ކުރިންވެސް ބުނީމެވެ.
އަދިވެސް ބުނާ ހިތްވެއެވެ.
އަހަރެންގެ
ހަމަޖެހުމަކީވެސް ، އުފަލަކީވެސް އަދި ހިތްވަރަކީވެސް ތިއީއެވެ.
އަހަރެންގެ ހުރިހާވެސް
މީހަކީ ހަމަ ތިއީއެވެ.
ކޮންމެ ދުވަހަކީ އެންމެ
ހިތްގައިމު ދުވަހެއް ނޫނެވެ.
ގުދުރަތީ މޫސުން އޮންނަ
ގޮތަކާ އިންސާނާގެ މިޒާޖު ހުންނަގޮތާ ދިމާނުވާ ދުވަސްތައްވެސް ހުރެއެވެ.
ހިމޭން ކަމާއި
ހަމަހިމޭންކަންވެސް އަހަރެމެން ތަޖުރިބާ އެބަކުރަމެވެ.
ވަރުބަލިވުމާ އުއްމީދު
ފަނޑުވުމަކީވެސް ޢާއްމު ކަންކަމެވެ.
ރާވާ ގޮތާއި ރާއްވަވާ
ގޮތުގެ ތަފާތު ފެނުމުން ދެފައިން ބާރުދޫވާ ފަހަރުވެސް އާދެއެވެ.
އުއްމީދާއި ހުވަފެނާއި
ދޭތެރޭ ކަނބަންޖެހޭފަހަރުތައް ގިނައެވެ.
އެހުރިހާ ހާލަތެއްގައިވެސް
އަހަރެންގެ އައްސޭރިއަކީ ހަމަ ތިބާއެވެ.
ކައިވެންޏަށް ވީ އަހަރުތައް
ގުނުން މުހިއްމެއް ނޫނެވެ.
އެކުގައި އުޅެވޭނެ
ދުވަހަކަށްޓަކައި ފަށާފައިވާ ގުނުން، އެހެނަސް ހުއްޓައެއް ނުލަމެވެ.
ދުވަސްތަކެއް ވިޔަސް
އިންތިޒާކުރެވެނީ އަދިވެސް ހަމަ ޝައުޤާއެކުގައެވެ.
ފުރައިގެން ދިޔައީއްސުރެން
، އެނބުރި އަންނާނެ ދުވަހަކަށްޓަކައި ދުވަސްތައް ގުނަމެވެ.
ހަނދުވަރުދޭ މޫސުމަށް
އާދޭތޯ ، ވާރޭ ވެހޭނަމަ އެކުގައި ވާނެނަމަ ހާދަ ރަނގަޅޭ ހިތަށް އަރައެވެ.
އެހެނަސް އުޑާއި ދިމާލަށް
ބަލާލެވުމުން ﷲ އަށް ޝުކުރުވެރިކަމާއެކު އުފާކުރެވެއެވެ.
ތިބާގެ މީހަކަށް އަހަރެން
ވީތީއެވެ. އަހަރެންގެ މީހަކަށް ތިބާ ވީތީއެވެ.
މިއީ ﷲ މިންވަރު ކުރެއްވި
މާތް ގުޅުމެއްކަން ޔަޤީންވާތީއެވެ.
ކޮންމެ ހާލަތެއްގައިވެސް
ކޮންމެ މޫސުމެއްގައިވެސް އަހަރެން ޚިޔާރުކުރާނީ ހަމަ ތިބާއެވެ.
ތިބާ ރަށުގައި ނެތްނަމަ
މީރުއެއްޗެހި ކައްކައިގެން ކާހިތެއް ނުވެއެވެ.
ތިބާ ނެތްނަމަ ރީތި
ތަންމަތިތައް އަޅާހިތެއް ނުވެއެވެ.
ތިބާ ނެތްނަމަ މީރުވަސްދުވާ
ސެންޓުން އަތަރު ލާހިތެއް ނުވެއެވެ.
ތިބާ ނެތްނަމަ އުފާވެރި މާޙައުލުތަކަށް
ޒިޔާރަތްކުރާހިތް ނުވެއެވެ.
ތިބާ ނެތްނަމަ މީހުންގެ
ދަޢުވަތުތަކަށް ދާހިތެއްވެސް ނުވެއެވެ.
އެހެނަސް ތިބާ އަންނާނެ
ދުވަހަކަށް މި ހުރިހާ ކަމެއް ކުރާހިތުން ހުންނަމެވެ.
ހުރިހާ އުފަލަކާއި
ހިތްހަމަޖެހުމެއްވެސް ވަނީ ތިބާގެ ކިބައިންނެވެ.
އަހަރެމެންގެ
ދިރިއުޅުމަށްޓަކައި ތިބާ ތިކުރާ ހިތްވަރާއި، ތިވާ ގުރުބާނީ އަހަންނަށް އެނގެއެވެ.
ތިބާގެ ދުލުން ނުބުންޏަސް
ތިބާގެ ހިތް އަހަންނަށް ފެނެއެވެ.
އަޑުވީއްލާ ނުރުޔަސް
ފެންކަޅިވި ކިތަންމެ ދުވަހެއްވެސް އަހަރެން ދުށީމެވެ.
އަސަރުންގޮސް ކަރުބެދުނު
ކިތަންމެ ފަހަރެއްވެސް އައީ އަހަރެންގެ ހާޟިރުގައެވެ.
ތިބާ ނުބުނާ ކިތަންމެ
އަޑެއްވެސް ތިބާގެ ރޫޙު އަހަންނަށް ބުނެދެއެވެ.
އެހުރިހާ ކަމަކަށްޓަކައި
ޝުކުރާއި ޙައްޤު ހެޔޮބަސް ބުނަން އަހަރެންގެ ދޫ ނުކުޅެދެއެވެ.
ހެއްދެވި ފަރާތަށް ކުރާ
ކޮންމެ ސަޖިދައެއްގައި ތިބާގެ ޛިކުރު ކުރެވެނީ އެހެންވެއެވެ.
އަހަރެންނަށް އެންމެ
މުހިއްމު މީހަކީ ހަމަ ތިބާއެވެ.
ވަޢުދު ވަމެވެ.
އުނދަގުލާ ދަތިކަމުގައި
ކެތްތެރިވާނަމެވެ.
އެކަނިވެރިކަމުގައި
އުއްމީދު ކުރާނަމެވެ.
އުއްމީދުކަނޑާނުލާ ހިތްވަރު
ކުރާނަމެވެ.
ފަށްފަށްކޮށް
ގިނަގިނައިންވެސް އެގޮތް ޚިޔާރު ކުރާނަމެވެ.
މި ކައިވެންޏަށްޓަކައި
ކޮންމެ ދުވަހަކުވެސް އަހަރެން ހިތްވަރު ކުރާނަމެވެ.
އަހަރެމެން
"ދެމީހުންގެ ދިރިއުޅުމަށް" ޓަކައި އަހަރެން ކެތްތެރިވެ ހިތްވަރު
ކުރާނަމެވެ.
ދެދުނިޔޭގައިވެސް
އެކުގައިވުން އެދި އަބަދުވެސް ދުޢާ ކުރަމެވެ.
އަހަރެންގެ ހުރިހާވެސް
މީހަކީ ހަމަ ތިބާއެވެ.
އަހަރެންގެ ހަމަޖެހުމަކީ
ހަމައެކަނި ތިބާއެވެ.
(ކައިވެންޏަކީ މުޤައްދަސް
ގުޅުމެކެވެ. މި ގުޅުން އެގޮތުގައި ދެމެހެއްޓުމަށްޓަކައި އެކަކު އަނެކަކަށް
އިޙްތިރާމް ކުރުމާއި، އޯގާތެރި ވުމާއި ޝުކުރުވެރިވުމާއި އަދި ތެދުވެރިވުން އެއީ
ލާޒިމު ސިފަތަކެކެވެ. ދެމަފިރިންވެސް މިކަންކަން އެކަކު އަނެކަކަށް ދޭން ޖެހެއެވެ.
އެހެންކަމުން، ފެށުމެއްގެ
ގޮތުން، ކޮންމެ ދުވަހަކީވެސް އެކަކު އަނެކަކަށްޓަކައި އުފާކުރާކަން ހާމަކޮށް
ތިމަންނާ އެބަހުރިކަން އަންގައިދިނުން އާދައަކަށް ހަދަމާތޯއެވެ.)
ނޯޓް: މިއީ ކޮންމެ
އަންބަކުވެސް އޭނާގެ ފިރިމީހާއަށް ފޮނުވާލަން އެކަށީގެންވާ ގޮތަށް ލިޔެފައިވާ
ލިޔުމެކެވެ.




