Sunday, February 7, 2016

Mommayah maaf kuraccheve.





































**** (ނިމުނީ) ****
ލިޔުނީ: ފަތިސްތަރި ޞޮފާ 

                  

Saturday, September 26, 2015

Eiy Falhukameh....Eiy Kalhukameh...







އެއީ ފަޅުކަމެކެވެ. އެއީ ކަޅުކަމެކެވެ.
އެއީ ދިގުދެމިގެންދިޔަ ހިމޭން ކަމެކެވެ. އެއީ އަސަރެއް ނުކުރި ހަޅޭކެކެވެ.
އެއީ ހިތްމަރުވި ބައްޔެކެވެ. އެއީ ދިރުންކެނޑުވި މަޑުމޮޅި ކަމެކެވެ.
އެއީ މެދުނުކެނޑުނު އާހްއެކެވެ. އެއީ އަހަރެންގެ ސިކުނޑިއާއި ހިތަށް ޖެހުނު ބައްޔެކެވެ.
އެއީ މަގޭ ވޭނެވެ. އެއީ މަގޭ އެކަނިވެރިކަމެވެ. އެއީ މަގޭ ހިތުގެ ރިހުމެވެ.

އަހަރެން އެ ފަޅުކަމަށް ފުރުޞަތު ދިނީމެވެ. އަހަރެންގެ ނަފްސު އެކަށް ވަށާލިއެވެ.
އަހަރެން މަޖްބޫރު ކުރީމެވެ. އަހަރެންގެ ހަށިގަނޑު ތޮރުފާފައި އަނެއްފަރާތަށް ދަންދެން ގަދަހެދީމެވެ.
އެފަޅުކަން އަހަރެންގެ އެއްބަޔަށް ވެއްޖެއެވެ. އެއީ އަހަރެންގެ ހިޔަންޏަށް ލިބުނު ދެވަނަ ކުލައަށް ވެއްޖެއެވެ.
ހިޔަންޏާ ނުލާ އަހަންނެއް ނުހުންނާނެއެވެ. އެ ފަޅުކަން ނުލާ އަހަރެންވެސް ދެން ފުރިހަމައެއް ނުވާނެއެވެ.
އަހަރެން އެގޮތާ ރުހުނީމެވެ. އެހެންނަމަވެސް އެ ނޫންގޮތެއް ވުމަށް އެދެމުންނެވެ.

Thursday, September 24, 2015

Eid Mubaarak






އައްސަލާމް ޢަލައިކުމް..!
ބަރަކާތްތެރި އަޟްޙާ ޢީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް ފޮނުވަމެވެ.
މި ޙައްޖުމަހުން ފާއިތުވެދިޔަ 9 ދުވަހު އަޅުގަނޑުމެން ކުރި އަޅުކަންތައް އަޅުގަނޑުގެ ކިބައިންނާއި ތިޔަބޭފުޅުންގެ ކިބައިން ޤަބޫލުކުރެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވަމެވެ.

ޢީދުގެ ތަހުނިޔާ ތިހުރިހާ ފަރާތްތަކަށް ކިޔަން ހިތަށް އެރުމުން ޚިޔާލެއް އައެވެ. ޢީދަކީ އަޅެ ކޮބައިތޯއެވެ. ނުވަތަ މުސްލިމުންނަށްޓަކައި ޢީދަކީ ކޮބައިތޯއެވެ.

އާދެ، މުސްލިމުންނަށްޓަކައި ޢީދަކީ އިސްލާމް ދީނުގެ އެންމެ މާތް ދެ ރުކުން ކަމަށްވާ ރަމްޟާން މަހުގެ ރޯދައިގެ ދުވަސްތައް ނިމުމުން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވުމުގެ ފުރުޞަތެއްގެ ގޮތުގައި އަޅުގަނޑުމެންނަށްޓަކައި ލައްވާފައިވާ ފިޠުރު ޢީދު ދުވަހާއި ޙައްޖުގެ މާތް މަތިވެރި އަޅުކަން އަދާކޮށް ނިމުމުން ﷲ އަށް ޝުކުރުވެރި ވުމުގެ ގޮތުން ލައްވަވާފައިވާ އަޟްޙާ ޢީދު ދުވަހެވެ. ދެ ޢީދަކީވެސް ދީނުގެ ޚާއްޞަ ރުކުނަކާއި ގުޅިގެން އަންނަ ދެ ޢީދެވެ. ނަމަވެސް ހިތާމައަކީ، މިފަދަ މާތް މުޤައްދަސް ސަބަބަށްޓަކައި ލައްވަވާފައިވާ  ޢީދުގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީ ގޮތް ގިނަބަޔަކަށް މިއަދު އޮޅިފައިވާތީއެވެ.

Wednesday, April 8, 2015

A letter from "That Kid" to the Teacher






މިސް "އެ ދަރިވަރު" އާއި ހެދި އުނދަގޫވެގެން އުޅޭތަން އަޅުގަނޑަށް ފެނެއެވެ. ދުވަސް ނިމިގެން ގެއަށް ދާން މިސް ނުކުންނައިރު ވެފައި ހުންނަ ވަރުބަލިކަން އަޅުގަނޑަށް ފެނެއެވެ. އެ ކުއްޖާއާއި ވަކިވުމުގެ ސަލާމް ކޮށް ޓާޓާ ކިޔާލާއިރު މިސްއަށް އެ ލިބޭ ހަމަޖެހުން އަޅުގަނޑަށް ފެނެއެވެ.

އެއީ މައްސަލައެއް ނޫނެވެ. އެހުރިހާ ހިތްހަމަނުޖެހުމެއް ބޭރުކޮށްލާށެވެ. އެ ނިމިގެން ދިޔައީ ދަތި އުނދަގޫ ދުވަހެކެވެ.
މިސްގެ ބަސްތައް އަޅުގަނޑު އަޑުއަހަމެވެ. ސައިކޮޓަރީގައި އެހެން މިސްމެންނާއެކު ވާހަކަ ދައްކާއިރު، އެއްކަލަ ކުއްޖާގެ ސަބަބުން މިސްއަށް ލިބޭ އުނދަގުލުގެ ވާހަކަ މިސް ދައްކާ އަޑު އަޅުގަނޑު އަޑުއަހަމެވެ. ހަމަ އެގޮތަށް، މިދިޔަ އަހަރު އެ ކްލާހުގެ ޓީޗަރަކަށް ހުންނެވި މިސްވެސް ހަމަ އެގޮތަށް އެ ވާހަކަ ދައްކާއަޑު އަޅުގަނޑު އަޑުއަހަމެވެ. މިސްއަށްވެސް އެ އަޑުތައް އިވިފައި ހުންނާނެކަން ޔަގީނެވެ. އެ ކުއްޖާގެ ސަބަބުން އުނދަގޫވަނީ މިސްއަށް އެކަނި ނޫންކަން އެނގުނީމަ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްވެސް މިސްއަށް ލިބެއެވެ. ނޫންހެއްޔެވެ؟

Wednesday, April 1, 2015

Those Innocent Eyes



ހިތުގެ ހަމަޖެހުމަކީ އެ މަޢުސޫމު ހިނިތުންވުން ތަކެވެ. އުރުވާހިތުން އައިސް ފައިގައި ބައްދައިގެން ދޫނުކޮށް އެ ޖަހާ ކުސްތަކެވެ. ފެނުމާއެކު އަތުގަ އޮންނަ އެއްޗެއް ވިއްޔާ ހޫރާލާފައިވެސް ދުވެފައި އެ އަންނަ ގޮތެވެ. ފުށެއް ސެންޓެއް ނުލާ ހުންނަ އިރުވެސް އެ ދުވާ މީރުވަހެވެ. އެ ކުޑަކުޑަ އަތުން މޫނުގައި ހިފާ "ކޮއްކޮއަށް ބަލާބަލަ" އޭ ބުނާ މާނައަކުން އެ އަނބުރާލާ ގޮތެވެ. ހަތަރުކަޅި ހަމަވުމާއެކު ރަކިގޮތަކަށް އެ ހީލާ ގޮތެވެ. "އުއްމަ"އެއް ދޭން އެ ބައްދާލާ ގޮތެވެ. ކަޅު ރޭގަނޑެއްގެ ތަރިއެއްފަދައިން ވިދަ ވިދާ ހުންނަ ކަޅުކަން ގަދަ އެ ދެ ލޮލުން އެ ބަލާލާ މަޢުސޫމް ގޮތެވެ. އަޅެ ނޫންހެއްޔެވެ؟

ކޮންފަދަ ބޮޑު ރަޙްމަތެއް ހެއްޔެވެ؟ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟ ކޮންފަދަ އޯގާވަންތަ ކަލަކުތޯއެވެ؟
ދުޅަހެޔޮ ސިއްޙަތެއްގައި ބޮޑުވާ ދަރިއަކު އަހަރެމެންނަށް މާތް ކަލާނގެ ދެއްވުމަށްވުރެ ބޮޑު ނިޢުމަތެއް ވާނެހެއްޔެވެ؟
ހިނގާށެވެ. އަތުކުރި އޮޅާލަމާހެއްޔެވެ؟

މި ދަރިފުޅު ހުރިހާ ނުބައި ކަމަކާއި ފަސާދައަކުން ދުރުކުރަން ޢަޒުމް ކަނޑައަޅަމާ ހިނގާށެވެ. މި ދަރިފުޅަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީގެން، އަނެކުންގެ އިހްސާސްތައް ނުދަންނަ ކުއްޖަކަށް ހެދުމުގެ ބަދަލުގައި، މެދުމިންވަރަށް ރުހި ޤަބޫލުކުރާ ކުއްޖެއްކަމުގައި ހަދަމާ ހިނގާށެވެ. ރީތި އަދަބާ ރީތި އަޚްލާޤުން ޒީނަތްތެރިވެފައިވާ ކުއްޖަކަށް ހަދަމާ ހިނގާށެވެ. މުސްތަޤްބަލުގައި މި ދަރީގެ ވާހަކަ ބަޔަކު ދައްކާއިރު ތިމާ ފަޚުރުވެރިވާނެފަދަ ދަރިއަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ.

ދަތިދުވަސްތައް ގިނައެވެ. ބޭނުންވާ އެއްޗެހި ގިނައެވެ. ދާން ބޭނުން ތަންތަންވެސް ވަރަށް ގިނައެވެ. ކުރަންބޭނުން ކަންތައްވެސް ވަރަށް ގިނައެވެ. އެހެނަސް އެކަންކަން ނުވުމުގެ ޒިންމާ މި ދަރިފުޅުގެ ބޮލުގައި ނާޅުވަމާހެއްޔެވެ؟ އެ ވާހަކަތައް ތާ އަބަދު މި ދަރިފުޅަށް ކިޔާނުދެމާހެއްޔެވެ؟ މި ތުއްތު ސިކުނޑިއަށް އެ ހުރިހާ އެއްޗެއް ނުވިސްނޭނެއެވެ. ނުތަނަވަސް ހިތެއްގެ ވެރިއަކަށް ހެދުމުގެ ބަދަލުގައި ތަނަވަސް ހިތެއްގެ ވެރިއަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ.

ހެނދުނު ހޭލާއިރު އުރާލާ ބައްދާލާށެވެ. ގިނަގިނައިން މަންމަ ލޯބިވާ ވާހަކަ ބުނާށެވެ. މަންމަ އަބަދުވެސް ދަރިފުޅާއެކު ހުންނާނެ ވާހަކަ ބުނާށެވެ. މަންމަ ދަރިފުޅަށް އަބަދުވެސް އެހީވާނެ ވާހަކަ ބުނާށެވެ. ދަރިފުޅު ބަސް އަހާތީ މަންމަ އުފާވާ ވާހަކަ ބުނާށެވެ. ގިނަގިނައިން އެކުގައި ކުޅެ ސަމާސާކޮށް އުރާލާ ބައްދާލާ ހަދާށެވެ. މަންމަ ހުންނަން ޖެހޭ މަޤާމްތަކާއި، ވަގުތު ތަކާއި، ދުވަސްތަކުގައި ވީ ވަރަކުން ބަދަލުގައި އެހެން މީހަކު ނުބަހައްޓާ ވޭތޯ ބަލާށެވެ.

ތިމާ އުޅެންބޭނުންވާ ދިރިއުޅުމުގަ އުޅެން މި ދަރިފުޅު ޤުރުބާން ނުކުރަމާ ހިނގާށެވެ.
ދުނިޔޭގެ ހުރިހާ ކުޅޭ އެއްޗަކާއި ރީތި ކުލަތަކާއި މީރު ކެއިންބުއިމަށްވުރެ މި ދަރިފުޅަށް ބޭނުންވަނީ މި ދަރިފުޅުގެ މަންމައެވެ.

ނިކަމެތިކަމާއި އުނިކަން އިހްސާސްކޮށްދިނުމުގެ ބަދަލުގައި، ރަނގަޅު މަގުން ދަނީނަމަ، ބޭނުންކޮންމެ އުސްމިނަކަށް ދިއުމުގެ ޤާބިލުކަން ހުރި ކުއްޖަކަށް ހަދަމާ ހިނގާށެވެ.

މި ތުއްތު ދަރިފުޅުގެ ތުއްތު ދުވަސްތައް ނަގާނުލަމާހެއްޔެވެ؟ އުފާއުފަލުން ތަރިހަނދަށް ބަލާ، ގަސްގަހާ ގެހީގެ ފަތްތަކާ ކުޅެން ޝައުޤުހުންނަ، ބުޅަލާއި ކާޅުގެ ގޮވުންތަކުގެ ފަރަޤު ދަންނަ ކުއްޖަކަށް ހަދަމާ ހިނގާށެވެ.

މަސްމަހާއި މޫދުގެ ނިޢުމަތާމެދު އާޝޯޚްވެ ބަލަންއެނގޭ، މާމެލާމެއްޔަކީ ރީތިކޮށް ގެންގުޅެންޖެހޭ އެއްޗެއްކަން ދަންނަ ކުއްޖަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ. މި ހުރިހާ ކަމަކުން  ލޯތްބާއި ރީތިކަންކަން ދަންނަ ކުއްޖަކަށް މި ދަރިފުޅުވާނެކަން ޔަގީނެވެ. އަނެކުންނަށް އޯގާތެރި ދަރިއަކަށް މި ދަރިވާނެކަން ޔަގީނެވެ.

ގިނަގިނައިން ހިނިތުންވާ، އެހެން ކުދިންނާއި ގުޅޭ، ލޯބި ލިބިގެން ބޮޑުވާ ލޮބުވެތި ކުއްޖަކަށް މި ދަރިފުޅު ހަދަމާ ހިނގާށެވެ.

އަހަރެމެންގެ މި މަސައްކަތަށް ތައުފީޤް ދެއްވާށި. އާމީން !

(ނިމުނީ)
★★★★★★★★★★★★