✩✩ އާ ފެށުމެއް ✩✩
އާ ދުވަހެއްގެ ފެށުން ފެންނަން ފަށައިފިއެވެ. ރަބީޢުލްއާޚިރު މަހުގެ 1 ވަނަ
ދުވަހުގެ އިރު ފެނުން ތޮޅިލައިފިކަން ނުފެނުނަސް ޔަޤީނެވެ. ރޭހަތަރުދަމު ނިދާފައި،
އިރު އޭގެ އުޖާލާ ކަމާއެކު މޫނު ދިއްކޮށްލައިފިކަން ދަލީލުކޮށްދޭ ދޯދިތައް
އުޑުމަތިން ފެންނަން ފަށައިފިއެވެ. ރަން ރީނދޫ ކުލައިން ފަޒާ ޒީނަތްވާން ފަށައިފިއެވެ.
އަނދިރިކަމުގެ ތެރެއިން އަލިކަން މަޑުމަޑުން ފާޅުވަމުން އާދެއެވެ. އާ ދުވަހެއްގެ
އިރުއެރުމުގެ ނިޝާންތަކެވެ. އުޑުމަތީގައިވާ މަދުމަދު ކަފަ ވިލާކޮޅުތަކުގައިވެސް
އިރުގެ ރަން ދަޅަތަކުން ކުލަ ޖެހިފައި ވެއެވެ.
މި މަންޒަރު ސީދާ ލޮލުން ދުށުމުގެ ފުރުސަތަކީ އިރުމަތީ ފަރާތަށް ނުދަނީސް
މާލޭގައި އުޅޭ ގިނަ މީހުންނަށް ލިބޭނެ ނަސީބެއް ނޫނެވެ. އެއަށްވުރެ މާލޭގެ
ޢިމާރާތްތައް އުސްވެފައި ތޮއްޖެހިއްޖެއެވެ. އޭގެ ތެރޭގައި އަހަރެންވެސް
ހިމެނެއެވެ. އާ މަހެއްގެ އާ ދުވަހެއްގެ އިރުއަރައިގެން އައިއިރު އަހަރެން ހުރީ
ކޮޓަރީގެ ކުޑަދޮރުކައިރީގައެވެ. ރޭ ހަތަރުދަމު ނުނިދާ ހުރުމުގެ ސަބަބުން ނިދީގެ
އަސަރުން ލޯބަރުވަމުން ދިޔައެވެ. ނަމަވެސް އަބަދުވެސް އާދައިގެމަތިން، މިއަދުވެސް،
ޤުދުރަތުގެ ރީތި މަންޒަރު ލޮލަށް ފެންނަން ފެށުމުން، ދުވަހަކުވެސް ނުދެކޭ
އަޖައިބެއް ފަދައިން ބަލަހައްޓައިގެން ހުރެވުނީއެވެ. ލޮލަށް ފެންނަ ކޮންމެ
އެއްޗެއް، ކޮންމެ ތަނެއް ކޮންމެ މަންޒަރެއްގައި ހުވަފެނީ ރީތިކަމެއް ވާތީ
ފެނުނެވެ.
އާނއެކެވެ! އާ ދުވަހަކަށް އިރު އަރަނީއެވެ. އާ މަހަކަށެވެ. ގަޑި
ބަލާލެވުނެވެ. ބަރާބަރު ހެނދުނު ހަގަޑި ބާވީސް ވީއެވެ.
"ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަދަކީ އަޅަމެންނަށް ހެޔޮ ރަޙްމަތުން
ފުރިގެންވާ ދުވަހެއް ކަމުގައި ލައްވާނދޭވެ.! ކުޅަދުންވަންތަ އިލާހު!
އަޅަމެންނަށްޓަކައި މިއަދަކީ ރޯއްޖާއި ބަރަކާތުން ފުރިގެންވާ ދުވަހެއް ކަމުގައި
ލައްވާނދޭވެ! އޯގާވަންތަ އިލާހު! މިއަދަކީ އަޅަމެންގެ ހުވަފެންތައް ޙަޤީޤަތަކަށް
ހެދުމަށްޓަކައި ކުރެވޭ މަސައްކަތަށް ތައުފީޤާއި ހެޔޮ ދަރުމަ ލިބިގެންވާ
ދުވަހެއްކަމުގައި ލައްވާނދޭވެ! އަޅަމެން ކޮންމެ ކަމެއްވެސް ފަށަނީ އިބަ އިލާހުގެ
އިސްމުފުޅުންނެވެ. ވަކީލުކޮށް ވާގި އެދެނީ ހަމަ އެކަނި އިބައިލާހުގެ
ހަޟްރަތުންނެވެ. އަޅަމެންގެ މަސައްކަތުގައި ބަރަކާތް ލައްވާނދޭވެ! އާމީން !
އެކުވެރިޔާއެވެ! ތިބާވެސް މި އާދުވަހު އާ އުއްމީދަކާއެކު ތެދުވާށެވެ. ފާއިތުވެދިޔަ
ތަން ހަނދާންނައްތާލާށޭ ނުބުނާނަމެވެ. އެތަން ހަނދާން ނައްތާލުމުގެ ބަދަލުގައި އެތަނުން
ޢިބްރަތް ލިބިގަނެ ކުރިއަށް އާ މަގެއް ކޮށަން ފަށާށެވެ. އެއްވެސް މީހަކު ނުކުރާ
މަސައްކަތަކަށް އެމީހަކަށް އިނާމް ނުލިބޭނެއެވެ. ވީމާ ޚުދު ތިބާއަށްޓަކައި ތިބާ
މަސައްކަތް ފަށާށެވެ. ރަޙްމަތްތެރިންނާއި ޢާއިލާމީހުންގެ ކިބައިން
ހިތްވަރުލިބިގެން ކުރިޔަށް ހިނގަން ފަށާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.
ނަމަވެސް ތިބާގެ މައްސަލަތައް ނަގާ އެއްފަރާތް ކޮށްފައެއް ނޫނެވެ. އެ
މައްސަލަތަކާއި ކުރިމަތިލާށެވެ. އެކަންތައް ޙައްލުކުރާށެވެ. ވަރަށް ރީތިކޮށް ކުނިކަހާ
ނިމިގެން އައިސް ބަލާލާއިރު ކޮޓަރީގެ އެއްކަނެއްގައި ވެލިހުރިތަން ފެނުމުން ދެނެއް
ނުވާނެއޭ ފަހުންނޭ ސާފުކުރާނީއޭ ހިތާ ފައިފުހި ދަށަށް އެބައި ލާހެން މައްސަލަތަކާ
ކުރިމަތިނުލާ ފޮރުވާފައި ކުރިޔަށް ދާން ނުނިކުންނާށެވެ. މަގުގެ ވަކި ހިސާބަކުން އެ
މައްސަލަތައް ތިބާގެ ބޮލަށް އުނދަގޫކުރާނެއެވެ. އައިފަހަށް ދިއުމަށް ނަގާ ވަގުތުގެ
ސަބަބުން ކުރިޔަށް ދާންވީ ބާރުމިނުގައި ނުދެވޭނެއެވެ. މައްސަލަތައް ޙައްލުކޮށްފައި
ކުރިއަށް ހިނގައިގަންނާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.
ހިނގައިގަންނަން ދަތިވާ ހުރިހާ ކަސްތަޅަކުން ސަލާމަތް ވާން މަސައްކަތް
ކުރާށެވެ. އަމިއްލަ ޙަޔާތުގައި މިވަގުތު ހިނގަހިނގާ ހުރި ކަންތައްތަކާއި
ޙަޔާތުގައި ޝާމިލުވާ މީހުންގެ މުހިއްމުކަމާއި ބޭކާރުކަމުގެ ހިސާބެއް ހަދާލާށެވެ.
ހުއްޓާލަންޖެހޭ ކަންތައްތަކާއި ދޫކޮށްލަންޖެހޭ މީސްމީހުން ވާނެކަން ގައިމެވެ.
އެއިން އެއްވެސް ކަމަކުން ހުރަސް އެޅޭނަމަ އެމީސްމީހުންނާ އެކަންކަން ތިބާއާއި
ވަކިވިޔަދޭށެވެ. ވިސްނާށެވެ. ތިބާގެ ޙަޔާތަށް ކުރިއެރުމެއް ނުގެނެސްދޭ
ކަންތައްތަކާއި މީހުންނާއިއެކު އުޅުމެކޭ، އަމިއްލަ ދެފައިގައި ބަރުހިލައެއް
އައްސައިގެން ކަނޑަށް ފުންމާލުމެކޭ ތަފާތެއް އެބައޮތްހެއްޔެވެ؟ ރަނގަޅަށް
ވިސްނުމަށްފަހު ހެދި ހިސާބުން ފެންނަ ނަތީޖާއަށް، ކެރިގެން ޢަމަލުކުރާށެވެ. އިރާދަކުރެއްވިއްޔާ
ރަނގަޅުވާނެއެވެ.
ތިބާއަށް ޤާއިމުވެ ހުރެވޭނެ އިސްލާޙްތަކެއް ކަނޑައަޅާށެވެ. މީހަކަށްޓަކައެއް
ނޫނެވެ. ޚުދު ތިބާއަށްޓަކައެވެ. އެއަށްފަހު އެ އިސްލާޙުތަކުގައި ޤާއިމުވެ ހުންނަން
މަސައްކަތް ކުރާށެވެ. އަމިއްލަ ނަފްސު އިސްލާޙް ކުރުމަށްޓަކައި އަޅަން މިއީ ވަރަށް
ރަނގަޅު ފިޔަވަޅެކެވެ. ސާބިތުކަމާއެކު ފަށާށެވެ. އިރާދަކުރެއްވިއްޔާ
ރަނގަޅުވާނެއެވެ.
އަމިއްލަ ނަފްސަށް ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް ނުވަތަ ތަރައްޤީއެއް
ގެންނާށެވެ. އެހެންނާ ނައަޅާކަހަލަ ރީތި ގޮތަކަށް ބުރުގާ އަޅާލާށެވެ. މީރުވަސް
ދުވާ ސެންޓެއް ބޭނުންކޮށްލާށެވެ. ހިތްހަމަޖެހޭކަހަލަ ހިތްގައިމު އާ ދެތިން ހެދުން
ހޯދާލާށެވެ. މި ނޫނަސް ކޮންމެވެސް ކަހަލަ ތަރައްޤީއެއް ގެންނާށެވެ. ރަނގަޅުގޮތުގައި
ކުރާނަމަ މިއިން ކަމަކުން ގޯހެއް ނުނިކުންނާނެއެވެ. އިރާދަކުރެއްވިއްޔާ
ރަނގަޅުވާނެއެވެ.
ކޮންމެވެސް ވަރަކަށް ބޭރަށް ނުކުމެލާ، ތަންތަން ބަލާލަން ގޮސްލާ ހަދާލާށެވެ.
ކުރިން ކޮށްނުއުޅޭ ކޮންމެވެސް ކަހަލަ މަސައްކަތެއް ނުވަތަ ޝައުޤުހުންނަ ކަމެއް
ފަށާށެވެ. ޚުދު ތިބާއަށްވެސް ނޭނގިހުރި ޝައުޤުތައް ތިބާގެ ކިބައިން ތިބާއާއި
އެހެން މީހުން ދެކެން ފަށާނެއެވެ. ބޭރަށް ނުކުމެ އުޅެލަން ފެށުމުން އާ
ރައްޓެހިންވެސް ލިބޭނެއެވެ. އާ ކަންތައްތަކާއި އާ ތަންތަނަށް ދެވޭނެއެވެ. ނަފްސުގެ
އިސްލާޙަށް މަސައްކަތް ކުރާއިރު މިއީވެސް ކޮށްލަން ކެރެންވާނެ ކަންތައްތަކެވެ.
ފަށާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.
ފޮތްކިޔަން ފަށާށެވެ. ފުރަތަމަ ތިބާއަށް އެނގޭ ފޮތަކުންނެވެ. ދެން ނޭނގޭ
ފޮތަކުންނެވެ. ވަކި ވައްތަރެއް ނޫނެވެ. ހުރިހާވައްތަރަކުން ފޮތްކޮޅެއް ހޯދާށެވެ.
ނުވަތަ ލައިބްރަރީއަށް ގޮސް އިނދެފޮތްކޮޅެއް ކައިރިކޮށްލައިގެން ބަލަން ފަށާށެވެ.
ކޮންމެވެސް އެއް ކަހަލަ ފޮތް ކިޔަން ޝައުޤު ނުހުންނާނެ މީހަކު ހުރުމަކީ ވަރަށް
ނާދިރު ކަމެކެވެ. ފޮތްކިޔުމުގެ ޝައުޤު އަމިއްލަ ނަފްސުގައި އުފެއްދިއްޖެނަމަ އެ
ލިބުނީ ތިބާއަށް ވަރަށް ބޮޑު ކާމިޔާބެކެވެ. މީގެކުރިން ތިބާއަކީ ހަމައެކަނި
ސިކުނޑިއެއްނަމަ ފޮތްކިޔަންފެށުމުން ތިބާ އެވަނީ ބުއްދިވެރިސިކުނޑިއެއް ހުރި
އިންސާނަކަށެވެ. މީގެ ކުރިން ތިބާއަކީ ބުއްދިވެރިއެއްނަމަ ފޮތްކިޔުމުގެ ސަބަބުން
ތިބާ އަކީ ހުސްވުމެއް ނެތްޚަޒާނާއަކަށް ވެގެންދާނެއެވެ. ރަނގަޅު ޢަޒުމަކާއެކު
ފަށާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.
މެދަށް ވަގުތު ދޭށެވެ. ގެނައި ބަދަލުތައް ތިބާގެ ޙަޔާތުގެ މައްޗަށް ތަންފީޒުކުރާށެވެ.
އެއަށްފަހު މަޑުޖެހިލާށެވެ. އަމިއްލަ ޙަޔާތަށް ތިބާ ތިގެނައި ބަދަލުތަކާއި ދޭތެރޭ
ވިސްނާ ދިރާސާކޮށްލާށެވެ. އެކަންތައްތައް ކުރުމުން ނުވަތަ ނުކުރުމުން އައީ
ރަނގަޅުބަދަލެއް ހެއްޔެވެ؟ އެހެންނަމަ ތި ގޮތަށް ކުރިއަށް ދާށެވެ. އައީ ނުރަނގަޅު
ބަދަލެއް ހެއްޔެވެ؟ އެހެންވެއްޖިއްޔާ އަދިވެސް އެހެން އިސްލާޙްތައް ގެންނާށެވެ.
ހަނދާން ބަހައްޓާށެވެ. ތިމާ ގެންނަ ހުރިހާ ބަދަލަކީ އެންމެ ރަނގަޅު ބަދަލަށް
ނުވެދާނެއެވެ. ތިމާއަކީ އެންމެ މޮޅު މީހާއެއް ނޫނެވެ. މި ޙަޤީޤަތް ޤަބޫލުކުރުމުގެ
ޤާބިލްކަން ލިބިފައިވާ މީހަކަށް ވާށެވެ.
މުހިއްމު ކަމަކީ ބަދަލުތަކަށް އުއްމީދު ކުރަމުން، ބަދަލުތައް ޤަބޫލުކުރަމުން
ބަދަލުވަމުން ތިބާ ދިއުމެވެ. ދިރިއުޅުމުގެ ޙަޤީޤަތަކީ މިއީއެވެ. ކީއްވެކަން
އެނގޭހެއްޔެވެ؟ އަހަރެމެން އިންސާނުންނަކީ މާދަމާ ތޯއެވެ؟ ކުރިއަށް އޮތް ގަޑިއިރުތެރޭގައިވެސް
އަހަރެމެންގެ ދިރިއުޅުމަށް އަތުވެދާނެ ބަދަލެއް އެނގޭ ބައެއް ނޫން ވީމައެވެ.
އަހަރެމެންނަށް ކުރެވޭނީ ތަދުބީރެވެ. ތަޤުދީރު އޮތީ ލިޔުއްވާ ނިންމަވާފައެވެ. މި
ދުނިޔެއަކީ އިމްތިޙާނެކެވެ. އުޅޭހާ ދުވަހަކު އޮންނާނީ އިމްތިޙާނުތަކުން ފާސްވާން
މަސައްކަތް ކުރުމެވެ. ކޮންމެ ދުވަހެއް އާފެށުމަކުން ފަށަން ޖެހެނީ މިހެން
ވީމައެވެ.
އަހަރެމެން ކިހާ ނަސީބުގަދަހެއްޔެވެ؟ ފާއިތުވެދިޔަ ތަނުގައި ކޮންމެ ގޮތަކަށް
ކަންތައް ގޮސްފައި އޮތްކަމުގައި ވިޔަސް، އަހަރެމެން ބޭނުންވުމާއެކު، ހިތަށް ހަމަ
އެރުމާއެކު، ކޮންމެ ތާކު ތިބެވުނަސް، އެ ހުރި ހިސާބަކުން އަލުން އާ ފެށުމަކުން
ފެށުމުގެ ހެޔޮ ނަޞީބު އަހަރެމެންނަށް ލިބިފައިވުން އެއީ ކޮންފަދަ ބޮޑު
ރަޙްމަތެއްހެއްޔެވެ؟ ލިބިފައި މިވާ ނިޢުމަތަށް ޝުކުރުކޮށް އުފާކުރަމާ ހިނގާށެވެ.
މިއަދަކީވެސް އާ ދުވަހެކެވެ. ތިބާ ބޭނުން ބަދަލެއް ތިބާގެ ޙަޔާތަށް
ގެނެވޭނެއެވެ. ދުވަހާއި ކުރިމަތިލާށެވެ. އާ ޢަޒުމަކާއި، އާ އުއްމީދަކާއިއެކު އާ
ގޮތަކަށް ރާވައިގެން ދިރިއުޅުމާއި ކުރުމަތިލުމަށް ގަސްދުކުރަމުން ދުވަސް ފަށަމާ
ހިނގާށެވެ.
އެ އިވުނީ ރޭޑިއޯއިން ޤުރުއާން ކިޔަވާ ނިމުނުއަޑެވެ. ހެނދުނު ހަގަޑިބައިވީއެވެ.
ދުވަހުގެ ފުރަތަމަ ކުރާ ކައްކަން ދާންވީއެވެ. އެހެން ފަހަރަކުން ދިމާވެލަން
ވަކިވެލަމެވެ. އުފާވެރި ބާއްޖަވެރި ދުވަހަކަށް އެދެމެވެ !
✩✩✩---✩✩✩
ލިޔުނީ: ފަތިސްތަރި ޞަފާ / 1 ފެބްރުއަރީ 2014





