Wednesday, July 10, 2013

Furaana ah vureves bodah

                   


ފިނިފެންމަލުގެ ފިޔަތައް ފަދަ އޮމާން ކަމަކާއި މަޑުކަމެކެވެ. އަތްލައިފިނަމަ ހަލާކުވެދާނެ ބިރު ހީވެއެވެ. ނަމަވެސް ފެނުމާއެކު އެންމެ  އިނގިއްޔަކުންވިޔަސް ބީހިލާހިތްވެއެވެ. އެކުގައި ގިނަ ވަގުތުހޭދަކުރެވެން ފެށުމުން ދެން ވަނީ އަދި އެހެން ގޮތެކެވެ. އެމަޑުކަމާއި އޮމާންކަން އެ ކުޑަކުޑަ ހަށިގަނޑުގެ އެތެރެއަށް ވަދެގެން ދާހެން ހީވެއެވެ. ހެޔޮވަރު ވަރަކަށް ފުފިލާފައިވާ ކޯ، ކިރުގިނައިން އަޅައިގެން ކައްކާފައިވާ ކަސްޓަޑްކޮޅެކޭ އެއްގޮތޭ ހިތަށް އަރައެވެ. ކަށްޓެއް އަމުދުން ނެތޭ ހީވާ ކުދިކުދި އިނގިލިތަކުގެ ޙަރަކާތްތަކުން އަހަރެންގެ ހިތާއި ކުޅެލައެވެ. ހުޅުހުޅުތައް، ވިރޭ ރަބަރުފަދައޭ ހީވެއެވެ. ހިނިތުންވެލާއިރު މުޅިތަނުން ވެނީލާ ވަސް ދުވަނީއޭ ހީވެއެވެ. ކިތަންމެ ގިނަގިނައިން އަދި ކިތަންމ އަވަސް އަވަހަށް ފެނުނަސް، ފެނުމާއެކު ހިތުގައި އުފެދޭ ގަދަފަދަ ލޯތްބަކުން ، ލޯބިން ކައިރިވެލައިފިނަމަ، އެ މަޑުކަމާއި އޮމާންކަމުގެ ތެރެއަށް އަހަންނަށް ގެނބެވޭހެން ހީވެއެވެ. އެއްވެސް ކަށްޓެއް ނެތް ފުށްގުޅައެކޭ ހީވެއެވެ. އުރާލައިފިނަމަ އަހަރެންގެ ހަށިގަނޑާއެކު މޮޑެވި ވިރޭފަދައެވެ. އަމިއްލަ ހަށިގަނޑުގެ ބައަކަށް ހަމަ އިސާހިތަކު ވެދާނެއޭ ހީވާފަދައެވެ.

މިއީ ރަޔަން ފެންނަ ކޮންމެ ފަހަރަކު، ޔޫސުފް އާއި ދިމާވި ކޮންމެ ފަހަރަކު އަދި އާރިކް އާއެކު ހޭދަކުރެވުނު މަދު ދުވަސްކޮޅުގައްޔާއި، އަދި އެންމެ ފަހުން ލިބުނު ފޮޓޯ ފެނުމުންވެސް އަހަންނަށް ކުރެވޭ އިހްސާސެވެ.

ހަމަ އެކަނި އަހަންނެއް ނޫނެވެ. މިއީ ތުއްތު ކުއްޖަކާއެކު ވަގުތުކޮޅެއް ހޭދަކޮށްފި ކޮންމެ މީހަކުވެސް ކުރާނެ އިހްސާސެއްކަން ޔަޤީނެވެ. ކުލައަކުން ބައްޓަމަކުން ދީނަކުން ޘަގާފަތަކުން ނުވަތަ ސައިޒަކުނންވެސް މިއިން ކަމަކަކަށް ތަފާތެއް ނާދެއެވެ. ދުނިޔޭގެ ކޮންމެތަނަކަށް އުފަންވެފައިވިޔަސް، ތުއްތު ކޮންމެ ކުއްޖެއްގެ ފަރާތުން ފެންނާނީ މި ސިފަތަކެވެ.

މި އިހްސާސް އެންމެ ބޮޑަށް ކުރާތީ ފެންނަނީ އެ ކުއްޖެއްގެ މަންމައެވެ. އަލަތު މަންމައެކޭ ފަސްވަނަ ކުއްޖާ ވިހައިގެން އުޅޭ މަންމައެކޭ މިކަމުގައި ތަފާތެއް ނެތެވެ. ފޫހިކަމެއް ނުހުރެއެވެ. ޝައުޤުކުޑައެއް ނުވެއެވެ. އެއީ އެ ތުއްތު ކުއްޖާއަށްޓަކައި އެ މަންމަގެ ހިތުގައި ﷲ ލައްވަވާފައިވާ އާދަޔާއި ޚިލާފު ލޯތްބެއްގެ ސަބަބުންނެވެ. އެ ލޯތްބަކީ ޚުދު ތިމާގެ ފުރާނަވެސް އެ ދަރިފުޅަށްޓަކައި ޤުރުބާންކުރުމަށް ފަސްނުޖެހޭފަދަ ލޯތްބެކެވެ. ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ ލޯތްބެކެވެ.

އަލަތު މަންމައިންނޭވެ. އުފާކުރާށެވެ. ﷲ ތިބާއަށް ތިޔަ ނިޢުމަތް ދެއްވީތީއެވެ.
ކުރިން ތިއީ ހަމައެކަނި އަންހެނެކެވެ. ލިބުނު ތިޔަ ދަރިފުޅާއެކު މިއަދު ތިބާ އަކީ މަންމައެކެވެ. އަލަތު ދަރިފުޅަކާއެކު އަލަތު މަންމައެއްވެސް އުފަންވީއެވެ. އުފާކޮށް ޝުކުރުކުރާށެވެ.

ޝައްކެއް ނެތެވެ. ޢާއިލާއަށް އަލަށް އިތުރުވި މެހްމާނާގެ ސަބަބުން، ތިބާ ކުރިން ތަޖްރިބާ ކޮށްފައިނުވާ އެތައް ކަމެއް ތަޖްރިބާކޮށް ތަޙައްމަލުކުރަންވެސް މިހާރު ތިބާއަށް ޖެހޭނެއެވެ. ނިދިހަމަވެގެން ހޭލާނެ ހަމަ އެންމެ ދުވަހެއްވެސް އައުމަކީ ނާދިރު ކަމެކެވެ. ހަމަޖެހިލައިގެން ކާލަން އިނުމަކީ މާކަބޮޑުސަމާލުކަމެއް ތިބާ ދޭކަމަކަށް ދެން ނުވާނެއެވެ. ފެންވެރުން ވެފައި އޮންނާނީ ގިނަ ފަހަރަށް ހަމަ އެ ތުއްތު ތުއްތު ދަރިފުޅު އުރާލަންވާއިރަށް ކުރެވޭ ކަމަކަށް ވެފައެވެ. ރަޙްމަތްތެރިންނާއި އެކުގައި ކުރިން ހޭދަކުރި ވަރަށް މިހާރު ވަގުތު ނުލިބޭނެއެވެ. މީހަކާ ކިތަންމެ މުހިއްމު ވާހަކައެއް ދައްކަންހުރި ނަމަވެސް، ފުރާނައާއި ރޫޙް ވާނީ އެ ދަރިފުޅާ އެކުގައެވެ. އެދަރިފުޅު ކައިރިއަށް ދާންޖެހޭ ގަޑި ކައިރިވާތީ ހުރެވޭނީ ހިތް އަވަސްވެފައެވެ. މުސާރަ ދޭތީ އަދާކުރާ ވަޒީފާގައި ހުރެފައިވެސް، ދަރިފުޅު ކައިރިއަށް ދާންޖެހޭ ގަޑީގައި ދެވޭގޮތް ނުވިނަމަ، ވަޒީފާއަށް ދެވަނަ ދުވަހަކު ނުދާނަމޭ ހިތަށް އަރާނެއެވެ. ދަރިފުޅު ކައިރިއަށް ކިތަންމެ ގިނައިން ދިޔަޔަސް ފައިސާ ނުލިބޭނެކަން އެނގޭއިރުވެސް މެއެވެ. އަދި ވަޒީފާ ދޫކޮށްލައިފިނަމަ، އަތްމަތި ދަތިވެ އެ ދަރިފުޅަށް ކާންބޯން ދިނުމުގައިވެސް ދަތިދުވަސްތަކެއް ދެކެން ޖެހިދާނެކަން އެނގޭއިރުވެސް މެއެވެ. އަދިވެސް މި ނޫން ކިތަންމެ ކަމެކެވެ.

މި ދަތިކަންތައްތައް އެކަނި ކިޔާލައިގެން ފުއްދާލެވޭނީ ކިހިނަކުންހެއްޔެވެ؟ ދިމާވާ އެކަހަލަ ކަންތަކަށްވުރެ ގިނައީ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަކެވެ. އަޅެ ނޫންހެއްޔެވެ؟

ދަރިފުޅުގެ ކޮންމެ ހީލުމަކާއެކު ތިބާގެ ދާވަނީގައި މާތައް ފަރިވެ ފޮޅޭހެން ހީނުވޭހެއްޔެވެ؟ ރޯލާކޮންމެ ފަހަރަކު، ހިތް އަތަށް އަންނަހެން ހީނުވޭހެއްޔެވެ؟ ދަރިފުޅު ރުއިން ހުއްޓާލާފައި ރީތިކޮށް އޮއްވާ ފެނުމުން އެ ލިބޭފަދަ ހިތްހަމަޖެހުމެއް ތިޔަނޫނިއްޔާ ދުވަހަކުވެސް ކުރިން ތަޖްރިބާ ކުރެވުނު ހެއްޔެވެ؟ ދަރިފުޅު ނިދާގޑީގައި މަންމަވެސް ނިދަން އެންމެން ނަސޭޙަތް ދޭއިރުވެސް، ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން، ނިންޖެއް ނެތި ތިބާއޮތީ ކިތައް ފަހަރުކަން ގުނާލެވޭނެހެއްޔެވެ؟

ދަރިފުޅަށް ކުޑަކޮށްވެސް އުނދަގޫވެގެން އުޅެފިނަމަ، ފަންކާ ނުވަތަ އޭސީ ބާރުތޯ ޗެކް ނުކުރަންހެއްޔެވެ؟ ނެޕީ ރީތިތޯ ނުވަތަ އެހެން ގޮތަކުންވިޔަސް އުނދަގުލެއް އިހްސާސް ކުރަނީތޯ ނުބަލަންހެއްޔެވެ؟ ކުރިން ރެއަށް އިރުއޮއްސޭތަނުން ނިދާފައި ފަތިހު ހޭލުމަށް އާދަވެފައި ހުރި ނަމަވެސް، މިހާރު ސައުވީސްގަޑިއިރުވެގެން ދާއިރުވެސް ނިދަން ހިތް ނެއެދި ނުހުންނަމުހެއްޔެވެ؟ ނިދީގެބަދަލުގައި މިހާރުގެ އާދައަކީ ލޯޖެހިލުންކަމަށްވެ ނިމިއްޖެނޫންހެއްޔެވެ؟ ދަރިފުޅުގެ ބުއްދަޅު، ނެޕީ، ރީތިވާ ސާމާނު، ވެޓް ޓިޝޫ އަދި ހެދުން ހޯދުމަށް ތިދޭ ސަމާލުކަން އަމިއްލަ ހެދުމާއި އަމިއްލަ ޒީނަތަށް އެއްވެސް އިރެއްގައި ދެވުނު ހެއްޔެވެ؟ ދުވަހަކުވެސް ފިހާރައަކަށް ގޮސް އެއްޗެއް ގަނެފައިނުވާއިރުވެސް، މިހާރު ދަރިފުޅަށްޓަކައި ނަމަ މެންދުރަކަސް ރެއަކަސް ފިހާރައަކަށް ދާން ޖެހިލުންވޭހެއްޔެވެ؟ ފަސްޖެހުމެއްނެތި ދާކަން އަހަރެންނަނަށް އެނގެއެވެ.

މުޅި ދުވަހު ކިތަންމެ ބުރަކޮށް އުޅެފައިވެސް، ހަވީރަށް ފިނިވުމުން ކޮންމެހެންވެސް ދަރިފުޅު ފެންވަރުވައި ރީތިކޮށްގެން ބޭރަށް ނުކުމެލުމަކީ ތިބާގެ ޙަޔާތުގެ ވާޖިބުތަކުގެ ތެރެއިން އެއް ވާޖިބު ނޫންހެއްޔެވެ؟ ދާނެ ވަކި ޚާއްޞަ ތަނެއް ނެތްނަމަވެސް ވެހެވެ. ބައެއްފަހަރު ފިހާރަކުރިމަތީ ހުންނަ ޖޯލިފައްޗަށެވެ. ބައެއްފަހަރަށް ދޮންތަމެންގެއަށެވެ. އަނެއްބައިފަހަރަށް ކޮންމެވެސް ތިމާގެ ގެއަކަށެވެ. ނޫނީ އަތިރިމައްޗަށެވެ. ކޮންމެވެސް ތަނަކަށް ނުނުކުންނަންޏާ އެއީ ސަކަރާތް ދުވަހެއްކަމަށް ތިބާއަށް ނުނިންމޭހެއްޔެވެ؟ ކޮންމެ ކާގަޑިއަކަށް، ހޯދުނު އެންމެ ރަނގަޅު އެއްޗެއް ހޯދާފައި ކާންދިނުމަކީ ތިބާގެ ހިތުގެ އުފާކަމަށް ނުވޭހެއްޔެވެ؟ އެ އެއްޗެއް ތައްޔާރުކުރަން ކިތަންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ނަމަވެސް ތިބާއަށް ހާދަ އުނދަގުލޭ ދުވަހަކުވެސް ބުނެވުނުހެއްޔެވެ؟  ގައިމުދުވަހަކުވެސް އެހެން ބުނި އަޑެއް އަހަރެން ނާހަމެވެ.

ރޭގަނޑު 7 ޖަހަންވާއިރަށް ކުރިން ފެންވަރާ ރީތިވެގެން ކާން އަންނަ އައުން މިހާރު މުޅިން ބަދަލުކޮށްލައިފީމުއެވެ. އަމިއްލަ ކެއުމާއި ބުއިން ފަހަށް ޖައްސާލާފައިވެސް ތިބާ ބަލަނީ ދަރިފުޅުގެ ކަންތައް ހަމަޖެއްސޭތޯ ނޫންހެއްޔެވެ؟ ފެންވަރުވާ ރީތިކޮށް ހަދައިގެން ނިންދަވަން ވަދެ 3 ގަޑިއިރުވިޔަސް އަދި 4 ގަޑިއިރުވިޔަސް ވަރުބަލިކަމެއްނެތި ތިބާ އިންނަނީ ދަރިފުޅު ނިންދަވާށެވެ. ބާރަށް އެއްޗެއް ބުނާއަޑެއްވެސް އަދި ވަރުބަލިވެގެން އެއްޗެއް ބުނާއަޑުވެސް ދުވަހަކުވެސް ނާހަމެވެ. ލަސްވާތީ ބަލާލާއިރު ތިބާ އިންނަނީ އެ ތުއްތު ތުއްތު މައުސޫމް މޫނަށް ބަލަހައްޓައިގެން ހިނިތުންވެގެންނެވެ.

އުފާ އުފަލުންހުރެ ތިބާ ތިޔަ އަންނަނީ ތިބާގެ ދަރިފުޅާއެކު އެ ދަރިފުޅުގެ މާދަމައަށް ވާޞިލުވުމަށް ދަތުރުކުރަމުންނެވެ. އެ ދަރިފުޅުގެ ހެދިބޮޑުވުމުގެ ކޮންމެ ދުވަހެއް ވަކިވަކިން ހިތުގައި ނޯޓް ކުރަމުންނެވެ. ފުރަތަމަ ފިޔަވަޅު ނެގި ދުވަސް، ފުރަތަމަ ކަބަޑު ހުޅުވި ދުވަސް، ފުރަތަމަ އަލިފު ކީ ދުވަސް، ފުރަތަމަ ފުށުން ޖެހުނު ދުވަސް، ފުރަތަމަ މަންމާއޭ ކީ ދުވަސް، މިހެން ގޮސް އެތައް ކަމެކެވެ. ތުއްތު ތުއްތު ލޯހުޅުވާފައި ތިބާގެ ލޮލާ އަމާޒުކޮށް ބަލާލި ވަގުތު ތިބާގެ ހަނދާނުގައި އަބަދުވެސް ހުންނާނެއެވެ. ނިންދެވުމުގައި ކިތަންމެ އުނދަގޫ ޙަރަކާތެއް ކުރަން ޖެހުނު ނަމަވެސް، ތިބާއަށްޓަކައި އެއިން ކޮންމެގޮތެއްވެސް ކިހާ ފަސޭހަ ހެއްޔެވެ؟ ދަރިފުޅުގެ ވާހަކަ ގާތް މީހުންނަށާއި ތިމާގެ މީހުންނާއެކު ޙިއްޞާކުރުމަކީ ތިބާއަށް ލިބޭ އުފަލެކެވެ. އެނގޭހެއްޔެވެ. މިއަދު ވީ މިހެންނެވެ. އެނގޭހެއްޔެވެ. މިއަދު ވީ އެހެންނެވެ. މިކަހަލަ ކޮންމެ ވާހަކައެއްވެސް ތިބާ ކިޔާދެނީ ވަރުބަލިކަމެއް ފޫހިކަމެއް ނެތިއެވެ. އެފަދަ ވަގުތުތަކުގައި ތިބާގެ އަޑުގައި ހުންނަ ލޯބީގެ އަސަރު، ހުސްވުމެއް ނެތް އާރަކުން އޮހޭ ސާފު ފެނެކޭ އެއްފަދައެވެ.

އެއްދުވަހުން އަނެއް ދުވަހަށް ތިބާގެ ތި ދަރިފުޅު ތިޔަ އަންނަނީ ހެދި ބޮޑުވަމުންނެވެ. ﷲ ގެ އިރާދަފުޅާއެކު ހެޔޮއެދޭ މީހުންނާއި ޢާއިލާގެ މީހުންގެ ލޯތްބާއި ހެޔޮ ދުޢާ ލިބިގެން ރަނގަޅު ސިއްޙަތެއްގައެވެ.

އާނއެކެވެ. ދަރިއަކު ލިބުމުން ހުރިހާ ކަމެއްވެސް ބަދަލުވާނެއެވެ. ތިމާއަށް އައިސްދާނެއޭ ޚުދު ތިމާވެސް ހީނުކުރާ ކިތަންމެ ބަދަލެއް އަތުވެދާނެއެވެ. މަންމައަކީ ހަމަ އެކަނި އެ ދަރިފުޅު ދުނިޔެއަށް އުފަން ކުރާ މީހާއެއް ނޫނެވެ. މަންމައަކު މަންމައަކަށް ވާނީ އެދަރިފުޅު އުފަންކޮށްފަ، އޭގެ ފަހުން އެ ދަރިފުޅުގެ ޙަޔާތުގެ ހުރިހާ ހިސާބެއްގައިވެސް ހިއްސާވެ އުޅުނު މީހެކެވެ. މިކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ތިބާ ވާނެކަން އަހަންނަށް ޔަގީނެވެ.

ޔޫސުފްގެ މަންމާއެވެ. އުފާކޮށް ޝުކުރު ކުރާށެވެ! އިރާދަކުރެއްވިއްޔާ ހެޔޮލަފާ ދަރިއަކަށް ތި ދަރިފުޅު ވާނެއެވެ. ތިބާފަދަ ޢިލްމީ ނުވަތަ ތިބާއަށްވުރެވެސް ޢިލްމީގޮތުން މޮޅު، ތިބާފަދަ ވިސްނުންތޫނު ދަރިއަކަށް ތި ދަރިފުޅު ވާނެއެވެ. މަންމައެއްގެ ވާޖިބު ތިބާ އަދާކުރަނީ އެހާވެސް ފުރިހަމައަށެވެ. އެދުވަހަކުން ތިބާއާއެކު ހުރެ، ތިބާގެ ތި ދަރިފުޅުގެ ހެޔޮލަފާކަން ދުށުމުގެ ތައުފީޤު އަހަންނަށް ދެއްވުން އެއީ ކުރެވޭ ދުޢާ އެކެވެ.

ރަޔަންގެ މަންމާއެވެ. ހިތްވަރާއެކު ކުރިއަށް ދާށެވެ. މިއަދު ދަތިވިޔަސް އިރާދަކުރެއްވިއްޔާ މާދަން ރަނގަޅުވާނެއެވެ. ދަތިކަންތައްތަކަކީ ﷲ އަހަރެމެން އިމްތިޙާން ކުރައްވަން މެދުވެރިކުރައްވާ ކަންތަކެވެ. އެއީ ﷲ އަހަރެމެން ދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އެ އިމްތިޙާންތަކުން ފާސްވާން މަސައްކަތް ކުރަންވާނެއެވެ. އެހީތެރިއެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ އަބަދުވެސް މި ދައްތަ ހުރެދޭނަމެވެ. ތި ދަރިފުޅަކީ ﷲ ތިބާއަށް ދެއްވި ނިޢުމަތެއް ކަމުގައިނޫނީ އަހަރެން ނުދެކެމެވެ. ތިބާއަށް މިއަށްވުރެ ފަހި މާދަމައެއް ދެއްވުމަކީ އަހަރެންގެ އަބަދުވެސް ދުޢާއެވެ.

އާރިކްގެ މަންމާއެވެ. ގެންދަވައިފި ކޮންމެ އެއްޗެއްގެ ބަދަލުގައި އެއަށްވުރެ މޮޅުއިތުރު ކަމެއް ﷲ ދެއްވަވައެވެ. ކަންކަމުގެ ޙަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުގެ ނިޔާއަކީ އެންމެ ރަނގަޅު ނިޔާކަމުގައި ނޫނީ ނުވާނެއެވެ. އެނގޭހެއްޔެވެ. ތިބާއަކީ ނަސީބުވެރިއެކެވެ. މީގެ އަހަރުތަކެއްފަހުން، ތިބާގެ ތި ދަރިފުޅުގެ ސަބަބުން، ތިބާއަށް ފަހި ރޯއްޖާއި، މޮޅު އިތުރާއި ހެޔޮ ނަސީބުލައްވާތީ، ތިބާ އުފާވެފައި ފަޚުރުވެރިވެފައި އެވާހަކަ ދައްކާ އަޑުއަހަން ތިބާއާއެކު ހުރުމަށް އުއްމީދުކޮށް ދުޢާކުރަމެވެ.

ތި ތިން މަންމައަކީވެސް އެމީހާގެ އަމިއްލަ ފުރާނައަށްވުރެވެސް ބޮޑަށް ދަރިފުޅު ދެކެ ލޯބިވާ 3 މަންމައިން ކަމާމެދަކު އަހަރެންގެ ޝައްކެއް ނެތެވެ.




     އަހަރެން ޤަބޫލުކުރާ ގޮތުގައި މަންމައާއި ދަރިފުޅުގެ ގުޅުމަކީ މި ދުނިޔޭގެ އެންމެ ރީތި އެންމެ ލޮބުވެތި ގުޅުމެވެ.

*މި ލިޔުމަކީ އެ 3 ކުއްޖެއް ދެކެ އަހަރެން ވަރަށް ލޯބިވާ ޔޫސުފް، ރަޔަން އަދި އާރިކްގެ ހަނދާނުގައި ލިޔެފައިވާ ލިޔުމެކެވެ. އެ ތިންކުދިން މި ދުނިޔެއަށް ނޭވާލީދުވަހުން ފެށިގެން އެ 3 ކުދިންގެ މަންމައިންގެ ފަރާތުން އަހަންނަށް ފެނުނު ބަދަލުތަކުގެ ބޮޑުކަމުންނާއި އެ ތިންކުދިންގެ މަންމައިން، މައިވަންތަކަމުގެ ގުޅުމުގައި އުޅޭގޮތުން، އެ މީހުންނާއި ދޭތެރޭ އަހަންނަށް ކުރެވޭ އިހްސާސްތައް އެތަކެއްފަހަރުމަތިންވެސް އަހަންނަށް ވާނީ އަހަރެންގެ ނޯޓްފޮތުގައި ނޯޓް ކުރެވިފައެވެ. ގަސްތުކުރީ، ތާރީޚަށްޓަކައި އެއިން ބައެއްވިޔަސް ތިޔަ ކިޔުންތެރިންނާއި ޙިއްޞާކޮށްލުމަށެވެ. *

1 comment:

Reply