Thursday, May 26, 2016

Reyaaai Suvaalu :)



ވަގުތު ދައުރުވަމުން ގޮސް ރެއަށް އިރުއޮއްސި ދަންވަރަށް ދުނިޔެމަތި ހިމޭންވާން ފަށައިފިއެވެ. ދިމަދިމާއަށް މީހުންތައް ދަތުރުކުރާތީ ފެނުނީ ދުއްވާފައިދާ ސައިކަލްތަކާއި ކާރުތަކުގައެވެ. ހިނގާފައިދަނީ ވަރަށް މަދުބަޔެކެވެ. އެވާނީ ކޮންމެވެސް ނިކަމެއްޗަކަށެވެ. ނުވަތަ އެކަނިވެރިއަކަށެވެ. ނުވަތަ ހަނގުރާމައަކުން ވަރުބަލިވެގެން ނާއުއްމީދުވެގެން ދާ މީހަކަށެވެ.

އެއީ ކޮންބައެއްކަން ނޭނގޭއިރުވެސް އެ މީސްމީހުން އެކި ބައިބަޔަށް އަހަންނަށް ބަހާލެވުނެވެ. ހިތާހިތާ އެމީހުންގެ ދިރިއުޅުން ވަޒަންކޮށްލެވުނެވެ.  

އަހަރެން އަދިވެސް ބަލަމުން ދިޔައީމެވެ... ހަނދާނަށް ކުއްލިއަކަށް އައީ މާމަގެ ބަދިގެއެވެ.
ކުޑައިރު އުނދުންކައިރީ އިނދެގެން އަހަރެން ވަރަށް ބަލާ އުޅުނު މަންޒަރެއް ހަނދާނަށް އައެވެ.

އުނދުނަށް ޖައްސާ ހުރިހާ ދަރަކީ ހިނި ހުންނަ ދަރުތަކެއް ނޫނެވެ. އެހެންނަމަވެސް ބައެއް ދަރުތަކުގައި ހިނި ހުންނަކަން ނޭނގި މާމައަށްވެސް އުނދުނުގައި ދަރު ޖެއްސެއެވެ. ހިނިތައް ފެންނަން ފަށަނީ އަލިފާން ރޯވެ ހޫނުވާން ފެށުމުން އެ ތަނުން ސަލާމަތްވުމަށް ހިނިތައް ދިމަދިމާއަށް ދުއްވައިގަންނަ ހިސާބުންނެވެ. އަހަންނަށް އެ މަންޒަރު ފެނުނު ކޮންމެ ފަހަރަކުމެ އެ ހިނިތައް ސަލާމަތްކޮށްދެވުނު ހަނދާން ވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެފަދަ ކޮންމެ ވަގުތެއްގައިމެ އަހަރެން ހުންނާނީ އަވަހަށް އެ ހިނިދަރުގަނޑު ނަގާ އެ ދަރުގަނޑު ފުއްޑަނުގައި ކާއްތައިގެން އޭގެއިން އަލިފާން ނިވާފައެވެ. އަހަންނަށް އޭރު ހިނިތައް ސަލާމަތްކޮށްދޭން އެނގުނު ގޮތަކީ އެއީއެވެ. މާމަ އެނބުރި ބަދިގެއަށް އަލުން އަންނައިރު އަހަރެން "އަލިފާނާ ކުޅޭތީ" އެތަނުން ތެދުވުމަށް ބުނާ ހަނދާން ވިއެވެ. އަލިފާނާ ނުކުޅެމޭ ދުވަހަކު ބުނި ހަނދާނެއް ނުވެއެވެ. އޭގެ ބަދަލުގައި އަވަސް އަވަހަށް އެތަނުން ތެދުވަމެވެ. އަދި މާމަ ކައްކާއެއްޗެހި ކައްކާގޮތް ބަލަން ކުޑަ ގޮނޑިއެއްގައި އިންނަމެވެ.

ކޮންމެއަކަސް...އެއީ މާމައާއި އަހަރެންގެ އުފާވެރި ހަނދާނެކެވެ. ހިތް ހީލިފަދައެވެ. ނަފްސު ހަމަޖެހުނު ފަދައެވެ.
ޢިމާރާތެއްގެ 6 ވަނަ ބުރީގެ ކުޑަދޮރެއްކައިރީ ހުރިއިރު އަހަންނަށް މަގުމަތި ފެނުނީ މިބުނި ސިފައިގައެވެ.

ކޮންމެ މީހަކުވެސް ދަނީ ވަރަށް އަވަސް އަރުވާލާފައެވެ. ވަރަށް ލަސްވެގެންނެވެ. އެ ދާތަނަކަށް ނުފޯރަފާނެތީ އުޅޭ ފަދައަކުންނެވެ.

އަހަރެން ހިތަށް އެރިއެވެ.
އޭގެ ތެރޭގައި، ތިމާގެ އަމިއްލަ ޙަޔާތުގެ ފުރިހަމަ ކަމާއި އަނެކުންގެ ނިކަމެތިކަމަށް ހަމްދަރްދީވާ ކިތައް މީހުން ހިމެނޭނެ ބާވައެވެ؟ ވައިރޯޅިއެއްހެން އުދުހިފައިގޮސް ބޮޑުގެއަކަށް ވަންނަ އެ މީސްމީހުންނަށް، މި މާލޭގައި ކުޑަކުޑަ ގޮޅިއެއްގައި ދިރިއުޅުން ކުރިއަށް ގެންދާބަޔަކުވެސް އުޅޭކަން އެނގޭނެ ބާވައެވެ؟ އެތަކެއް ދަރަނިތަކާއެކު އަގުބޮޑު ސައިކަލްތަކާއި މޮޅެތި ފޯންތައް ގެންގުޅޭ އެ މީސްމީހުން އެތަކެތި ބޭނުން ކުރެވޭތީ އެ އުޅެނީ ހަމަ ޙަޤީޤަތުގައިވެސް އުފަލުގައި ބާވައެވެ؟  

އޭގެ ތެރޭގައި، އަމިއްލަ ޙަޔާތަށް އަންނަ ބަދަލުތައް ވަޒަންކޮށް ކިރާ ބަލަނީ ކިތައް މީހުން ބާވައެވެ؟ ތިމާއަށް ބޭނުންވާ މިންވަރާއި ލިބޭ މިންވަރާ އަޅާކިޔާލަނީ ކޮންކޮން ބައެއް ބާވައެވެ؟ ނުލިބުނު އެއްޗެއް ވިއްޔާ ނުލިބުމުގެ ސަބަބުން ތިމާއަށް ވީފައިދާއާއި ގެއްލުން ފަހުމުވަނީ ކޮންކޮން ބަޔަކަށް ބާވައެވެ؟ އިތުރަށް ކުރަން ހުރި ކަންކަމާއި އެކަންކަމުން ނުކުމެދާނެ ނަތީޖާއަކާއިމެދު ކަންބޮޑުވެ ސިހުންވަނީ ކޮންކޮން ބައެއް ބާވައެވެ؟

ޙަޔާތުގެ ކާމިޔާބީއާއި ނާކާމިޔާބީ ގުޅިފައި އޮންނަނީ ހމަ އެކަނި އެމީހަކު ކުރާ މަސައްކަތަކާ ބާވައެވެ؟ އެހެން ކަމަށްވާނަމަ އެކަން އެނގޭއިރު އެއްބަޔަކު ހަމަ ދެ އަތް އުރާލައިގެން އެ ތިބެނީ ކީއްވެބާވައެވެ؟ އެމީހުންނަށް ރީތި ހުތުރަށްވެ، ހުތުރު ގޮތް ރީއްޗަށްވީ ކީއްވެހެއްޔެވެ؟ މީހުންގެ މަލާމާތާއި ބަދު ބަސްތައް އަބަދު ލިބިގަންނަން ހަމަ އަސްލުވެސް އެމީހުން ބޭނުންވަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެހެން މީހުންގެ އުފާވެރިކަން ފެނިފައި އެމީހުން ލޯ ފެންކަޅިވަނީ ކީއްވެހެއްޔެވެ؟

ޝަކުވާ ކުރާ މީހުންނާއި ޒުވާބު ކުރާ މީހުން ދުނިޔެއަށް އުފަންވީ އެގޮތުގައި ބާވައެވެ؟ އެމީހުންގެ މައިންބަފައިން ނުވަތަ ގެންގުޅުނު ބަޔަކު އެމީހުންނަށް އެ ގޮތް ދަސްކޮށްދިނީ ބާވައެވެ؟ އެމީހުންގެ ރާގާއި ޙަރަކާތުގައިވެސް ޝަކުވާ ހުންނަ ވަރަށް އެމީހުންގައިގައި އެކަން ހަރުލީ ކީއްވެބާވައެވެ؟ ތިމާއަކީ އެކަހަލަ މީހަކަށްވާން އެކަކުވެސް ބޭނުންވާނެހެއްޔެވެ؟ އެކަމަކުވެސް އެކަންކަން ނަފްސުން ފިލުވާނުލެވެނީ ކީއްވެބާވައެވެ؟

އޯގާތެރިކަމާއި ފިރުމުމަށް ހިތްއެދޭއިރުވެސް ރާގާ ޢަމަލުންވެސް އެގޮތް ނުދައްކާ މީހުންނާއި ދޭތެރޭ ނުބައިކޮށް މީހުން ހީކުރަނީ ކީއްވެބާވައެވެ؟ ނުވަތަ އެމީހުންނާއި ދޭތެރޭ ހީކުރާނެ ގޮތުގެ ރަނގަޅުގޮތަކާއި ނުބައި ގޮތެއް ބުނެދިނީ ކާކުބާވައެވެ؟ ތެދެކެވެ. ހިތްދަތިކަމާއި ހިތާމަ ނުދެކޭ އިންސާނަކު ވަރަށް މަދުވާނެއެވެ. އެކަމަކު ބައެއް މީހުންގެ ފަރާތުން ތާ އަބަދުމެ އެ ގޮތް ފެންނަނީ ކީއްވެބާވައެވެ؟ ބައެއްމީހުންގެ މުޅި ވުޖޫދު ވަށައިގެން ދަގަނޑު ފާރެއްލައިގެން އެތިބެނީ ކީއްވެބާވައެވެ؟ އަނެކުންގެ ރުހުމާއި ކުލުނު ހަމަ އެމީހުން ބޭނުން ނުވަނީ ބާވައެވެ؟ އެމީހުންގެ ހިތް ހައްދަވާފައިވަނީ ގަނޑުފެނުން ބާވައެވެ؟ ނުވަތަ އެގޮތަށްވުރެ މިގޮތް މާ ވޭންކުޑަކަމަށް ބަޔަކު ދެކެނީބާވައެވެ؟

މީހުން އަންނަ ރުޅީގައި ހުންނާނީ ހަމައެކަނި ރުޅީގެ ސިފަބާވައެވެ؟ އެމީހާއާއި ދޭތެރޭ ގޮތްނިންމުމުގެ ކުރިން އެއަށްވުރެ ބޮޑަށް އެމީހާއާއި ދޭތެރޭ ވިސްނާލުން ކިހިނެއްވާނެ ބާވައެވެ؟ އަންނަ ކޮންމެ ރުޅިއެއްގެ އަސްލު ސިއްރަކީ ނަފްރަތާއި ފޫހިކަން ބާވައެވެ؟ ތިމާއަށް މުހިއްމު ނޫން ކަންކަމުގައި މީހުން ރުޅިއާދޭހެއްޔެވެ؟ މުހިއްމު ނޫންނަމަ އެކަމަކާއި ދެކޮޅަށް ތެދުވެ ، އެކަން ވެފައި އޮތްގޮތް ނޫން އަނެއް ގޮތަކަށް އެކަން އަނބުރާލަން އެ އުޅެނީ ކީއްވެބާވައެވެ؟

މިކަހަލަ ކަންކަމާމެދު ވިސްނުންތައް ވިސްނާ މީހުން އޭގެތެރޭގައި ހިމެނޭނެ ބާވައެވެ؟ މިކަހަލަ ކަންކަމާމެދު ވިސްނީމަ ވަނީ ކޮންފައިދާއެއްހެއްޔެވެ؟ ބަދަލު ކުރެވޭނީ ކޮން ކަމެއްހެއްޔެވެ؟ މިއީ ކުރަން ހެޔޮވެދާވަރު ކަމެއް ބާވައެވެ؟

އެންމެ ރަނގަޅެވެ. ކަމެއް ބަދަލު "ނުވެދާނެކަންނޭނގެ" އެވެ. ތޯއްޗެކެވެ.

އެއިވުނީ ތަޅުދަނޑިފައްޗެއްގެ އަޑެވެ. ގެއަށް އަންނަން ޖެހޭ އެންމެ ފަހު މީހާ އައިސް ގެއަށް ވަދެއްޖެއެވެ. ނިދަން ދާންވީއެވެ.
ތިބާއަށާއި ތިބާގެ ޢާއިލާއަށް ބާއްޖަވެރި ރެއަކަށް އެދެމުން ވަކިވެލަމެވެ. 


*********  (ނިމުނީ ) ********

ލިޔުނީ: ފަތިސްތަރި ޞޮފާ / 26 މެއި  2016

No comments:

Post a Comment

Reply