Tuesday, March 24, 2026

ހަނދާއި ހަމައަށް ގެންގޮސްފަ

 


ހަނދާއި ހަމައަށް ގެންދިޔައީ ފަހުން ވައްޓާލަން ގަސްތުކޮށްގެން ހެއްޔެވެ؟

ހުރިހާ ބަލިފަޔެއް ހޯދައި ދަސްކުރީ ފަހުން ނިކަމެތިކޮށްލަން ހެއްޔެވެ؟

ތިބާގެ ސަބަބުން، ‘ލޯބި’ މި ލަފުޒު ދެކެވެސް މީހުން ބިރުގަންނަން ފަށާފާނެތީ ކަންބޮޑެއް ނުވޭހެއްޔެވެ؟

Monday, March 23, 2026

އަހަރެންގެ ފިރިމީހާއަށް

 


ކުރިންވެސް ބުނީމެވެ. އަދިވެސް ބުނާ ހިތްވެއެވެ.

އަހަރެންގެ ހަމަޖެހުމަކީވެސް ، އުފަލަކީވެސް އަދި ހިތްވަރަކީވެސް ތިއީއެވެ.

އަހަރެންގެ ހުރިހާވެސް މީހަކީ ހަމަ ތިއީއެވެ.

 

ކޮންމެ ދުވަހަކީ އެންމެ ހިތްގައިމު ދުވަހެއް ނޫނެވެ.

ގުދުރަތީ މޫސުން އޮންނަ ގޮތަކާ އިންސާނާގެ މިޒާޖު ހުންނަގޮތާ ދިމާނުވާ ދުވަސްތައްވެސް ހުރެއެވެ.

ހިމޭން ކަމާއި ހަމަހިމޭންކަންވެސް އަހަރެމެން ތަޖުރިބާ އެބަކުރަމެވެ.

ވަރުބަލިވުމާ އުއްމީދު ފަނޑުވުމަކީވެސް ޢާއްމު ކަންކަމެވެ.

ރާވާ ގޮތާއި ރާއްވަވާ ގޮތުގެ ތަފާތު ފެނުމުން ދެފައިން ބާރުދޫވާ ފަހަރުވެސް އާދެއެވެ.

އުއްމީދާއި ހުވަފެނާއި ދޭތެރޭ ކަނބަންޖެހޭފަހަރުތައް ގިނައެވެ.

އެހުރިހާ ހާލަތެއްގައިވެސް އަހަރެންގެ އައްސޭރިއަކީ ހަމަ ތިބާއެވެ.

 

ކައިވެންޏަށް ވީ އަހަރުތައް ގުނުން މުހިއްމެއް ނޫނެވެ.

އެކުގައި އުޅެވޭނެ ދުވަހަކަށްޓަކައި ފަށާފައިވާ ގުނުން، އެހެނަސް ހުއްޓައެއް ނުލަމެވެ.

ދުވަސްތަކެއް ވިޔަސް އިންތިޒާކުރެވެނީ އަދިވެސް ހަމަ ޝައުޤާއެކުގައެވެ.

ފުރައިގެން ދިޔައީއްސުރެން ، އެނބުރި އަންނާނެ ދުވަހަކަށްޓަކައި ދުވަސްތައް ގުނަމެވެ.

ހަނދުވަރުދޭ މޫސުމަށް އާދޭތޯ ، ވާރޭ ވެހޭނަމަ އެކުގައި ވާނެނަމަ ހާދަ ރަނގަޅޭ ހިތަށް އަރައެވެ.

އެހެނަސް އުޑާއި ދިމާލަށް ބަލާލެވުމުން ﷲ އަށް ޝުކުރުވެރިކަމާއެކު އުފާކުރެވެއެވެ.

ތިބާގެ މީހަކަށް އަހަރެން ވީތީއެވެ. އަހަރެންގެ މީހަކަށް ތިބާ ވީތީއެވެ.

މިއީ ﷲ މިންވަރު ކުރެއްވި މާތް ގުޅުމެއްކަން ޔަޤީންވާތީއެވެ.

ކޮންމެ ހާލަތެއްގައިވެސް ކޮންމެ މޫސުމެއްގައިވެސް އަހަރެން ޚިޔާރުކުރާނީ ހަމަ ތިބާއެވެ.

 

ތިބާ ރަށުގައި ނެތްނަމަ މީރުއެއްޗެހި ކައްކައިގެން ކާހިތެއް ނުވެއެވެ.

ތިބާ ނެތްނަމަ ރީތި ތަންމަތިތައް އަޅާހިތެއް ނުވެއެވެ.

ތިބާ ނެތްނަމަ މީރުވަސްދުވާ ސެންޓުން އަތަރު ލާހިތެއް ނުވެއެވެ.

ތިބާ ނެތްނަމަ އުފާވެރި މާޙައުލުތަކަށް ޒިޔާރަތްކުރާހިތް ނުވެއެވެ.

ތިބާ ނެތްނަމަ މީހުންގެ ދަޢުވަތުތަކަށް ދާހިތެއްވެސް ނުވެއެވެ.

އެހެނަސް ތިބާ އަންނާނެ ދުވަހަކަށް މި ހުރިހާ ކަމެއް ކުރާހިތުން ހުންނަމެވެ.

ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއްވެސް ވަނީ ތިބާގެ ކިބައިންނެވެ.

 

އަހަރެމެންގެ ދިރިއުޅުމަށްޓަކައި ތިބާ ތިކުރާ ހިތްވަރާއި، ތިވާ ގުރުބާނީ އަހަންނަށް އެނގެއެވެ.

ތިބާގެ ދުލުން ނުބުންޏަސް ތިބާގެ ހިތް އަހަންނަށް ފެނެއެވެ.

އަޑުވީއްލާ ނުރުޔަސް ފެންކަޅިވި ކިތަންމެ ދުވަހެއްވެސް އަހަރެން ދުށީމެވެ.

އަސަރުންގޮސް ކަރުބެދުނު ކިތަންމެ ފަހަރެއްވެސް އައީ އަހަރެންގެ ހާޟިރުގައެވެ.

ތިބާ ނުބުނާ ކިތަންމެ އަޑެއްވެސް ތިބާގެ ރޫޙު އަހަންނަށް ބުނެދެއެވެ.

އެހުރިހާ ކަމަކަށްޓަކައި ޝުކުރާއި ޙައްޤު ހެޔޮބަސް ބުނަން އަހަރެންގެ ދޫ ނުކުޅެދެއެވެ.

ހެއްދެވި ފަރާތަށް ކުރާ ކޮންމެ ސަޖިދައެއްގައި ތިބާގެ ޛިކުރު ކުރެވެނީ އެހެންވެއެވެ.

އަހަރެންނަށް އެންމެ މުހިއްމު މީހަކީ ހަމަ ތިބާއެވެ.

 

ވަޢުދު ވަމެވެ.

އުނދަގުލާ ދަތިކަމުގައި ކެތްތެރިވާނަމެވެ.

އެކަނިވެރިކަމުގައި އުއްމީދު ކުރާނަމެވެ.

އުއްމީދުކަނޑާނުލާ ހިތްވަރު ކުރާނަމެވެ.

ފަށްފަށްކޮށް ގިނަގިނައިންވެސް އެގޮތް ޚިޔާރު ކުރާނަމެވެ.

މި ކައިވެންޏަށްޓަކައި ކޮންމެ ދުވަހަކުވެސް އަހަރެން ހިތްވަރު ކުރާނަމެވެ.

އަހަރެމެން "ދެމީހުންގެ ދިރިއުޅުމަށް" ޓަކައި އަހަރެން ކެތްތެރިވެ ހިތްވަރު ކުރާނަމެވެ.

ދެދުނިޔޭގައިވެސް އެކުގައިވުން އެދި އަބަދުވެސް ދުޢާ ކުރަމެވެ.

އަހަރެންގެ ހުރިހާވެސް މީހަކީ ހަމަ ތިބާއެވެ.

އަހަރެންގެ ހަމަޖެހުމަކީ ހަމައެކަނި ތިބާއެވެ.

 

(ކައިވެންޏަކީ މުޤައްދަސް ގުޅުމެކެވެ. މި ގުޅުން އެގޮތުގައި ދެމެހެއްޓުމަށްޓަކައި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި، އޯގާތެރި ވުމާއި ޝުކުރުވެރިވުމާއި އަދި ތެދުވެރިވުން އެއީ ލާޒިމު ސިފަތަކެކެވެ. ދެމަފިރިންވެސް މިކަންކަން އެކަކު އަނެކަކަށް ދޭން ޖެހެއެވެ.

އެހެންކަމުން، ފެށުމެއްގެ ގޮތުން، ކޮންމެ ދުވަހަކީވެސް އެކަކު އަނެކަކަށްޓަކައި އުފާކުރާކަން ހާމަކޮށް ތިމަންނާ އެބަހުރިކަން އަންގައިދިނުން އާދައަކަށް ހަދަމާތޯއެވެ.)

ނޯޓް: މިއީ ކޮންމެ އަންބަކުވެސް އޭނާގެ ފިރިމީހާއަށް ފޮނުވާލަން އެކަށީގެންވާ ގޮތަށް ލިޔެފައިވާ ލިޔުމެކެވެ.

Thursday, May 1, 2025

ފަތިސްތަރި ޞޮފާ : އަންހެނަކަށްވީތީ އަދާކުރަންޖެހޭ ޒިންމާތައް




އަހަރެމެންގެ ޢާއްމު ދިރިއުޅުންތަކުގައި މިހާރު އެންމެ އިވޭ އަޑަކީ ފައިސާގެ ވާހަކަ އާއި ސިޔާސީ ވާހަކަތަކާއި ކައިވެންޏާއި ވަރީގެ ވާހަކައެވެ. ހީވާ ގޮތުން ދުނިޔެ ދެމިއޮތްހާ ހިނދަކު އެންމެ ގިނައިން ދެކެވޭނެ އެއް ވާހަކައަކީވެސް މިއީއެވެ. ސަބަބަކީ އިންސާނުންގެ ޙަޔާތަށް "ހަރުފަތްތައް" އިތުރުވެ މަދުވުން ބިނާވެފައި އޮންނަނީ މިކަންކަމުގެ ސަބަބުން ކަމަށްވާތީއެވެ. އެހެންނަނަމަވެސް ޙަޔާތުން ދުވަހެއް ގުނަމުން ކުރިއަށް ދާއިރު، އިތުރުވާ ކޮންމެ ހަރުފަތަކީ މައްޗަށް ދާ ހަރުފަތްތަކަކަށް ނުވެދާނެކަންވެސް ހަނދާން ބަހައްޓަން ޖެހެއެވެ. އެހެން ނޫންނަމަ ދާދި ފަސޭހައިން މަންޒިލް މަޤްޞޫދު އޮޅިދާނެއެވެ.

ޙަޔާތުގައި ދިމާވާ ކަންކަމުގެ ވާހަކަ ދައްކާލަން ވަރަށް ގިނަ މީހުން ބޭނުން ވެއެވެ. ޚާއްޞަކޮށް އަންހެނުންނެވެ. ކަންކަމުގެ ވާހަކަ ދައްކާލުމުން ހިތަށް ލުއި ލިބި ސިކުނޑިން ބުރަ ކެނޑޭތީއެވެ. ނަފްސާނީ ޑޮކްޓަރުންނާއި ތެރަޕިސްޓުންވެސް ބުނަމުން އެދަނީ އެ ވާހަކައެވެ.

އަންހެނުންނަށް ދިމާވާ ހިތާމަވެރި ކަންކަމުގެ ކެކުޅުން، އުފާވެރި ކަންކަމުގެ ދިރުން، ކުއްލި ހާދިސާތަކުގެ ސިހުން، ކުރިއެރުންތަކުގެ ފޮނި ރަހަ، ވެއްޓުންތަކުގެ ތަދު އަދި ގަބޫލުކުރާ ގަބޫލުކުރުންތަކަކީ، އަންހެނުން ވަރަށް ޚާއްޞަގޮތެއްގައި ޙިއްސާކޮށްލަން ބޭނުންވާ ކަންކަމެވެ. މިފަދަ ވާހަކަތައް އަޑު އެހުމުގެ ވަޒީފާ އެންމެ ގިނައިން ލިބިފައި އޮންނަނީ، އެންމެ ގާތް އެކުވެރިޔާގެ މަގާމުގައި ހުރި މީހަކަށެވެ. އެއީ އެކުވެރިޔަކަށްވެސް ވެދާނެއެވެ. ޢާއިލާ ކުއްޖަކަށް ވެސް ވެދާނެއެވެ. މަންމަ ނުވަތަ ބައްޕަ ކަމަށްވެސް ވެދާނެއެވެ. އަދި މަދުން ނަމަވެސް އެއީ ފިރިމީހާކަމަށްވެސް ވެދެއެވެ.

ހަމަ މިއާއެކު ދެން ބުނެލަން ޖެހެނީ، ހުރިހާ އަންހެނުންނަކީ ކަންކަން ހިއްސާކުރާ ބައެއް ނޫނެވެ. ހަމަ އަންހެނަކަށްވީތީ އެންމެން އެއްގޮތެއް ނުވެއެވެ. ކޮންމެ ދުވަހަކުމެ، އިއްޔެގެ ހުރިހާ ވާހަކައެއް ހިއްސާކުރާން ބޭނުން ނުވާ އަންހެނުންވެސް އުޅެއެވެ. އުފާވެރިކަންކަން އެއްގޮތަކަށްވެސް އަންގަން ބޭނުން ނުވެފަ އެކަމަކު ހިތާމަވެރިކަމެއް ނުވަތަ ކަންބޮޑުވުމެއް ދިމާވުމުން ހިއްސާކޮށްލާ އަންހެނުން ވެސް އުޅެއެވެ. ޙަޔާތުގެ ސިއްރުތައް ހަމަ އެއްވެސް ވަރަކަށް ކިޔައިނުދޭ އަންހެނުންވެސް އުޅެއެވެ. އަމުދުން ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކާއި ދެމަފިރިންގެ ހަމަޖެހުމާއި އުފާވެރިކަމުގެ ވާހަކަވެސް ނުދައްކާ އަންހެނުން އުޅެއެވެ. އެހެނަސް، މިއީ ހަމަ ވަރަށްވެސް މަދު ބައެކެވެ. މިފަދަ މީހުންނަށް އެކުވެރިންނާއި ޢާއިލާގެ ފަރާތުންވެސް މާކަ ބޮޑު ތަޢުރީފީ ބަހެއް ނުލިބޭނެއެވެ. ވަގު މީހެއް، ބޯހަރު މީހެއް، މީހުންނާ ގާތްކަން ބާއްވަން ބޭނުން ނުވާ މީހެއް ނުވަތަ ސިއްރުވެރިޔެއް، މިކަހަލަ ނަމެއް ނޫނީ ނުލިބޭނެއެވެ. އެހެންނަމަވެސް އެމީހުން އެކަމާ ކަނބޮޑެއް ނުވެއެވެ.

ކޮންމެއަކަސް އިންސާނާގެ ޠަބީޢަތުގައި ހުންނަ ސިފަތަކުގެ ތެރެއިން އަމިއްލަ ކުށަށް އިޢުތިރާފް ނުވާބައި އެންމެ ބޮޑަށް ހުންނަނީ އަހަރެމެން އަންހެނުންގެ ކަމަށްވާތީ، ކުރިން ބުނެވިމިދިޔަފަދަ ވާހަކަތައް ހިއްސާކޮށް ކިޔައިދީ ހަދާއިރުވެސް، ތިމާއަށް  ކުރެވޭ ކުށްތަކަށް އިޢުތިރާފްވެ އެ ވާހަކަ ދައްކާ އަންހެނުން ވަރަށް މަދުވާނެއެވެ. ގާތްމީހާ ކިޔައިދޭ ވާހަކައިގެ ދެ ޖުމްލަ ދޭތެރޭގެ މާނަ އެނގުމަށްޓަކައި މިކަން ހަނދާން ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.

އަންހެނުންގެ ޠަބީޢަތަކީ އޭގައި ވަރަށް ގިނަ ގޮތްތައް އެކުލެވިގެންވާ ޠަބީޢަތެކެވެ. އެއިގެ ތެރެއިންވެސް އެންމެ ޚާއްޞަކޮށް އަންހެނުން ފާހަގަކޮށްލެވެނީ އުފާވެރިކަމާއި، ލަދުވެތިކަމާއި، ލޯތްބާއި އޯގާތެރިކަމާއި، ސަމާލުކަމާއި އަޅާލުމަށް ލެނބޭ ޠަބީޢަތެއްކަމެވެ. އަންހެނުންގެ ފިޠުރަތަކީ އެއީއެވެ.

ޤައުމެއްގެ ރައީސެއްވިޔަސް، ހައިކޯޓުގެ ގާޟީވިޔަސް، އަސްކަރިއްޔާގެ އެންމެ މަތީ ރޭންކުގެ އޮފިސަރެއް ވިޔަސް، ބޯޓެއްގެ ކެޕްޓަނެއް ވިޔަސް، ޖަލު ބަލަހައްޓާ މީހެއް ވިޔަސް، ސްކޫލް ޓީޗަރެއްވިޔަސް، ނަރުހެއްވިޔަސް، ސިކުނޑީގެ ސަރޖަރީއަށް ފައްކާވެފައި ހުރި ޑޮކްޓަރެއްވިޔަސް އަދި މަސްވެރިއެއް ވިޔަސް އެމީހަކީ އަންހެނެއްނަމަ، އެމީހާގެވެސް ހުންނާނީ ހަމަ މި ޠަބީޢަތެވެ. ހަމައެކަނި ތަފާތުވާނީ މި ޠަބީޢަތް ފާޅުވާ ތަނާއި ވަގުތާއި ޙާލަތެވެ.

އަންހެނުން ލައްވަވާފައިވަނީ ލޯތްބާއި ކުލުނު ދޭން އެނގޭ، ފިރިހެނުންނަށްވުރެ ބޮޑަށް ހޭހަންކުރަން އެންމެ އެނގޭ، ގޯހެއް ހިނގާނަމަ އެންމެ އަވަހަށް އެކަމަކަށް ފާރަވެވޭ އަދި ވަރަށް ކުދިކުދި ކަންތައްތަކުންވެސް ފުން އަސަރުކުރާނެ ގޮތަށެވެ. ސަބަބެއް ކަމަށް އަހަރެން ދެކެނީ، މައިވަންތަކަން އަންހެނުންނަށް ދެއްވާފައިވުމެވެ.  

(ނުނިމޭ)

ނޯޓް: މިއީ އަހަރެމެން އަންހެނުންގެ ޙަޔާތުގެ އެކިއެކި ކަންކަމާއި ބެހޭގޮތުން ގެނެސްދޭން ގަސްތުކުރާ ލިޔުންތަކެކެވެ. ހޭލުންތެރިކުރުވުން، ހިތްވަރު ދިނުން، މަޢުލޫމާތު ފޯރުކޮށްދިނުން އަދި ޢިބްރަތެއް ހޯދައިދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އަހަރެމެންގެ ތެރެއިން ކޮންމެ އަންހެނަކަށްވެސް ކޮންމެވެސް ފައިދާއެއް ކުރާނެފަދަ ލިޔުމަކަށް މި ލިޔުންތައް ވާނެކަމަށް އުއްމީދު ކުރަމެވެ. ޝުކުރިއްޔާ!


Tuesday, September 6, 2022

މާޒީއިން ވަކި ނުވާށެވެ.



އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ޙަޔާތުގެ ވަކި ހިސާބަކަށް އާދެވުމުން، ފަސްދީފަ އައި މާޒީއާއި އެއްކޮށް ވަކިވާން މަސައްކަތް ކުރާ މީހުންނެވެ. އެ މާޒީ ހަނދާން ނައްތާލަން ކުރެވެން އޮތްހާ ކަމެއް ކުރާ މީހުންނެވެ. ގިނަ ފަހަރަށް މި މަސައްކަތް ކުރެވެނީ ޙަޔާތުގައި ދިމާވި ކޮންމެވެސް މީހަކާއި އެ މީހަކާއި ގުޅުން ހުރި ކަންކަން ހަނދާން ނައްތާލުމަށެވެ. ނުވަތަ ލިބުނު ވޭނަކާއި ވީ ޒަޚަމެއް ހަނދާން ނައްތާލުމަށެވެ. ނުވަތަ ލިބުނު ހިތްދަތިކަމަކާއި ހިތާމައެއް ފޮހެލުމަށްޓަކައެވެ. އެކަމަކު މިއީ އޭގެ ޒާތުގައި ނުކުރެވޭނެ ކަންކަމެވެ.  

 

ޚުދު ތިމާގެ މައްޗަށް ކަމެއް ތަންފީޒު ކުރުމަށް ގަދަ މަޖްބޫރެއް ނަފްސަށް ކުރުމަކީ އެކަމުގެ ސަބަބުން ލިބޭ އުނދަގޫ ބޮޑުވާނެ ކަމެކެވެ. މާޒީގައި ދިމާވި މީހަކާއި އެމީހަކާއެކު ވެފައި ހުރި ކަންތައް ހަނދާން ނައްތާލުމަކީ އެއް ދުވަހުން ދެ ދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ކަނޑައެޅޭ ވަކި ދުވަހެއް އެކަމުގައި އެނގެން ނޯންނަ ކަމެކެވެ. ހަފްތާއަކުންވެސް ހަނދާނުން ފޮހެ ހިތުން ބޭރު ކޮށްލެވިދާނެއެވެ. ހަމަ އެހެން، މުޅި ޢުމުރު ހަނދާން ނައްތާލަން މަސައްކަތް ކުރުމުގައިވެސް ހޭދަކުރަން ޖެހިދާނެއެވެ.

 

ތިބާގެ މާޒީއާއި ވަކިވެ އެހެން މީހަކަށް ބަދަލުވާން މަސައްކަތް ނުކުރާށެވެ. ތިބާއާއި ދިމާވި ކޮންމެ މީހަކާއި، ތިބާ ކުރި ކޮންމެ ތަޖުރިބާ އަކާއި، ތިބާ ގައިގަ އެޅި ކޮންމެ ވޭނަކާއި، ތިބާގެ ގައިގައި ލި ކޮންމެ ޒަޚަމަކީ ތިބާ ހެދި ބޮޑު ވަމުން އައިއިރު ކުރި ތަޖުރިބާ ތަކެވެ. ތިބާ ފުރިހަމަވާން އައިއިރު ގިރާކުރި ހުރަސްތަކެވެ. އެއީ ތިބާގެ އެއްބައެވެ. ތިބާ ތިބާއަށްވީ ، މާޒީގައި ތިބާ ކުރި ތަޖުރިބާތަކުގެ ސަބަބުންނެވެ.

 

ޙަޔާތުގެ މަގުގައި ކުރިއަށް ދާން ވިސްނާއިރު މާޒީއާއި ވަކިވާން މަސައްކަތް ކޮށްފިނަމަ ތިބާއަށް ދުވަހަކުވެސް ކުރިއަކަށް ނުދެވޭނެއެވެ. އަނެކުންގެ ކަންކަމާ އަބަދުމެ ވިސްނާ އެކަމުން ބީވެގަންނާނެ ގޮތެއް ވިސްނަން ހުންނަކަމުގައިވާނަމަ ތިބާގެ އަމިއްލަ ޙަޔާތް އާރާސްތުކުރަން ޖެހޭކަމާއި ތިބާގެ އަމިއްލަވަންތަކަން ހަމަ ދާދި އަވަހަށް ގެއްލި ހިނގައިދާނެއެވެ.

 

އޭގެ ބަދަލުގައި ތަސައްރަފު ފުދި، ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮކަންމަތީ ހެދި ބޮޑުވާން މަސައްކަތް ކުރާށެވެ. ޢަޤީދާ ވަރުގަދަ ކުރުމަށާއި ތިބާގެ އަމިއްލަ ޙަޔާތަކީ ތިބާއަށް އިމްތިޙާނެއްގެ ގޮތުން ދެއްވިފައިވާ ޙަޔާތެއް ކަމާއި އެ ޙަޔާތް ހޭދަކުރި ގޮތަކާއި ބެހޭގޮތުން ޚުދު ތިބާއާއި ސުވާލު ކުރެވޭނެކަން ދަނެ ތިބާގެ އަމިއްލަ ނަފްސު ރަނގަޅު ކުރަން މަސައްކަތް ކުރާށެވެ. ތިބާގެ ޙަޔާތުގައި ހިމެނެނީ ތިބާ އެކަނި ނޫންކަމާއި ، ތިބާ ދާ ކޮންމެ ތާކުން ތިބާގެ ވަށައިގެންވާހާ ބަޔަކާއި ދޭތެރޭ ތިބާ ވިސްނަން ޖެހޭނެއެވެ. ގުޅުންތަކަށް ފުރުޞަތު ދޭށެވެ. އުޅުމަށް ބަދަލު ގެންނާށެވެ. އާ ފުރުޞަތުތަކަށް މަގުފަހިވިޔަ ދޭށެވެ.

ކޮންމެ ކަމަކީވެސް އެކަމެއްގެ ވަގުތު ފާއިތުވުމުން ފާއިތުވާ ކަންކަމެވެ. ހިތާމަވެސް އުފާވެސް މެއެވެ. ތަދާ ވޭންވެސް މެއެވެ. ލޯތްބާ ނަފްރަތުވެސް މެއެވެ. މިކަން ހިތުގެ އަޑިން ޤަބޫލުކޮށްލާށެވެ. މާޒީގެ އުނދަގުލެއް ނެތި ކުރިއަށް ދާން ނުހަނު ފަސޭހަ ވެގެން ދާނެއެވެ.

 

ނަމަވެސް މާޒީގައި ލިބުނު ތަދާ ވޭނަށް ލަޢުނަތްދީ، އެއީ ސަބަބެއް ކަމަށް ދައްކައި، ތިބާގެ ނަފްސުގެ ރީތިކަމުން އަތްދޫނުކުރާށެވެ. ތިބާގެ ޠާހިރު ޖަޒުބާތުތައް އެއީ އަގެއް ނެތް އެއްޗެއްކަމަށް ނުނިންމާށެވެ. އެކަންކަމަށް އެދޭ މީހުންނަށް އެކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެވޭތޯ މަސައްކަތް ކުރާށެވެ. ކުރިޔަށްވުރެވެސް ރަނގަޅު މީހަކަށް ވެވޭތޯ މަސައްކަތް ކުރާށެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ވާދަވެރިކަމާއެކު ވަކި ބަޔަކަށް ދައްކަން ކަންކަން ޙާޞިލުކުރަން ހެޔޮނުވާނެއެވެ. ތިމާއަށް މޮޅާއި ކާމިޔާބު ހޯދަން އަވަސް އަރުވާލައިގެން އެހެން މީހުންގެ ޙައްޤަށް އަރައި ނުގަންނާށެވެ. ނަފްސަށް އޮޅުވާލައިގެން މާޒީއިން ނެއްޓެން މަސައްކަތް ކުރި ކަމުގައިވިޔަސް، ތިބާގެ ހިތަށް ފަރުވާ ލިބޭނީ އެ ހިތް ބޭނުންވި އިރަކުންނެވެ. އެކަން ތިބާގެ ހިތުގެ މައްޗަށް މަޖްބޫރު ނުކުރާށެވެ. ވަގުތާއެކު އެ ހުރިހާކަމެއް ފަނޑުވެގެން ދާނެއެވެ. އެއީ ޔަގީންކަމެކެވެ.

 

ރޮވޭނަމަ ރޯލާށެވެ. ތަދުވާނަމަ ތަދުވެސް ވާކަމަށް ނަފްސަށް ޤަބޫލުކުރިޔަދޭށެވެ. ތިބާގެ އަޅާލުމާއި ގާތްކަމަށް އެދި އެދި ތިބި މީހުންނަށް އެ ފުރުޞަތު ދޭށެވެ. ތިމާއަށް ވީ ތަދުތައް އަލަށް ދިމާވި މީސްމީހުންނަށް ނުދޭށެވެ. ކުރެވޭ އިހްސާސާ ސަބަބުތައް ގާތްމީހުންނަށް ކިޔައިދީ ބުނެދޭށެވެ. ތިބާއަށް އެހީވުމުގެ ފުރުޞަތު ތިބާގެ ގާތް މީހުންނަށް ދޭށެވެ.

 

ތެދެކެވެ. ޙަޔާތުގައި ކަމެއް ނުވާކަމަށް ނެހެދޭނެއެވެ. ދިމާވި ކަންތައްތަކާއި، ކުރިމަތިލި ހަނގުރާމަތަކުގެ އަސަރު ތިބާގެ ކިބައިގައި ހުންނާނެއެވެ. އަނެކުންނަށް އެކަންކަން ތިބާގެކިބައިން ފެންނަންވެސް ފެންނާނެއެވެ. އެހެނަސް، ޙަޔާތުގައި އެ ދިމާވި ކޮންމެ ކަމަކީ އޭގެ ސަބަބެއް އޮވެގެން ދިމާވި ކަންކަން ކަމާއި، ނަތީޖާއަކީ މިހާރު ކޮބައިކަންވެސް ތިބާ ވިސްނާލައިފިނަމަ އެނގޭނެއެވެ. ހިތްވަރުގަދަ ، ޢަޒުމު ވަރުގަދަ މީހަކަށް ވުމަށްޓަކައި ވޭނާ ކެކުޅުންވެސް ތަޙައްމަލުކުރަން ޖެހޭކަން ޚުދު ތިބާވެސް ފަހުން ޤަބޫލު ކުރާނެއެވެ. ފުން ލޯތްބާއި އިޚްލާޞްތެރި ތެދުވެރިކަމުގެ އަގު އެންމެ ރަނގަޅަށް އެނގޭނީ އޭގެ އިދިކޮޅު ކަންތައްތައް ތިބާ ތަޖްރިބާކޮށްފަ ހުރުމުންނެވެ.

އިރާދަކުރެއްވިއްޔާ މާ ލަހެއް ނުވެ ތިބާގެ ހަނދާނުގައި ހުންނާނީ ހަމައެކަނި ވޭނެއް އިހްސާސް ކުރި ހަނދާނެއެވެ. އެކަމުން ލިބުނު ތަދު ތިބާ ހަނދާން ނުހުންނާނެއެވެ. މިއީ ދުނިޔޭގެ އާދައެވެ.

ހެއްދެވިފަރާތަށް ދުޢާކޮށް ދަންނަވާށެވެ. އެ ހަނދާންތަކާ އެ ވޭންތަކުން ދުރުކޮށްދެއްވުން އެދި ދަންނަވާށެވެ. އަހަރެމެންގެ ވެރި ރަސްކަލާނގެ އަހަރެމެންނަށް ދެއްވާ ކޮންމެ ކަމެއްގައި ހެވެއް ނޫނީ ނުވެއެވެ.

އަހަރެމެންގެ ހިތް ހަލާކުވި ކޮންމެ ފަހަރަކީ އަހަރެމެންގެ ނަފްސު އިތުރަށް ރަނގަޅުކޮށް ފުރިހަމަކުރާން ލިބުނު ފުރުޞަތެކެވެ. އަދި އަނެކުންނަށް ޤަދަރާއި އިޙްތިރާމް ދިނުމަށާއި، ގާތްކަމާއި ލޯބި ދިނުމަށް އެ ހިތަށް ލިބުނު ޢިލްމަކަށެވެ.

މާޒީއާއި ވަކިނުވާށެވެ. މާޒީގެ ސަބަބުން ކުރިއަށްވުރެވެސް ފުރިހަމަ މީހަކަށް ވެވޭތޯ ބަލާށެވެ. މާޒީގައި ބަޔަކު ތިބާގެ އަގު ވައްޓާލާ އިޙްތިރާމާއި ގަދަރުކުޑަކޮށްލިނަމަވެސް، ތިބާ ހީވެސް ނުކުރާވަރުގެ ޤަދަރަކާއި އިޙްތިރާމަކާއެކު ތިބާ ބަލައިގަންނާނެ އެތައް ބަޔަކު ތިބާ އަދި ދެކޭނެއެވެ. ހެޔޮ ބަދަލުތަކަކާއެކު ކުރިއަށްވުރެވެސް "ރީތި" ނަފްސަތަކަށް ވެވޭތޯ ބަލާށެވެ.! (ނިމުނީ)

-ފަތިސްތަރި ޞޮފާ / 06 ސެޕްޓެމްބަރ 2022-


Sunday, September 4, 2022

ތަފާތެއްގެ ފެށުން

 




އެއީ ދެމޫސުމެއް ބަދަލުވާން އައި ދުވަސްވަރެވެ. ނޮވެމްބަރު މަހެއްގެ މެދުތެރެއެވެ.

ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ވާރެއާއެކު ވައި ގަދަވި ވިއްސާރަ ރެއެކެވެ.

އެފަ ޠޫފާނީ ރެއެއްގައި ސިހުން ގެނުވީ ހިތަށް ގުޑުން އަރައިގެން ދާފަދަ ބަރުއަޑަކުން ގޮވާލި އަޑަށެވެ.

ފެންނަން ނެތް ނަމަވެސް އެއީ އެފަދަ ރެއެއްގައި އޭނައަށް ހަމަޖެހުން ގެނެސްދިން އަޑެކެވެ.

ހައިރާންވެ ހިނިތުންވެވުނީ އަމިއްލަ ނަފްސަށްވެސް އެވަނީ ކީއްކަން ނޭނގިގެންނެވެ.

 

އިހްސާސް ކުރެވުނީ އެ ވިއްސާރަ ރޭގައި އެއީ އޭނައަށް ހިޔާދޭން އުޅޭ ބިޔަ ގަހެއްފަދައިންނެވެ.

ސިހުންވެ ޙައިރާންވިނަމަވެސް އޭނައާއި ހަމައަށް އެލެންފެށި ގޮފިތަކަށް އޭނަގެ ހިތާއި ސިކުނޑީގައި ޝައުގެއް އުފެދުނެވެ.

ލަހެއް ނުވެ "އުއްމީދު" ގެ ނަމުން އެ ގަހަށް އޭނާ ނަން ދިނެވެ. އެ ގަސް ބަލަހައްޓަން ގަސްތުކުރިއެވެ.

އެހެން މީހުން ފަދައިން ހިޔަލެއްގައި މަޑުކުރުމަށް އޭނާވެސް ބޭނުން ވިއެވެ.

ތަފާތު ގޮތަކަށް ކަންކަމަށް އެދެން އަމިއްލަ ހިތަށް ފުރަތަމަ ފަހަރަށް ދަސްކޮށްދެމުންނެވެ.

 

ދެތިންމަސް ފާއިތުވެދިޔައީ ގަހުގެ ފިނިކަމުގައި އިނދެ އުފާ އުފަލުންނެވެ.

ބައެއްފަހަރު އަވީގައި ލިބުނު ހިޔަލުގައެވެ. ބައެއްފަހަރު ހަނދުވަރުގައި ދިން ހިޔަނީގައެވެ.

ބައެއްފަހަރު ގަހާއެކު ވައިރޯޅި އިހްސާސް ކުރުމުގައެވެ. ބައެއްފަހަރު ހިމޭންކަމާއެކުގައެވެ.

ޚުދު ތިމާގެ ކިބައިގައި އަދި ދިރުން އެބަހުރިކަން އިހްސާސް ކުރެވުމުން ޝުކުރު ކުރެވުނެވެ.

ވަރުބަލިވެއްޖެކަން ފުރަތަމަ ފަހަރަށް ގަބޫލުކޮށް އެގަހަށް އޭނާ ލެނގުނެވެ.

 

އެހާ ފުރިހަމަ ނޫންކަން އެނގުނު ނަމަވެސް، އެހެން ގަސްތަކާ މާބޮޑަށްވެސް ތަފާތުކަން ފެނުނެވެ.

އެހެން ހުރިހާ ގަހަކާ އަޅާކިޔާ އިރުވެސް ފެނުނު ބޮޑު ތަފާތުތަކަކީ ޒަމާނުއްސުރެ އޭނަ ހޯދަމުން އައި ތަފާތުތައްކަން އެނގިގެން ދިޔައެވެ.

ގަޔާވާ ޝައުގުތަކަކާއެކީ ތަފާތު އެތައްކަމެއް ހުރުމުން އެގަހާ ދުރަށް ދާހިތް ނުވިއެވެ.

އެންމެ ބިޔަ ގަސްތަކުތެރޭން ނުވިޔަސް، ލިބެން ހުރި ހިޔަލަކާ ނިވަލުން ހިތަށް ހަމަޖެހުން ލިބެން ފެށިއެވެ.

ބުނަން ނޭނގޭފަދަ ޔަގީންކަމަކާ އިތުބާރެއް ކުރެވުނީ މުލުން ލުހިގެން ނުދާހާ ހިނދަކު އެކުގައިވާނެކަން ޔަޤީންވުމުންނެވެ.

 

ތަފާތެއްގެ ފެށުން ފެނުނެވެ. ބަދަލަކަށް ޚުދު އޭނަގެ ނަފްސު ބޭނުންވާން ފެށިއެވެ.

ބިރާ ކަންބޮޑުވުމާއެކުގައި ، ކަލާނގެ ހަޟްރަތަށް ދެންނެވެން ފެށިއެވެ.

ހެވާނުބައި ވަކިކޮށްދޭނެ އަލިމަގަށް އެދި ދުޢާ ކުރެވުނީ ޙަޔާތުގެ އެންމެ ބޮޑު ނިންމުން ނިންމަން ޖެހުމުންނެވެ.

ހިތް އެދޭ އެދުމާއި، ކުރަން ބޭނުންވާ ކަންކަމުގައި ނުބައެއް ވާނަމަ އެކަމަކުން އެއްފަރާތްކޮށް ދެއްވުމަށާއި މޮޅެއް ރަނގަޅެއް ވާނަމަ ނޫނީ އެހެން ނަފްސެއްގެ އަސީރަކަށް ވާން ދޫކޮށްނުލުމަށް އެދި ދުޢާ ކުރެވުނެވެ.

ވެވުނު ހުރިހާ ޤުރުބާނީއަކަށްފަހު، ލިބޭނީ އެންމެ އަގުހުރި ޖަވާހިރުކަމަށް ޤަބޫލު ކޮށް ޝުކުރުވެރި ވެވުނެވެ.

 

އަމިއްލަ ޙަޔާތް ބަދަލުކުރުމަށް ފުރަތަމަ ފަހަރަށް ޙާލަތާއެކު އޭނާއަށް އެއްބަސްވެވުނެވެ.

ބައެއްފަހަރު ހިތްދަތި އިހްސާސްތަކުން ލޯމެރި ނިދެމުންނެވެ.

ބައެއްފަހަރު ގޮތްހުސްވި ބުއްދިއާއި ފިކުރުން ގަދަކަމުން ހޭލަމުންނެވެ.

ވަރަށްވެސް ބޮޑު ތަފާތެއް ގެންނަން ވެއްޖެކަން ހިތަށް ވިސްނައިދެމުންނެވެ.

ތާ އަބަދު ވަކިނުވުމަށް ވެވޭ ވަޢުދަކާއެކު އެ ގަހާ ލާމެހި އަބަދާއަބަދު އެކުގައި ވުމަށް އެއްބަސްވެ ހުވާ ކަށަވަރު ދިނެވެ.

މުޅި ޢުމުރު އެކުގައި އުފާ އުފަލުން ލޯތްބާ އިޙްތިރާމް ދީގެން އެކުގައި އުޅުމަށް ގަސްތު ކޮށްގެންނެވެ.

މަތިވެރި ކަލާނގެ ޙަޟްރަތުން ތަޢުފީޤު އެދެމުން، ދެ ދުނިޔެ ކާމިޔާބު ކުރުމަށްވެސް އެކުގައި މަސައްކަތް ކުރުމަށް ޢަޒުމް ކަނޑައަޅަމުންނެވެ.

އާ ތަފާތެއްގެ ފެށުމަކީ ރީތި ނިމުމަކަށް ވުން އެދި ކުރެވޭ ދުޢާއަކާ އެކުގައެވެ. އާމީން !

                                      -ފަތިސްތަރި ޞޮފާ / 04 ސެޕްޓެމްބަރ 2022-