ޑރ. ޢަބްދުލް ޢަޒީޒު
ޙަމީދު
ހަކުރުބަލީގެ
މާނައަކީ ލޭގައި ހަކުރު ނުވަތަ ގުލްކޯޒް ގެ މިންވަރު މަތިވުމެވެ. ގުލްކޯޒަކީ
ހަށިގަނޑަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު މަޞްދަރެވެ. ގުލްކޯޒުގެ މިންވަރު ލޭގައި
މަތިނަމަ ނުވަތަ ކޮންޓްރޯލް ނުކުރެވޭނަމަ ތަފާތު ޞިއްޙީ މައްސަލަތައް ކުރިމަތި
ވެއެވެ. ހަކުރު ބަލި ހުރުމަކީ މާބަނޑު ދުވަސްވަރު އެކަމަށް ޚާއްޞަ އިނާޔަތް
ބޭނުންވާނެ ކަމެކެވެ. މާބަނޑު ދުވަސްވަރު ކުރިމަތިވާ ހަކުރު ބައްޔަށް
''ޖެސްޓޭޝަނަލް ޑައެބެޓީޒް'' އޭ ކިޔައެވެ. ބަލިވެ އިންނަ 4 އިންސައްތަ އަންހެނުންނަށް
މިމައްސަލަ ކުރިމަތިވާ ކަމަށް ދިރާސާތައް ބުނެއެވެ.
ހަކުރު ބަލި ޖެހެން
މެދުވެރިވާ ސަބަބުތައް
ހަކުރު
ބަލި ކުރިމަތިވަނީ ހަށިގަނޑުގައި ''އިންސުލިން'' ބޭނުންކުރާ ގޮތް ނުވަތަ އުފައްދާ
ގޮތަށް މައްސަލައެއް ދިމާވުމުންނެވެ. މިސާލަކަށް ޕެންކްރިއާސް އިން ލޭގެ ތެރެއަށް
އެކަށޭނަ ވަރަށް އިންސުލިން ފޯރުކޮށް ނުދެވުމުގެ ސަބަބުންނެވެ. އިންސުލިން އަކީ
ކާނާގެ ތެރޭގައި ހިމެނޭ ގުލްކޯޒު ހަކަތައަށް ބަދަލުކުރުމުގެ ޒިންމާ އުފުލާ ހޯރމޯން
އެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ކާނާގެ ތެރޭގައި ހިމެނޭ ހަކުރުގެ މާއްދާތައް
ހަށިގަނޑަށް ބޭނުންކުރެވޭނެ ގޮތަށް ބަދަލުކޮށްދޭ މައިގަނޑު ހޯރމޯން އެވެ.
ހަށިގަނޑަށް ފުދޭވަރަށް އިންސުލިން އުފައްދައި ނުދޭ ހާލަތުގައި، ނުވަތަ
ހަށިގަނޑުގައި އެކަށޭނަ ވަރަށް އިންސުލިންގެ ބޭނުން ނުހިފާ ހާލަތުގައި ލޭގައި
އެކުލެވޭ ގުލްކޯޒުގެ މިންވަރު މަތިވެގެން ދެއެވެ. މިއަށް ކިޔާ ޢިލްމީ ނަމަކީ
''ހައިޕާގްލައިސީމިއާ''(Hyperglycemia) އެވެ.
މާބަނޑުވުމާއި
ގުޅިގެން ކުރިމަތިވާ ހަކުރު ބައްޔަށް ބަލިވެ އިންނަ ކޮންމެ މީހަކު ޓެސްޓް ކުރުމަކީ
މުހިއްމު ކަމެކެވެ. އެހެނީ ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ އުދަގޫތައް
ފެނުމަކާއި ނުލައި، ނުވަތަ ހަކުރު ބަލި މެދުވެރި ވުމަށް މަގުފަހިކޮށްދޭ ކަމެއް
ކުރިމަތިނުވާ ހާލުގައިވެސް މާބަނޑުވުމުން ހަކުރު ބަލީގެ މައްސަލަ
ފެންމަތިކުރުވައެވެ.
މާބަނޑު
ދުވަސްވަރު ކުރިމަތިވާ ހަކުރު ބަލީގެ އުދަގޫތައް ވިހެއުމަށްފަހު ފިލައިދެއެވެ.
މިދުވަސްވަރު ހަކުރުބަލީގެ އުދަގޫތައް ކުރިމަތިވާ ގިނަ އަންހެނުންނަށް އަހަރުތަކެއް
ފަހުން ހަކުރުބަލީގެ އުދަގުލާއި ކުރިމަތިލާން ޖެހޭކަމަށް ދިރާސާތަކުން ދައްކަ
އެވެ. ކުރިން ބަލިވެ އިންފަހަރެއްގައި ހަކުރު ބަލީގެ އުދަގޫތައް ތަހައްމަލު
ކޮށްފައިވާނަމަ އެކަން ޑޮކްޓަރަށް ކިޔައިދޭން ވާނެއެވެ.
މާބަނޑު ދުވަސްވަރު
ހަކުރު ބަލީގެ އުދަގޫ ކުރިމަތިވުމުގެ މަގުފަހިކުރާ ކަންތައްތައް
- ބަލިވެ އިނުމުގެ ކުރިން
މާބޮޑަށް ފަލަކޮށް ތިބޭމީހުން
- ކުޑަކަމުދާ ތަކެތީގައި
ގުލްކޯޒު ހުރުން
- ނަސްލު: އޭޝިޔާ ،
އެމެރިކާ އަދި ކަޅު ގައުމުތަކުގެ މީހުންނަށް މިމައްސަލަ ކުރިމަތިވާލެއް ބޮޑުކަން
ވަނީ ފާހަގަކުރެވިފައެވެ.
- ފެންކޮތަޅުގައި
ފެންގިނަވުން
- އާއިލާގައި ހަކުރު ބަލީގެ
މެންބަރުން ތިބުން
- ލޭގައި ގުލްކޯޒު މިންވަރު
ހުރިތޯ ބެލުމަށް ހަދާ ޓެސްޓް ގެ ނަތީޖާގައި ލޭގެ ގުލްކޯޒުގެ މިންވަރު މަތިވުން.
- ކުރިން ބަރުދަން 9
ޕައުންޑަށްވުރެ ބަރު ކުއްޖަކު ވިހައިފައިވުން
- ކުރީ ފަހަރެއްގައި ބަލިވެ
އިން އިރު ހަކުރުބަލީގެ އުދަގޫތައް ތަހައްމަލު ކޮށްފައިވުން
- ވިހޭއިރު މަރުވެފައިވާ
ކުއްޖެއް ކުރިން ވިހައިފައިވުން
ހަކުރު ބަލި ހުރިތޯ
ބެލުމަށް ޓެސްޓް ކުރުން
ހަކުރު
ބަލި ހުރިތޯ ބެލުމަށް ކުރެވޭ ޓެސްޓަކީ ވަރަށް އާދައިގެ ރައްކާތެރި ޓެސްޓެކެވެ.
މިގޮތުން ހަކުރު އެކުލެވޭ ދިޔާއެއްޗެއް ( އޭގައި 50 ގްރާމްގެ ގުލްކޯޒު ހިމެނޭ )
ބޯންޖެހެއެވެ. އާންމުގޮތެއްގައި މިގުލްކޯޒު ހަށިގަނޑަށް ވަރަށް އަވަހަށް
ނަގާނެއެވެ. އަދި ލޭގެ ގުލްކޯޒުގެ މިންވަރު 60-30 މިނިޓާއި ދެމެދުގެ ވަގުތެއްގައި
މަތިވެގެންދާނެ އެވެ. އެއަށް ފަހު 1 ގަޑިއިރު ފަހުން ލޭގެ ސާމްޕަލްއެއް ނަގައި
ގުލްކޯޒު ހުރި މިންވަރު ޗެކްކުރެވެއެވެ. ލޭގައި ގުލްކޯޒު ގެ މިންވަރު މަތިނަމަ
އޭގެ މާނައަކީ ގުލްކޯޒުގެ މިންވަރު ކޮންޓްރޯލް ކުރުމުގައި މައްސަލައެއް ހުރުމެވެ.
ތަބީއީ ނޫން ކަމުގައި ބެލެވެނީ ލޭގެ ކޮންމެ ޑެސިލިޓަރެއްގައި 140 މިލިގްރާމަށް
ވުރެ ގުލްކޯޒުގެ މިންވަރުގެ މަތިނަމައެވެ. ގުލްކޯޒުގެ މިންވަރު މަތިނަމަ
''ޑައިގްނޯސްޓިކް ޓެސްޓް'' އެއް ހަދަން ޖެހެއެވެ. މިއީ ހަކުރު ބަލި ހުރިތޯ މުޅިން
ޔަގީންކުރުމަށް ހެދޭ ޓެސްޓެކެވެ.
ހަކުރު ބަލީގެ
އަހުލުވެރިޔަކު ބަލިވެ އިނުމުން ކުރިމަތިވެދާނެ ކަންތައްތައް
ހަކުރު
ބަލި ކޮންޓްރޯލް ނުކުރެވޭނަމަ މާބަނޑު ދުވަސްވަރު އެކަމުގެ އުދަގޫތައް
ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މިފަދަ ބައެއް އުދަގޫތަކުގެ ސަބަބުން
ވިހެއުމަށްޓަކައި ''ސިޒޭރިއަން'' ހަދަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މާބަނޑު ދުވަސްވަރު ލޭގައި ހަކުރު އެކުލެވޭ ނިސްބަތް އެކަށޭނަ ވަރެއްގައި
ބެހެއްޓުމަށް ސަމާލުކަން ދޭން ޖެހެނީ މިސަބަބާއި، ހުރެއެވެ. މާބަނޑުވުމުގެ ކުރިން
ހަކުރު ބަލި ކޮންޓްރޯލް ކުރެވިފައި ވާނަމަ މިފަދަ މައްސަލަތައް ކުރިމަތި ވުމުގެ
ފުރުސަތު ކުޑައެވެ. އަދި ހަކުރު ބަލި ހުރިނަމަ އެއާގުޅިގެން ކުރިމަތިވެދާނެ
ކަންތައްތަކެއް ހުރެދާނެ ކަންވެސް ދަންނަށް ޖެހޭނެ އެވެ. މިގޮތުން އަންނަނިވި
ކަންތައްތަކުގެ ތެރެއިން ކަމެއް މެދުވެރިވުމަކީ ދުރުގައި އޮތް ކަމެއްނޫނެވެ.
- ކުޑަދަރިފުޅު
އުފެދުމުގައި އައިބު ނުވަތަ އުނިސިފަ ހުރުން: ބަލިވެ އިނުމުގެ ކުރިން ހަކުރު
ބައްޔަށް އެކަށީގެންވާ ފަރުވާ ލިބިގެންފައި ނުވާނަމަ، ހިތާއި، ގުރުދާ، އަދި
ސްޕައިނަލް ކޯޑްގައި އުނިސިފަ ހުރުމަކީ ވެދާނެ ގޮތެކެވެ.
- ކުޑަ ދަރިފުޅު އާދަޔާ
ޚިލާފަށް ބޮޑުވުން: މިކަން ކުރިމަތި ވަނީ މައިމީހާގެ ލޭގައި ހަކުރުގެ މިންވަރު
މަތިނަމަ އެވެ. މިއާއި ގުޅިގެން ކުއްޖާގެ ހަށިގަނޑަށް ހަކުރު ވާޞިލްވުން އިތުރުވެ،
އާދަޔާ ޚިލާފަށް ކުއްޖާ ބޮޑުވެއެވެ. ނަތީޖާއެއްގެ ގޮތުން ވިހަން އުދަގޫވުމަކީ
ވަރަށް ގާތްކަމެކެވެ.
- ބަލިވެ އިނުން ވިހަވުން:
މީގެ މާނައަކީ މާބަނޑުވުމާއި ގުޅިގެން ލޭގެ ޕްރެޝަރ މައްޗަށް ދިއުމެވެ. މިކަމުގެ ސަބަބުން
އަވަހަށް ވިންދުޖެހުން ފަދަ ކަމެއް މެދުވެރިވުމަކީ ގާތްކަމެކެވެ. މިމައްސަލަ
ކުރިމަތި ވެއްޖެ ނަމަ ހޮސްޕިޓަލުގައި އެދުމަތިކޮށްގެން މައިމީހާއާއި،
ކުޑަދަރިފުޅުގެ ހާލު މޮނީޓަރ ކޮށް ބެލުމަކީ ބޭނުންތެރި ކަމެކެވެ.
- ފެންކޮތަޅު ގައި ފެން
ގިނަވުން: މިކަމުގެ ސަބަބުން ބައެއް އަންހެނުންނާއި އުދަގޫތަކާއި ކުރިމަތި
ލާންޖެއެވެ. ގިނަފަހަރު މިކަން ކުރިމަތި ވަނީ 37ވަނަ ހަފްތާގެ ކުރިން ވިހާނަމައެވެ.
- ކުޑަކަމުދާ ނިޒާމްގައި
އިންފެކްޝަން އުފެދުން: އަލާމާތެއް ފެނުމަކާއި ނުލައި މިކަން ކުރިމަތި ވުމަކީ
ވެދާނެ ގޮތެކެވެ. ފަރުވާ ނުކުރެވިއްޖެ ނަމަ އިންފެކްޝަން މަސާނާއާއި، ގުރުދާގެ
އެކި ހިސާބުތަކަށް، ފެތުރި، މައިމީހާއާއި، ކުޑަދަރިފުޅު ގެ ފުރާނަ އަށް ނުރައްކާވާ
ހާލަތަކަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
- ކުޑަދަރިފުޅު ނޭވާލުމުގެ
ނިޒާމަށް މައްސަލަ ކުރިމަތިވުން: މިގޮތުން ކުޑަދަރިފުޅަށް ނޭވާލުމަށް އުދަގޫވާގޮތް
ވެއެވެ.
މާބަނޑު ދުވަސްވަރު
ހަކުރު ބަލި ހުރިނަމަ ސަމާލުކަން ދޭންޖެހޭ ބައެއްކަންތައްތައް
- މާބަނޑު ދުވަސްވަރު
ހަމަހަމަ ކެއުމެއް އިޚްތިޔާރު ކުރުން: ކުޑަދަރިފުޅު ބޮޑުވުން ބިނާވެފައި އޮންނަނީ
މައިމީހާ ބޭނުންކުރާ ކާނާގެ މައްޗަށެވެ. ހަކުރު ބަލި ހުންނަ ނަމަ ކެއުމަށް ޚާއްޞަ
ސަމާލުކަމެއް ދޭން ޖެހެއެވެ. ބަރާބަރަށް ނުކެއުމަކީ ލޭގައި ހިމެނޭ ގުލްކޯޒުގެ
މިންވަރަށް ބަދަލު ގެނުވައިދޭ ކަމެކެވެ.
ކާނާއިން
ލިބިދޭ ހަކަތައިގެ މިންވަރު ބިނާވެފައި އޮންނަނީ މައިމީހާގެ ބަރުދަން، އުމުރު،
ހަރަކާތްތެރިވެ އުޅޭ މިންވަރު، އަދި މާބަނޑު ދުވަސްވަރު މައިމީހާ ހޭދަކުރަމުންދާ
މަރުހަލާއެއްގެ މައްޗަށެވެ. ގުލްކޯޒުގެ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ކާނާ
ބޭނުން ކޮށް އުޅޭނެ ގޮތް ޑޮކްޓަރުން ބުނެދޭނެއެވެ. ކާނާ ބޭނުންކުރުމުގައި ރަގަޅީ
ކޮންމެ ދުވަހަކު ވެސް ލުއިކޮށް ގިނަގިނައިން ކެއުމެވެ. ނިދުމުގެ ކުރިން
ލުއިކެއުމެއް ބޭނުންކުރުމަކީ ނިދާފައި އޮންނަ ވަގުތުގައި ގުލްކޯޒުގެ މިންވަރު
ސާބިތުކަންމަތީ ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.
- ކަސްރަތު ކުރުން:
އަބަދުވެސް މެދުމިންވަރަކަށް ކަސްރަތުކޮށް އުޅުމަކީ ރަގަޅު ކަމެކެވެ. ޚާއްޞަކޮށް
ހަކުރުބަލި ހުންނަ މީހުންނަށް މިއީ ވަރަށް މުހިއްމު ކަމެކެވެ. އާދައިގެ ވަރަކަށް
ކަސްރަތުކޮށް އުޅުމަކީ ލޭގައި ހިމެނޭ ގުލްކޯޒު ގެ މިންވަރު އެކަށޭނަ ވަރެއްގައި
ބެހެއްޓުމަށް އެހީތެރިވެދޭ އިންސުލިންގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. އެކި
މީހުންނަށް ކަސްރަތު ކުރަންޖެހޭ މިންވަރު ތަފާތެވެ. ޑޮކްޓަރާއި މަޝްވަރާކުރުމުން
ތިމާއާއި ގުޅޭ ކަސްރަތަކާއި، ކުރަންވީ މިންވަރު ބުނެދޭނެ އެވެ.
- ލޭގައި ގުލްކޯޒު ހުރި
މިންވަރު ދުވާލަކު މަދުވެގެން 4 ފަހަރު ބަލާށެވެ. މީގެ އިތުރުން ކުޑަކަމުދާ ތަކެތި
ޓެސްޓް ކޮށް ހެދުމަކީ ވެސް ބޭނުންތެރި ކަމެކެވެ. ހަމަމިހެން ހަށިގަނޑުގެ ބަރުދަން
އިތުރުވަމުން އަންނަ މިންވަރު ބެލުމަކީ ވެސް މުހިއްމު ކަމެކެވެ.
- ކޮންމެ ހެން ނަގަން
ޖެހިއްޖެ ނަމަ އިންސުލިން ބޭނުންކުރުން: މިހާރު މާބަނޑު ދުވަސްވަރު ހަކުރު
ބައްޔަށް ދެވޭ ހަމައެކަނި ބޭހަކީ އިންސުލީން އެވެ.
No comments:
Post a Comment
Reply