދިނުމުގެ ފުރުސަތު ނުދިނީ؟
އަހަންނަށް ދުނިޔޭގައި އުޅެން ލިބުނީ 19
އަހަރު. އެ ތޫފާނީ ރެޔަކީ އަހަރެން މަރުވާން އޮތް ރޭ. އަހަރެން މަރާލުމަށްފަހު
އަހަރެންގެ ފުރާނަ ނެތް މަސްގަނޑު މަގެއް މައްޗަށް އެއްލާލަފަ އޮންނާނެ ރޭ. އޭގެ
ދުވަސް ކޮޅެއް ފަހުން މަންމަ ގެންދާނެ އަހަރެންގެ ހަށިގަނޑު ދެނެގަތުމަށް. އޭރުން
މަންމައަށް އެނގޭނީ އަހަރެން މަރާލާފައި ވަނީ ރޭޕުވެސް ކޮށްފައި ކަން. އެކަމަކު
ދުވަހަކުވެސް އެޢަމަލު ހިންގި މީހެއް ނުހޯދޭނެ. އެއީ އެމީހުން އަތުގަ ފައިސާ
ގިނަވެފަ އެމީހުންގެ ބާރު ގަދަވީމަ. އޭރުން މަންމައަށް ޖެހޭނީ ލަދުން
އިސްޖަހާލައިގެން ދުނިޔޭގައި އުޅެ ނިމިދާން.
އެހެން ނަމަވެސް، މިއަދު މުޅި ވާހަކަ މިއޮތީ
ބަދަލުވެފަ. އަހަރެންގެ ހަށިގަނޑު އެއްލާލީ މަގުމައްޗަކަށް ނޫން. އަހަރެންގެ
ހަށިގަނޑު އެއްލާލީ ޖަލުގެ ތޭރި ތަކުގެ ފުރަގަހަށް. މިހާރު ޝަރީޢަތުގެ
ކުރިމައްޗަށް. އެކަމަކު މިއީ ނަސީބުގަ ހުރިގޮތް. މިކަމާ ޝަކުވާ ނުކުރާތި.
މަންމައަށް މާރަނގަޅަށްވެސް އެނގޭނެ މަރުވުމަކީ އަދި ނިމުން ނޫންކަން.
އިންސާނަކު ދުނިޔެއަށް އަންނަނީ
ތަޖުރިބާތަކެއް ކުރުމަށްފަހު އެތަޖުރިބާއިން ފިލާވަޅުތަކެއް ދަސްކުރުމަށް ކަމުގައި
އަހަންނަށް ބުނެދިނީ މަންމަ. އަދި ދަރިއަކު އުފަންވުމާއިއެކު އެހެން މީހުންގެ
ކޮނޑުގައި އިތުރު ޒިންމާއެއް އެޅިގެން ދާނެކަން ދަސްކޮށްދިނީ މަންމަ. އަހަންނަށް
ދިރިއުޅުމުން ދަސްވީ ބައެއް ފަހަރު ކަމެއް ހާސިލު ކުރުމަށް ހަނގުރާމަ ކުރަން
ޖެހޭނެކަން. އަދި އަގެއް ދެމެހެއްޓުމަށްޓަކައި ޤުރުބާނި ތަކެއް ވާން ޖެހޭކަންވެސް
ދަސްކޮށްދިނީ މަންމަ.
މަންމަ އަހަންނަށް ދަސްކޮށްދިނީ އަހަރުމެން
ސްކޫލަށް ގޮސް ކިޔަވަނީ، ކުރިމަތިވާ ދެބަސްވުންތަކުގައި ބަސްބުނުމުގައި ހަރުދަނާ
އަންހެނެއްގެ ގޮތުގައި ޖަވާބުދާރީވާން ދަސްކުރަން ކަން. މަންމަ އަހަރެމެންގެ
އުޅުން ބަހައްޓަން ޖެހޭނެ ގޮތް ކިޔައިދީ އެގޮތަށް އުޅުމަށް ބާރު އެޅި މިންވަރު ހަނދާން
އެބަހުރިތަ؟ އެކަމަކު މަންމަގެ ތަޖުރިބާ މުޅިން ގޯސް. މިހާދިސާއަށް ފަހު އަހަރެން
ކިޔެވި އެއްވެސް އެއްޗެއްގެ އެއްވެސް ފައިދާއެއް އަހަންނަކަށް ނުކުރި. ކޯޓަށް
ހާޒިރު ކޮށް އަހަންނަކީ ރަހުމެއް ނެތް ޤާތިލަކަށް ހަދައިފި. އެކަމަކުވެސް އަހަރެން
ކަރުނައެއް ނާޅަން. އާދޭހެއް ނުކުރަން. އަހަރެން ހަލާކުވަންދެން ނުރުއީ ޤާނޫނަށް
އިތުބާރު އޮތީމަ.
އެކަމަކު މިއަދު އަހަރެންގެ މައްޗަށް މިއޮތީ
އެއްވެސް އިންސާފެއް ނެތް ގޮތަށް ހުކުމްކޮށްފަ. އަހަރެން މިއީ މަދިރި އެއްވެސް
މެރި މީހެއް ނޫން. ކުރަފި ވެސް ނުމަރަން ވެގެން އޭގެ ނަރުވާގަ ހިފައި ބޭރަށް
އެއްލާލާ މީހެއް. އެކަމަކު މިއަދު އަހަންނަކީ ޤާތިލެއް. އަހަރެން ޖަނަވާރުންނާ
މެދު ޢަމަލު ކުރި ގޮތް ވެގެން ދިޔައީ އަހަރެން ފިރިހެނެއް ގޮތަށް އުޅެން ކުރި
ކަމަކަށް. އެކަމަކު ޤާޒީ ބަލާކަށް ބޭނުމެއް ނުވި ހާދިސާ ހިނގި އިރު އަހަރެންގެ
ހުރީ ރީތިކޮށް ޕޮލިޝް ކުރެވިފަ ހުރި ނިޔަފަތިތަކެއް ކަންވެސް.
ފަނޑިޔާރުންގެ ފަރާތުން އިންސާފު ލިބޭނެ
ކަމަށް އުންމީދު ކުރުމަކީ ކިހާ ވަރެއްގެ ކުށެއް ބާ؟ ފަނޑިޔާރު ދުވަހަކުވެސް
އަހަރެން ގާތު ނާހަ ބޮކްސިންގ ތަޅާ މީހެއްގެ އަތް ހުންނަ ގޮތަށް އަހަރެންގެ އަތް
ހަރުވެފަ ނުހުންނަނީ ކީއްވެތޯ އެއް. މިއޮއް ހުރިހާ ދުވަހު މަންމަ އަހަރެންގެ
ހިތުގައި މިޤައުމަށް އުފެއްދި ކުލުނާ ލޯބީގެ އެއްވެސް ބޭނުމެއް ނެތް. މިޤައުމުގަ
އަހަރެން ބޭނުން މީހަކު ނެތް. އަނިޔާވެރިންގެ އަނިޔާތަކުގެ ވޭނުން އަހަރެން ރޮމުން
ހަޅޭއްލަވަމުން ދިޔަ އިރު އަހަންނަށް ހިތްވަރު ދިން މީހަކު ނެތް.
އަހަރެންގެ ބޯ ބާލައި އަހަރެންގެ
ހަށިގަނޑުން ރީތި ކަމުގެ އެންމެ ފަހު ސިފަވެސް ދުއްވާލުމަށް ފަހު އަހަންނަށް
ލިބުނު ހަދިޔާ އަކީ 11 ދުވަސް ވަންދެން އެކަނި މާ އެކަނި ބަންދު ގޮޅިއެއްގަ
އިނުން.
ލޯބިވާ މަންމާ. މިވާހަކަތައް އަޑު އަހާފަ
ނުރޯތި. އަހަރެން ހައްޔަރު ކޮށްގެން ގެނެވުނު ފުރަތަމަ ދުވަހު އުމުރުން
ދުވަސްވެފައި ހުރި ހުސްހަށިބައި ފިރިހެން ފުލުހަކު އަހަންނަށް އަނިޔާކުރި.
އެދުވަހު އަހަންނަށް އެނގުނު މިގަރުނުގައި ރީތި ކަމުގެ އެއްވެސް އަގެއް ނެތްކަން.
އަހަރެންގެ ލޯބިވާ މަންމާ! އަހަރެން ޤަބޫލު ކުރަމުން އައި ހުރިހާ ޤަބޫލު ކުރުމެއް
މިހާރު ބަދަލު ވެއްޖެ. އެކަމަކު އެކަމުގެ ޒިންމާ މަންމަ އުފުލާކަށް ނުޖެހޭނެ.
އަހަރެން އަހަރެންގެ ހިތުގަ ހުރި ހުރިހާ ވާހަކައެއް އެހެން މީހަކަށް މިކިޔާދެނީ
އަހަރެން ދަން ޖެއްސުމަށްފަހު މިވާހަކަތައް މަންމައަށް ފޯރާނެތީ. އެކަމަކު މިއީ
ނިމުމެއް އޮތް ވާހަކަ ތަކެއް ނޫން. އަހަރެން ވާނީ އަހަރެންގެ އަތުން ލިޔެފައިވާ
އެތައް އެއްޗެއް މަންމައަށް ޓަކައި ދޫކޮށްފަ.
އެކަމަކު އަހަރެން މަރުވުމުގެ ކުރިން މަންމަ
ގާތު ވަރަށް ބޮޑު ކަމަކު ކިޔަންވެފަ އެބަ އޮތް. މަންމަ ކޮންމެ ގޮތަކުންވެސް
އަހަންނަށް މިކަން ކޮށްދޭތި. މިއީ އަހަރެން މަންމަގެ ފަރާތުންވެސް އަހަރެންގެ
ޤައުމުގެ ފަރާތުންވެސް ބޭނުންވާ ހަމައެކަނި ކަމަކީ. އަހަންނަށް އެނގޭ މަންމައަށް
މިކަން ކުރަން ވަގުތު ނަގާނެ ކަންވެސް. މަންމަ ނުރޮއެ މިވާހަކަ އަޑު އަހާތި.
އަހަރެން ބޭނުމީ މަންމަ ކޯޓަށް ގޮސް އެމީހުން ގާތު އަހަރެންގެ ވަސިއްޔަތް ބުނަން.
އަހަންނަށް ޖަލުގަ އިނދެގެން ޖަލުގެ އިސް އޮފިސަރު ބަލައިގަންނަ ވަރުގެ ސިޓީއެއް
ނުލިޔެވޭނެ. އަނެއްކާވެސް އަހަރެންގެ ފަރާތުން މަންމައަށް އަނެއް އުނދަގޫ ދޯ؟
އަހަރެން ދަންޖެއްސިޔަ ނުދީ ސަލާމަތް ކުރުމަށް އާދޭސް ނުކުރުމަށް އަހަރެން މަންމަ
ގާތު އެތައް ފަހަރަކު އެދުނު ނަމަވެސް، އަހަންނަށް މިކަން ކޮށްދިނުމަށް އެދި
އަހަރެން މަންމަ ގާތު އާދޭސް ކުރަން.
އަހަރެން ބޭނުމެއް ނޫން ބިމު އަޑީގަ އޮވެ
ކުނި ވާކަށް. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދެލޮލާއި ޒުވާން ހިތް ކުނޑިތަކަށް
ވެގެން ދާކަށް. އެހެންވެ އަހަރެން މަންމަ ގާތު މި އެދެނީ އަހަރެން ދަން ޖެއްސުނުހާ
އަވަހަކަށް އަހަރެންގެ ހިތާ، ކިޑްނީއާ، ދެ ލޮލުގެ އިތުރުން ދެންވެސް ހަށިގަނޑުގައި
ބޭނުންކުރެވޭ ބައެއްވާނަމަ ބޭނުން ޖެހިފައި ތިބި ބަޔަކަށް ހަދިޔާ ކުރުމަށް. އެފަރާތަކަށް
ގުނަވަންތައް ދިން މީހަކީ އަހަރެންކަން އަންގާކަށް އަހަރެން ބޭނުމެއް ނޫން.
އަހަރެން އެމީހެއްގެ ފަރާތުން ހެޔޮ ދުޢާއެއް، ޝުކުރުގެ ގުލްދަސްތާއެއް ވެސް
ބޭނުމެއް ނޫން. އަހަރެން ބޭނުމެއް ނޫން މަންމަ ރޮއެ ހިތާމަ ކުރުމަށް އަންނަ
މަހާނައެއް. މިއީ އަހަރެން ހިތުގެ އެންމެ އަޑިން ބުނާ ވާހަކައެއް. އަހަރެން
ބެނުމެއް ނޫން މަންމަ އަހަންނަށްޓަކައި ކަޅު ހެދުން ލައިގެން އުޅޭކަށް. މަސައްކަތް
ކުރޭ އަހަރެންނަށް ދިމާވި ހިތި ދުވަސްތައް މަތިން ހަނދާން ނައްތާލުމަށް. އަހަރެން
ޖެހޭ ވަޔާއި އެކުވެގެން ދާން ދޫކޮށްލާ.
ދުނިޔޭގައި އަހަރެމެން ދެކެ ލޯބިވި މީހަކު
ނެތް. ދުނިޔެއިން އަހަރެންގެ ނަސީބެއް ބޭނުމެއް ނުވި. އެހެންވެ އަހަރެންވެސް
މިހާރު އެއީ އަހަންނަށް ހުރި ގޮތް ކަން ޤަބޫލުކޮށްފިން. އެއީ މާތް ﷲ
ގެޝަރީޢަތުގައި އަހަރެން ހުރިހާ ފުލުހުންނާއި، އަހަރެން ގަޔަށް އަރަން މަސައްކަތް
ކުރި އޮފިސަރާއި، ފަނޑިޔާރުންނާއި، އަހަރެން ހޭލާ އޮއްވައި އަހަންނަށް
ފުރައްސާރަކޮށް އަނިޔާ ކުރި ސްޕްރީމް ކޯޓުގެ ޤާޒީންނަށް އަހަރެން ދައުވާ ކުރާނަން.
އަދި އަހަރެންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ދޮގު ތަކެއްގެ
މައްޗަށް އަހަރެންނަށް ނުހައްޤު އަދަބެއް ދިނުމުގައި ބައިވެރިވި ހުރިހާ އެންމެންނަށް
އަހަރެން ދައުވާ ކުރާނަން.
އަހަރެންގެ މަޑުމައިތރި އޯގާވެރި މަންމާ!
ދުނިޔޭގަ އަހަރުމެންނަކީ ކުށްވެރިން. އެކަމަކު މުހިންމީ މާތް ﷲ ގެ ހަޟްރަތުގައި
އަހަރުމެންނަށް ހުރި ގޮތް. އަހަރެން ބޭނުންވީ މަންމަގެ އުނގުގައި މަރުވާން.
އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ.
ރައިހާނާ"
**ރައިޙާނާގެ ޙަގީގަތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އެކަމަށް ފާޑުކިޔުމެއް ނެތެވެ.**
http://www.vaguthu.mv/world-news/185188/


