"މަންމާ" ގެ ރަން ތާޖު އެހެން ހުރިހާ ތާޖަކަށްވުރެން ވިދައެވެ.
އަހަރެންވެސް އޭގެ ތާޖެއް ބޭނުންވިއެވެ.
ކުޑަކުއްޖެއްގެ ގޮތުގައި އެންމެ ފުރަތަމަ ފެނުނީ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއެކެވެ.
ދެންވެސް އަންހެން ކޮއްކޮއެކެވެ.
ދެންވެސް އަންހެން ކޮއްކޮއެކެވެ.
ދެން ފިރިހެން ކޮއްކޮއެކެވެ.
އަނެއްކާވެސް އަންހެން ކޮއްކޮއެކެވެ.
މިއަދު މިއީ އެ ހުރިހާ ކުދިންގެ ދޮށީ "ދައްތަ" އެވެ.
އަލްޙަމްދު ލިﷲ
ފުރަތަމަ ކޮއްކޮ ލިބުނު ދުވަހުން ފެށިގެން މިވީ އެތަކެއް އަހަރުތެރޭގައި އެތަކެއް ކުދިން ގެންގުޅެފީމެވެ.
އެތަކެއް ކުދިން ފެންވަރުވާ ރީތިކޮށްފީމެވެ.
އެތަކެއް ކުދިން ފުނާ އަޅުވާ ފުށް ޖައްސާ ނެޕީ ޖައްސާ ހަދައިފީމެވެ.
އެތަކެއް ކުދިންނަށް ކާންދީ ބުއްފުޅި ގިރައިދީފީމެވެ.
އެތަކެއް ކުދިންނަށްޓަކައި ރޭގަނޑުގެ ނިދިންވެސް މަޙްރޫމްވެއްޖައީމެވެ.
ކުރާހިތުންނެވެ. އުފަލުންނެވެ. ލޯބިންނެވެ.
ބައެއްކުދިންގެ ޖަނާޒާއަށްވެސް ދެވުނެވެ.
ބައެއް ކުދިންގެ ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބުނެވެ.
ޢާއިލާގެ މީސްމީހުންގެ ކުދިންނެވެ. ރަޙްމަތްތެރިންގެ ކުދިންނެވެ.
ދިޔައީ އެ ކުދިންނާއެކުގައި ވާހިތުންނެވެ. އެހިތާމައިގައި ބައިވެރިވާހިތުންނެވެ.
އިންތިހާ ލޯބިންނެވެ.
މިއަދު މިއީ އެތައް ކުދިންނެއްގެ "ދައްތަ" އެކެވެ.
އެއްބަނޑު ކުދިން ހަމައެކަނި "ދައްތަ" ކީނަމެވެސް މިކުދިންތައް ދައްތަ ކިޔަނީ އަހަރެންގެ ނަމާވެސް ގުޅުވައިގެންނެވެ.
އުފަލުން ހިތް ފުރެއެވެ.
އުފަލުން ހިތް ރޮއެހަދައެވެ.
ހެއްދެވި ފަރާތަށް ޝުކުރު ކުރަމެވެ.
އަލްޙަމްދު ލިﷲ
ޒުވާން ޢުމުރު ފުރާއިން ފެށިގެން އަހަރެންވެސް ބޭނުންވިއެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ "ފުށްގަނޑެއް" ކެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ ނަފްސުން "އެތިކޮޅެއް" ކެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ "ލެއިން" ފެންދީގެން ހައްދާނެ ރީތި ގަހެކެވެ.
އެހެން އަންހެނުންހެން "މަންމަ" އަކަށް ވުމަށް އަބަދުވެސް އެދެވުނެވެ.
ހުރިހާ އުއްމީދަކާއި ހުވަފެނެއް މި ދުނިޔޭގައި ޙަގީގަތަކަށްވެސް ނުވާނެއެވެ.
އެކަން ގަބޫލުކުރަން ޖެހޭނީ ޝުކުރުވެރިކަމާއެކުގައެވެ.
ބައެއް މީހުންނަށްޓަކައި އުއްމީދާ ހަގީގަތާ ދެމެދުގައި ދުރު ރާސްތާއެއް ވެއެވެ.
ޢުމުރެކޭ އެއްފަދައިން ވަގުތުވެސް ހުއްޓިގެނެއް ނެތެވެ.
އަހަރެމެންގެ ތަދުބީރަށްވުރެ ރަޙްމާންވަންތަ ރަޙީމްވަންތަ ކަލާނގެ ތަޤްދީރު ކުރައްވާފައިވާނީ މާ ފުރިހަމައަށެވެ.
އެކަލާނގެ ނިންމެވުމާމެދު އެއްވެސް ޝަކުވާއެއް ނެތެވެ.
އަލްޙަމްދު ލިﷲ
މިއަދު މިއީ ފަސްކޮއްކޮއެއްގެ ދައްތައެކެވެ.
ހަ ކުއްޖެއްގެ ބޮޑުދައިތައެވެ.
އަށާރަ ކުއްޖެއްގެ ދެބެއިންގެ ދެ ދަރި ދައްތައެކެވެ.
އަދި އެތައް އެތައް ކުދިންނެއް އަހަރެންގެ ނަމާ ގުޅުވައިގެން ދައްތަ ކިޔައެވެ.
ނަމަވެސް މިއީ "މަންމަ" އެއް ނޫނެވެ.
އަލްޙަމްދުލިﷲ ޝުކުރު . ހުރިހާ ޙަމްދަކާއި ޘަނާ ވަނީ އެންމެ އޯގާވަންތަ ރަސްކަލާނގެ ހަޟްރަތަށެވެ.
އެކަލާނގެއަށް ޝުކުރުވެރިވަނީ ހިތުގެ އަޑިން ރުހިގެން އުފަލާއެކުގައެވެ.
ދުޢާ އަކީ މަންމައަކަށް ވުމުގެ ހެޔޮ ނަޞީބު ލިބުނު ފަރާތްތައް އެ އަމާނާތަށް ރައްކާތެރިވެ، ދެދުނިޔޭގެ އުފާ އެ ކުދިންނަށް ލިބޭނެހެން ބަލައި ބޮޑުކުރުމެވެ.
މާތް ﷲ ތިޔަ ހުރިހާ މަންމައިންނަށް ހެޔޮ ރަޙްމަތް ލައްވާށި. އާމީން !
~ ފަތިސްތަރި ޞޮފާ / 10052026 ~





