Monday, May 27, 2019

Mommage Dharifulhaa






މަންމަގެ ދަރިފުޅާއެވެ. މަންމަގެ ދޫންޏާއެވެ. މަންމަގެ ތުއްތު އަޒްކާއެވެ.
ތިއީ މި މަންމަގެ ދުނިޔެއެވެ. ދެލޮލުގެ ނޫރެވެ. ހިތުގެ ވިންދެވެ.
މަންމަގެ ޙަޔާތުގެ ހުރިހާ އުފަލެއް ގުޅިފައިވަނީ ތިޔަ ދަރިފުޅާއެވެ.
މަންމަމެނާއެކު ނެތަސްވެސް ދަރިފުޅުމަތިން މަންމަމެން ހާދަ ހަނދާންވެއެވެ.
ރޭގަވެސް ހުވަފެނުގައި ދަރިފުޅާއެކު އުޅޭތީ މަންމައަށް ފެނުނެވެ.
ޠާހިރު ކަމާއި މަޢުސޫމްކަމުގެ މިސާލެއް ނެތްފަދަ ލޮބުވެތި ދަރިފުޅާއެވެ.
މަންމައާއި ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވަން އިނގޭއެވެ.

ދަރިފުޅު އުރާލާ ލޯބިކޮށްލާ ހަދާލަން މި ދުނިޔޭން ފުރުޞަތެއް މަންމަމެނަށް ނުލިބުނެވެ.
އެއީ ﷲގެ މަތިވެރި ރޭއްވެވުމެވެ. އެންމެ ހުސްޠާހިރުވަންތަ އިލާހުގެ ނިންމެވުމެވެ.
އެ އިލާހު ދަރިފުޅު ގެންދެވީ މި މަންމައަށް އުއްމީދާއި އަލިމަގު ދައްކަވާފައެވެ.
މި ދުނިޔޭގެ ހުތުރުކަމުން ދަރިފުޅު ރައްކާތެރިކޮށްދެއްވީ އެ ދުވަހު މި މަންމަ ރޮއްވާފައެވެ.
އެހެނަސް މިއަދު މި މަންމަގެ ހިތް އެ އިލާހުގެ ނޫރުފުޅުން އުޖާލާވެ އާފާޤު ވެއްޖެއެވެ.
ދަރިފުޅު ގެންދެވީ މިދުނިޔޭގައި ޢާއިލާއަށްވުރެ މުހިއްމު އެއްޗެއް ނުވާކަން އަންގަވާފައެވެ.
މަންމައާއި ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވަން އިނގޭއެވެ.

މަންމައާއި ބައްޕަ ވާނީ އިރާދަކުރެއްވިއްޔާ ޝުކުރުވެރިންގެ ތެރެއިންނެވެ.
ތިޔަ މަޢުސޫމް ދަރިފުޅު މަންމަމެނަށް ދެއްވި ކަމަށްޓަކައި އަބަދާ އަބަދުވެސް ޝުކުރުވެރިވަމެވެ.
އުރުގަ ނެތަސް ގާތުގަ ނެތަސް މަންމަގެ ހިތާއި ފުރާނައިގައި ދަރިފުޅު ވެއެވެ.
ތިއީ މަންމައާއި ބައްޕަގެ ފުރަތަމަ ދަރިފުޅެވެ.
މަންމައާއި ބައްޕަގެ ހުރިހާވެސް އުފަލަކީ ތިޔައީއެވެ.
އިހުނަށްވުރެންވެސް ރަނގަޅު ބަޔަކަށް މަންމަ މިވީ ދަރިފުޅުގެ ސަބަބުންނެވެ.
މަންމަ އާއި ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވަން އިނގޭއެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު ހުރިނަމަ މި ޙަޔާތް ފުރިހަމަ ވީހެވެ. ޝައްކެއް ނެތެވެ.
އެކަމަކުވެސް ދަރިފުޅަށް އެނގޭހެއްޔެވެ؟
މިގޮތަށް އެއްވެސް އިންސާނަކު ދެކެ މަންމައަށް ލޯބިވެވޭނެކަމެއް ކުރިއަކުން ނޭނގެއެވެ.
އެކަންވެސް މަންމައަށް އެނގުނީ ތިޔަ ލޯބި ދަރިފުޅުގެ ސަބަބުންނެވެ.
ދަރިފުޅަކީ ހުރިހާ މާނައެއްގައިވެސް މަންމަމެނަށް ހުރި ރަޙްމަތެއްކަމަށް ޤަބޫލުކުރަމެވެ.
މަންމަގެ ލޯބި ދަރިފުޅަށް އިހްސާސްވާނެ ކަމަށް މަންމަ ހީކުރަމެވެ.
މަންމަ އާއި ބައްޕަ ދަރިފުޅު ދެކެ ވަރަށް ލޯބިވަން އިނގޭއެވެ.

މަންމައާއި ބައްޕަގެ ލޯބި ލޯބި ދަރިފުޅާއެވެ.
ޢާއިޝަތު އަޒްކާ ނަދީމްއެވެ.
ދަރިފުޅުގެ ނަންވެސް ދަރިފުޅުހާ ރީއްޗެވެ.

އެންމެ ލޯބި އެންމެ ރީތި ކުޑަކުޑަ ދަރިފުޅާއެވެ.
މަންމައާއި ވަކިން އުޅޭތީ ދެރަނުވާތި އިނގޭއެވެ.
މި ޙަޔާތުގައި އެކުގައި ހޭދަކުރެވުނީ ވަރަށް ކުޑަ ހިނދުކޮޅެއް ދޯއެވެ.
އެކަމަކު ދަރިފުޅުގެ ހަނދާން މަންމަގެ ފުރާނައިގައި ހަރުލާފައި އެބަހުރި އިނގޭއެވެ.
އަލުން ބައްދަލުވެ އުރާލެވޭނެ ދުވަހަށް މަންމަ އިންތިޒާރު ކުރަން އިނގޭއެވެ.
މަންމައާއި ބައްޕަ ތިޔަ ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވަން އިނގޭއެވެ.

ލިޔުނީ: ޞޮފާ
27 މެއި 2019 / 22 ރަމްޟާން 1440


2 comments:

  1. I love you for this

    ReplyDelete
  2. rovijje meethi kiyaafa. haadha salhiyey mi liyunkolhu - (Maisha)

    ReplyDelete

Reply