ޒަމާނުއްސުރެން ކަންހިގަމުން އަންނަ ގޮތުގެ މަތިން، ދުނިޔޭގެ ދައުރުވުމާއެކު ވަގުތުތައް ދާލެއް ވަރަށް ހަލުއްވެވެ. ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅަކާއެކު އަހަރެމެންގެ ޢުމުރުންވެސް ހިނދުކޮޅެއް ކުރުވެއެވެ. މިފަދަ ދުނިޔެއެއްގައި އަހަރެމެން އުޅޭއިރު، ވަގުތަށްވުރެ ފަހަތުގައި އަހަރެމެން ތިބެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ވިސްނާލިންހެއްޔެވެ؟
މަޝްހޫރު މީހަކު ބުނެފައި ވެއެވެ.
"ވަގުތުތައް ދާލެއް ވަރަށް އަވަހެވެ. ވަގުތާއި އެއްހަމައެއްގައި އަހަރެމެން
ނުހިނގާނަމަ، އަވީގައި ކުޑަނަގައިގެން ބޯގުދުކޮށްގެން ހިނގާ ބަޔަކަށް އަހަރެމެން
ވެދާނެއެވެ. އަދި ވިއްސާރަ ވާ ދުވަހު ގޭ ދޮރު ފުރަގަހުގައި ކުޑަ ބަހައްޓާފައި އެންމެ
އަވިގަދަ ދުވަސްދުވަހު ލާކަހަލަ ހެދުމެއް ލައިގެން އަހަރެމެން ގެއިން
ނުކުންނާނެއެވެ." މި ދުވަސް އަތުވެދާނެއެވެ.
މި ބަސްކޮޅަކީ އަހަރެމެން
ފަދައިން، ދިރިއުޅުން އިތުރަށް ތަރައްޤީކޮށް ، އަމިއްލަ ނަފްސު އިތުރަށް ބާރުވެރި
ކުރުވަން ބޭނުންވާ މީހުންނަށްޓަކައި ވަރަށްވެސް މުހިއްމު ވަރަށްވެސް ގަޔާވާ
ބަސްކޮޅެކެވެ. އަހަރެމެންގެ ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް އަހަރެމެން ގޮތް
ނިންމަންވާނީ، މިހާރު އަހަރެމެން މި ތިބި ހިސާބާއި ކުރިއަށް އޮތް ތަނުގައި
އަހަރެމެން ވާޞިލުވާން ބޭނުންވާ ހިސާބުގެ މައްޗަށް ބިނާކޮށް އެ ދެމެދުގައި ވާ
ދުރުމިން ގާތްކޮށްދޭ ފާލަމެއް އަޅައިގެންނެވެ.
ތިމާއަށް ތިމާ އެނގުން މުހިއްމު
ވަނީ މިހިސާބުންނެވެ.
ތިމާއަށް ޚުދު ތިމާ އެނގޭތޯ ،
މިއަދު އަމިއްލަ ނަފްސާ ސުވާލުކުރީ ކިތައް މީހުންތޯއެވެ؟ ޔަޤީނެވެ. ގިނަ ބަޔަކު މި
ސުވާލު ނުކުރާނެއެވެ. ޢާއްމު ގޮތެއްގައި އަހަރެމެން އެންމެންވެސް މި އުޅެނީ އަނެކާ
އަކީ ކާކުކަން ނޭނގިގެންނެވެ. މަންމަމެން މަސައްކަތް ކުރަނީ ދަރިފުޅުގެ މިޒާޖާއި
ޠަބީޢަތް ވިސްނައި އެނގިގަނެވޭތޯއެވެ. ދެމަފިރިން ނަމަ މަސައްކަތްކުރަނީ ޙަޔާތަށް
މިލިބުނު ބައިވެރިޔާ އެނގޭތޯއެވެ. ލޯބިވެރިޔާ މަސައްކަތް ކުރަނީ ބައިވެރިޔާ
އަދިވެސް ބޮޑަށް ދަސްކުރެވޭތޯއެވެ. އެކުވެރިޔާ އުޅެނީ އަނެއް އެކުވެރިޔާ
އެނގޭތޯއެވެ. ގުޅުމެއްގައިވާ ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ އެ ގުޅުމުގައިވާ
އަނެކާ ރަނގަޅަށް ދަސްކޮށް އެނގޭތޯއެވެ. މި މަސައްކަތަކީ އޭގެ ތެރެއިން ކޮންމެވެސް
އެކަކު ދުނިޔެއާއި ވަކިވަންދެންވެސް ކުރަން ޖެހޭނެ ކަމެއްކަން އެނގޭއިރުވެސް
މެއެވެ. އަދި ކިތަންމެ ޒަމާނެއް ވަންދެން ދަސްކުރަން އުޅުނަސް އެއްކޮށް
ދަސްނުވާނެކަންވެސް އެނގޭއިރުވެސް މެއެވެ.
މި ހުރިހާ ކަމަކަށްވުރެ
ފަސޭހައިން ވާން އޮތް ކަމަކީ އަމިއްލަ ނަފްސު ދަސްކުރުމެވެ. އަމިއްލަ ނަފްސުގައިވާ
ކަންތައްތައް ފާހަގަކޮށް، ތަރުތީބުކޮށް ދަސްކުރުން ފަސޭހަ ވެފައި ފައިދާ ބޮޑެވެ.
ތިމާގެ ނަފުސުގެ އެދުރަކީ ތިމާ ކަމަށްވާއިރު، ނަފްސަށް އުނގަންނައިދޭންވީ އެއްޗެއް
ނޭނގި އެދުރުވެރިކަން ނުކުރެވޭނެކަން ހަމަ ޔަޤީނެވެ.
އެގޮތުން، ތިމާގެ ކިބައިގައިވާ
ރަނގަޅު ސިފަތައް ތިމާއަށް ޤަބޫލުކުރެވިއްޖެނަމަ އެ ވެވުނީ އެތައް ބަޔަކަށްޓަކައި ވެވޭ
އިހްސާންތެރިކަމެކެވެ. މިހެން ނުވާންވީ ކީއްވެހެއްޔެވެ؟ ތިމާގެ ރަނގަޅު
ސިފަތަކާއި، ތިމާ ދެކެ މީހުން ލޯބިވާ އަސްލު ސަބަބު އެނގުމުން، އެކަންކަން
މީހުންނަށް އިތުރަށް ލިއްބައިދިނުމަކީ އިންސާނާގެ ޠަބީޢަތުގައި ވާ
ސިފައަކަށްވާއިރު، އެ ރަނގަޅު ސިފަތައް ދައްކައިގެން އަނެކާގެ ރުހުން ހޯދަން
ބޭނުން ނުވާނީ ވަކި ކޮން އިންސާނެއް ހެއްޔެވެ؟ ނަތީޖާއެއްގެ ގޮތުން ރަނގަޅު
ކަންތައްތައް ތަކުރާރުކޮށް ރަނގަޅު ކަންތައްތައް ކޮށްދީގެން އަމިއްލަ ނަފްސަށް
އުފާ ލިބިގަންނަން އަހަރެމެންނަށް ދަސްވެއެވެ.
ހަމަ މިގޮތަށް، ތިމާގެ
ނަފްސުގައި، ޠަބީޢަތުގައި އަދި މިޒާޖުގައި ހުރި ގޯސް، އުނި، އަދި ކުނި
ސިފަތައްވެސް ބަޔަކަށް އެނގުމުގެ ކުރިން ތިމާއަށް އެނގުމުގެ މުހިއްމުކަން ވަކި
ކުޑަކަމަކަށް އަހަރެން ނުދެކެމެވެ. އެހެނީ، އެވެސް އެތައް ބަޔަކަށްޓަކައި ވެވޭ
އޯގާތެރި ކަމެކެވެ. ވެވޭ ރަޙުމެކެވެ. ތިމާގެ ސަބަބުން އަނެކާއަށް ދެރައެއް ލިބުން،
އަނެކާ ހިތުގަ ޖެހުން، އަނެކާ ފަޟީޙަތްވެ ބަދުނާމުވުން، އަނެކާއަށް އަރައިނުގަނެވޭ
ފަދަ އަޑިގަނޑަކަށް ވެއްޓުން ކަހަލަ ކަމެއް ވާން އަހަރެމެން އެކަކުވެސް ބޭނުން
ނުވާނެއެވެ. މިފަދަ ކަންތައްތައް މެދުވެރި ވަނީ ޢާއްމުގޮތެއްގައި އެކުގައި އުޅޭ
ކޮންމެވެސް މީހެއްގެ ސަބަބުންކަމަށްވާއިރު، އެ މީހަކީ ތިމާކަމަށްވާން އަހަރެމެން
އެކަކުވެސް ބޭނުން ނުވާނެކަން ޔަޤީނެވެ.
މިފަދަ ކަންތައްތައް އަމިއްލަ ނަފްސާއި ބެހޭ ގޮތުން އެނގި ދަސްވުމުން، ސިކުނޑިއާއި
ހިތާއި ދެމެދުގައި ބަދަލު ކުރެވޭ މެސެޖްތައް ނުބައި މެސެޖްތަކަކަށްވުން
ދުރުވެދެއެވެ. ތިމާއަކީ އެންމެ ބަރާބަރު މީހާ ކަމަށާއި، ތިމާއަށް ވިސްނޭނީ އެންމެ
ރަނގަޅަށް ކަމަށް ހީކުރެވޭމިންވަރު މަދުވަމުން މަދުވަމުން ގޮސް އެއް ދުވަހަކުން
އެފަދައިން ހީކުރުން ހުއްޓޭނެއެވެ. ޚުދު ތިމާއަކީވެސް އުނިކަންތައްތަކަކާއި
ރަނގަޅު ކަންތައްތަކެއްވެސް ހުރި މީހެއްކަމަށް ޤަބޫލުކުރެވި، އަނެއް އިންސާނާއަށް
އިޙްތިރާމް ކުރުން އެއީ އެންމެ މުހިއްމު ކަންކަމުގައި އަމިއްލަ ހިތުގެ އަޑިން
ޤަބޫލުކުރެވޭނެއެވެ. މިއަށްވުރެ ވަކިން ބޮޑު އެހެން ކަމެއް ކޮބައިހެއްޔެވެ.
ކޮންމެ މީހަކަށްވެސް ތިމާ އެނގުން
މުހިއްމެވެ. އަނެކާ އެނގެން މަސައްކަތް ކުރަންވީ އޭގެ ފަހުންނެވެ. އަނެކާއަށް
ފާޑުކިޔަންވީ، އަނެކާއަށް ބަސް ބުނަންވީ އަދި އަނެކާގެ ގާތްކަމަށް އެދެންވީވެސް
އެންމެ ފުރަތަމަ ތިމާ ތިމާއަށް އެނގި ހުރެގެންނެވެ. މިއީ ހަމަ އެކަނި
ލިޔުންކޮޅެއްކަމަށް ބަލާފައި ދޫކޮށްލާވަރަށްވުރެ ބޮޑު ކަމެކެވެ. ގުޅުންތައް ޤާއިމު
ކުރުމާއި ދެމެހެއްޓުމުގައި މިއަށްވުރެ މުހިއްމު އެހެންކަމެއް ނުވެއެވެ.
ލިޔުނީ: ފަތިސްތަރި ޞަފާ (1 ނޮވެމްބަރު 2013)
**ވިސްނުމާއި ފިކުރުގައި ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކިޔުންތެރިންގެ
ޚިޔާލަށް މަރުޙަބާ ކިޔަމެވެ.**


No comments:
Post a Comment
Reply