އެއީ ފަޅުކަމެކެވެ. އެއީ ކަޅުކަމެކެވެ.
އެއީ ދިގުދެމިގެންދިޔަ ހިމޭން ކަމެކެވެ. އެއީ އަސަރެއް
ނުކުރި ހަޅޭކެކެވެ.
އެއީ ހިތްމަރުވި ބައްޔެކެވެ. އެއީ ދިރުންކެނޑުވި މަޑުމޮޅި
ކަމެކެވެ.
އެއީ މެދުނުކެނޑުނު އާހްއެކެވެ. އެއީ އަހަރެންގެ
ސިކުނޑިއާއި ހިތަށް ޖެހުނު ބައްޔެކެވެ.
އެއީ މަގޭ ވޭނެވެ. އެއީ މަގޭ އެކަނިވެރިކަމެވެ. އެއީ މަގޭ
ހިތުގެ ރިހުމެވެ.
އަހަރެން އެ ފަޅުކަމަށް ފުރުޞަތު ދިނީމެވެ. އަހަރެންގެ
ނަފްސު އެކަށް ވަށާލިއެވެ.
އަހަރެން މަޖްބޫރު ކުރީމެވެ. އަހަރެންގެ ހަށިގަނޑު
ތޮރުފާފައި އަނެއްފަރާތަށް ދަންދެން ގަދަހެދީމެވެ.
އެފަޅުކަން އަހަރެންގެ އެއްބަޔަށް ވެއްޖެއެވެ. އެއީ
އަހަރެންގެ ހިޔަންޏަށް ލިބުނު ދެވަނަ ކުލައަށް ވެއްޖެއެވެ.
ހިޔަންޏާ ނުލާ އަހަންނެއް ނުހުންނާނެއެވެ. އެ ފަޅުކަން
ނުލާ އަހަރެންވެސް ދެން ފުރިހަމައެއް ނުވާނެއެވެ.
އަހަރެން އެގޮތާ ރުހުނީމެވެ. އެހެންނަމަވެސް އެ ނޫންގޮތެއް
ވުމަށް އެދެމުންނެވެ.
އަހަރެން އެ ފަޅުކަމުން ފައިދާ ނެގީމެވެ. އޭގެތެރެއަށް
ގެނބި އޭގެއިން އުފާ ހޯދީމެވެ.
އަހަރެންގެ އަތްފައި ބަނދެވި ހިފެހެއްޓުނެވެ. ކުރެވުނުނަމައޭ
ހީވި ކިތަންމެ ކަމަކުން އުމުރަށްޓަކައި މަޙްރޫމްވިއެވެ.
އަހަރެންގެ ފިނޑިކަމާއި ނުކެރުންކަމަށް އެއީ ވިސްނާފަ އެކަންކަމުން
ދުރުވީމެވެ.
އަހަރެންގެ ހިތުގައި ހުޅުރޯވިތަން ލަކުނަށްވަންދެން
ކެތްކުރީމެވެ. ފަހުން އެ ޒަޚަމް ކޮށްޓުމުގެ ޚިޔާލުވެސް ނެތެވެ.
އަހަރެންނާ އެހެން އިންސާނުންނާ ވަކިތަފާތެއް ނެތްކަމަށް
ހިތަށް ވިސްނައިދީ ތެދުވީމެވެ.
އަހަރެން ވިސްނީމެވެ. އަހަރެން ކަނޑައެޅީމެވެ.
އެހެން ވިޔަކަ ނުދޭނަމެވެ. އަހަރެންގެ ނަފްސު ކައިކައި
ހުސްކޮށްލާކަށް ނުދޭނަމެވެ.
އެންމެންގެ ކުރިމަތީގައި ހުރެމެ މަޑުމަޑުން ގެނބިގެން
މަރުވާކަށް ނުދޭނަމެވެ.
އެންމެ ސަބަބަކަށްޓަކައެވެ. އެއީ އަހަރެންގެ ކުށެއް
ނޫންކަން އެނގި ޔަޤީންވާތީއެވެ.
އަހަރެން އުފުލަނީ އަހަރެންގެ ތަކުލީފެއް ނޫންކަމާއި
އިމްތިޙާން ކުރެވެނީކަމަށް ޤަބޫލުކުރެވޭތީއެވެ.
އަހަރެން ލިޔަން ފެށީމެވެ. ހިތް އެކަށް އޮހެންފެށީ ލޭ
ތިއްކަކަށްފަހު ތިއްކަކުންނެވެ.
އަހަރެން ގިސްލީމެވެ. ކަރުނަތައް ހުސްވެ
ގަނޑުފެނަށްވަންދެނެވެ.
އަހަރެން އެ އަލިފާންގަނޑު ނިވެންދެން މަޑުކުރީމެވެ.
އަޅިޔަށްވެގެން ވަޔަށް އަރަންދެން މަޑުކުރީމެވެ.
އަހަރެން ފަސް އެނބުރި ބަލާލީމެވެ. އެއީ މާޟީއަށްވެ
ނިމިއްޖެއެވެ.
އަހަރެން މިހިރީ ސަލާމަތުންނެވެ. ފެންނަ ފެނުމަށް ވަރަށް
ބަރާބަރެވެ.
ހިމޭންކަމާ ހަމަޖެހުމާއެކު ލިޔަން ފެށީމެވެ.
މިރޭ ނޫނިއްޔާ މާދަމާރޭގެ ފަތިހަށް އިންތިޒާރު
ކުރަމުންނެވެ.
ފަތިހާއި ފަތިހުގެ ތަރީގެ ވިދުވަރުން ނޫނީ ހިތަށް
ހަމަޖެހުން ހޯދަން ދަތިވަނީއެވެ.
ފަތިހުގެ ފިނި ރޯޅިއާއި ފަތިހުގެ ޢަބީރަށް އިންތިޒާރު
ކުރެވެނީއެވެ.
ފަތިހަށް މަލެއް ފޮޅޭނަމަ އެ މަލެއް ހޯދުމަށް ދާން ހިތް
އެދެން ފެށިއެވެ.
ފަތިހެއް ވާނަމަ އެ ފަތިހެއްގައި ހޭލާ ހުންނަން ބޭނުން
ވިއެވެ.
ފަތިހުގެ ކޮވެލީގެ އަޑު ރޭޑިއޯއިން އިވެން ފެށިއެވެ.
ވާރޭގެ ރީތި ރާގާއެކު އާ ހެނދުނަކަށް ވީއެވެ.
(ނިމުނީ)


NOw: aaaah :D.so toched..konfadha reethi lhemeh :D..no one alse can do this ..loabivey sofaa dheke ingay :D..
ReplyDelete