Thursday, February 27, 2014

Nufoheveyne Hithaamaeh ....... !

               ނުފޮހެވޭނެ ހިތާމައެއް...!

ހިތާމައިގެ ކޮޅެއްވެސް ނެތް ! އިންތިހާއީ ބޮޑު ތަދެއް ލަގޮނޑިއަށް ލިބިގެން ދިޔައީ އެ އަންހެނާގެ އަމިއްލަ އެއްވެސް ކުށަކާނުލައި، އެ އަންހެނާ އަށް ލިބުނު "އަނިޔާ" ގެ ޚަބަރު ހެނދުނު ހެނދުނާ ހަވީރު ސައިޓުން ކިޔަން ފެށުމުންނެވެ.

މި ޚަބަރު ކީ ކޮންމެ އަންހެނެއްގެ ލޮލުން ކަރުނަ ހިލޭނެކަން ޔަގީނެވެ. ކޮންމެ މަންމައަކުގެ ހިތަށް ފުން ތަދެއް ލިބޭނެއެވެ. ކޮންމެ ފިރިހެނަކުގެވެސް ލޭ ހޫނު ވާނެއެވެ. ކޮންމެ ފިރިއަކު އޭނަގެ އަނބިމީހާއަށްޓަކައި ހިތް ބިރުގަންނާނެއެވެ.

މުޅި ޤައުމަށް މި ލިބުނީ ހާދަ ބޮޑު ހިތާމައެކެވެ. ކޮންމެ ދެމީހަކުވެސް މިއަދު ދައްކަނީ މިވާހަކައެވެ. ދެރައާއި މޮޅިން ކަރު އެލިފައި ތިބެގެންނެވެ. ނަމަވެސް ކޮންމެ މީހެއްގެ ވާހަކައިގެވެސް ނިމޭ ހިސާބުން ދެން އިވެނީ ރުޅިވެރި ބަސްތަކެކެވެ.
ކޮންމެ މީހަކުވެސް ރުޅި އަންނަނީ އައިޖީއެމްއެޗް ދެކެއެވެ.
އަހަރެން ދެކޭ ގޮތުގައި އެއީ ހަމަ މުޅިންވެސް ޙައްޤު ބަސްތަކެކެވެ.

ބުނަން ހެއްޔެވެ. އެއީ ތެދެކެވެ. އައިޖީއެމްއެޗްގެ ފަރުވާކުޑަކަން ފެނުނު މީހުންގެ ތެރެއިން ޚުދު އަހަންނަކީވެސް އޭގެ އެތައް ތަޖްރިބާއެއް ކޮށްފައިވާ މީހަކީމެވެ. ޚުދު އަހަންނަށް އެކަންޏެއް ނޫނެވެ. އެކަމަކު އަހަރެންގެ ޢާއިލާގެ އެކިއެކި މީހުންނަށެވެ. އެކަންކަމުގައި އަހަރެން ޝާމިލުވި އަހަރެންގެ ރަޙްމަތްތެރިންގެ ކަންކަމުގައެވެ. ވަރަށް ކުދިކުދި ކަންތައްތަކާއި ގުޅިގެން އެތަނަށް ދެއްކުމުންވެސް އޭގެ އާޚިރު ނަތީޖާއިން ލިބުނީ އިތުރު ވޭނަކާއި ހިތާމައެކެވެ. ވަރަށް ބޮޑެތި ކަންކަމާއި ގުޅިގެން އެތަނުން ފަރުވާލިބިގަންނަން ދިއުމުން، އެކަމުންވެސް ލިބިފައިވަނީ އެތަނާއި އެތަނުގެ މުވައްޒަފުންނާއި ދޭތެރޭ ހިތުގައި ނަފްރަތު އުފެދި ދުވަހަކުވެސް މަޢާފް ނުކުރެވޭނެކަހަލަ ކަންކަމެވެ.

އެޕޮއިންޓްމެންޓެއް ހޯދުމަކީ މަރުފަދަ ކަމެކެވެ. ވިހަންވެފައި އިން މީހަކަށްވެސް، އެއް ދުވަހު ނުދެވުނަސް، ދެވަނަ ފަހަރަކު އެމީހާއަށް އެތަނަށް ދެއްކުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އަހަރެން މިއީ އަހަރެންގެ ކޮއްކޮއަށް އެޕޮއިންޓްމަންޓްހައްދަން އެކަމުގައި އުޅުނު މީހާއެވެ. މިވާހަކަ މިހެން މި ދައްކަނީ ކަންތައް ވެގެން ދިޔަގޮތް އަހަންނަށް އެނގޭތީއެވެ. ބަރާބަރު ތިންމަސް ވެގެން ދިޔައިރުވެސް އެތަނުން އެޕޮއިންޓްމަންޓެއް ނުލިބުނެވެ. މިއީ އެތަނުގެ ޙާލަތެވެ.

މެމޯއެއް ހައްދަން ބޭނުންވެއްޖެ މީހަކުގެ މުޅި ދުވަސް ދާނީ އެކަމުގައެވެ. ގިނަވާނީ ބަލިމީހާ ދައްކާ ވާހަކައަށް ހަޅޭއްލަވައިގަންނަ ޑޮކްޓަރުންނެވެ. އެމީހާއަކީ ބަލިމީހެއްކަމާއި، ބަލި ޙާލު ޖެހުމުން ބުއްދިވެސް ގޯސްވާނެ ކަމާއި، ހިތްމޮޅިވެ ބިރުގެންފައިވާނެކަމެއް އެ ޑޮކްޓަރުން ހިތަކަށް ނާރާނެއެވެ. މަލާމާތާއި ޖެއްސުން ކުރާ ޑޮކްޓަރުންވެސް އެހާ ގިނައެވެ. އޯގާތެރިކަމެއް އަމުދުން ނުހުރެއެވެ. ލެބޯޓަރީ އަކަސް އެހެން ތަނަކަސް ޓެސްޓެއް ހައްދަން ބޭނުންވިޔަސް، މުޅި ޢިމާރާތުގެ އެއްފްލޯރއިން އަނެއް ފްލޯރއިން އެއް ކައުންޓަރުން އަނެއް ކައުންޓަރުން އެތައް އިރަކު ދުވަން ޖެހެއެވެ. ހޮސްޕިޓަލެކޯއެވެ. އެކަމަކު ފާހާނާތަކުގެ މުޑުދާރުކަމާއި ބަލިމީހުންގެ ވޯޑްތަކުގެ މުޑުދާރުކަމާއި އެ ވޯޑުތަކުގައި ކާތަކެތި ބަހައްޓަން ހުންނަ ތަންތަން މުޑުދާރުކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ.

ބަލިމީހާގެ އެނދުގެ ފޮތިތައް ބަދަލުކޮށްދޭން ކިތަންމެ އާދޭހެއް ކުރިޔަސް ހަދާނީ ހަމަ ބޭނުން ގޮތެކެވެ. އެހެންނަމަވެސް ތަންކޮޅެއް ތަނަވަސް ބައެއްހެން ހީވާ ބައެއްނަމަ، ނުވަތަ ކޮންމެވެސް މަޝްހޫރު ބައެއްނަމަ އެ ބަޔަކަށް ޑޮކްޓަރުންނާއި ނަރުހުންގެ އެހީތެރިކަމާއި އަޅާލުންވެސް ލިބެއެވެ. ކިތަންމެ ފަހަރަކު ޖެހިގެން ހުރި އެނދުގައި އޮތް ބަލިމީހާއަށް ގުޅަން ބަހައްޓާފައި ހުންނަ އިންޖެކްޝަންތައް އަނެއް ބަލިމީހަގެ އަތަށް އައިސް ގުޅައެވެ.

ރަށުގައި ހުރެފައި ލޭފައިބާތީ އިމަޖެންސީ ޙާލުގައި ގެނައި މާބަނޑު އަންހެނަކުވެސް އިމަޖެންސީ ކޮޓަރީގައި ބާއްވައިގެން 4 ގަޑިއިރުވީއިރުވެސް ޑޮކްޓަރެއްގެ އަޅާލުމެއް ނުލިބި، އެންމެ ފަހުން ސްކޭން ކުރަން ފޮނުވި ދުވަހެއްވެސް ދުށީމެވެ. ސްކޭން ކުރަން ފޮނުވީވެސް އިމަޖެންސީ ގޮތެއްގައެއް ނޫނެވެ. ހަމަ ޢާއްމު އުޞޫލުންނެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ނަންބަރު ޖެހިގެން ސްކޭން ކުރަން ވެއްދުނު އިރު އެ ގޮނޑީގައި އިންނަތާ 2 ގަޑިއިރު ވެއްޖެއެވެ. ބަނޑުގައި އޮތް ދަރިފުޅު އޮތީ މަރުވެފައެވެ. މި ޚަބަރު ބަލިމީހާއަށް ދިނުމުގެ ބަދަލުގައި ސްކޭން ކުރި ޑޮކްޓަރު އިމަޖެންސީ ރޫމަށް ގުޅާފައި ބުނި އެއްޗެއް ބުނެފައި ނުކުމެގެން ދިޔައީއެވެ. މާބަނޑު މީހާގެ ޙާލު އެނގެން ބޭނުންވީ މީހާއަށް ޖެހުނީ ޑޮކްޓަރު ފަހަތުން ގޮސް އަތުލައިގަނެގެން އެ ސުވާލު ކުރާށެވެ. އިންތިހާ ފަރުވާ ކުޑަކަމާއެކު ބުނީ "ނޯ މޯ ބޭބީ" މިހެންނެވެ. އަދިވެސް އެހުމުން ދެން ބުނީ "ބޭބީ އިޒް ޑެޑް" މިހެންނެވެ. ރަޙުމެއް އޯގާތެރިކަމެއް އަމުދުން ނެތެވެ. ހުންނަންވީވެސް ކީއްކުރަންހެއްޔެވެ. އޭނަގެ ރަށުގެ އޭނަގެ ގައުމުގެ މީހެއްވެސް ނޫނިއްޔާއެވެ.

މުޅި ތަނުގައި އޮންނަނީ އިންޑިޔާ ލަންކާ މީހުންނެވެ. ސީނިއާ ނަރުހަކަށް ދިވެއްސަކު ހުއްޓަސް އެއީ ހަމަ ބޭކާރު މީހެކެވެ. އެމީހާގެ މަތިން އަރާ ކަންތައްތަކަށް ބޭނިގަނެގެން އުޅޭނީ ކޮންމެވެސް ބިދޭސީ ނަރުހެކެވެ. ހުރިހާ ކަމަކަށްވެސް އެމީހުން އަތްގަދަ ކުރެއެވެ. އެންމެ ކުޑަމިނުން ބަލިމީހާގެ އެހީތެރިޔާއަށް ދިވެހި ނަރުސް ކުއްޖާއާއި ވާހަކައެއް ދެއްކިޔަކަވެސް ނުދޭނެއެވެ. ޙާލު ދެރަވެފައި އޮންނަ ބަލިމީހާއަށް ފަރުވާއެއްދީ ރަނގަޅު ކުރާކަށް އެމީހުން މަސައްކަތެއް ނުކުރާނެއެވެ. ކުރަންޖެހޭ ރޫޓިން ކަންތައްތައް ކުރި ކަމުގައި ވިޔަސް، މާ ބޮޑު އަޅާލުމެއް އެމީހުންގެ ނުހުރެއެވެ.

އައިޖީއެމްއެޗުން ލިބޭ އެއްވެސް ފަރުވާއެއްގައި އަދި ދިމާވާ އެއްވެސް މީހެއްގެ ކިބަޔަކުން އޯގާތެރި ހިނިތުންވުމެއްވެސް ލިބުން އެއީ ހަމަ މުޅިން ނާދިރު ކަމެކެވެ. އެމީހުންގެ އެއްޗެއް ފޭރިގަންނަން ބަޔަކު އައިސްތިބިފަދަ ރުޅިއެއް ނޫނީ އެމީހުންގެ މޫނުމައްޗަކުން ނުފެނެއެވެ.

ރަނގަޅުވާނީ ކޮންކަމެއްހެއްޔެވެ؟ މިދިޔަ ޑިސެމްބަރުގައި އެތަނުން ޚިތާނު ކުރި ކުދިންގެ ތެރޭގައި އަހަރެންގެ ތިމާގެ ކުއްޖެއްވެސް ހިމެނެއެވެ. ހަމައެކަނި އެ ދުވަހުވެސް 8 ކުދިން ޚިތާނު ކުރިއެވެ. ނަމަވެސް އަހަރެންގެ މި ބުނާ ކޮއްކޮއަށް ލުޔެއް ނުލިބި 15 ދުވަސް މާލޭގައި ހޭދަކުރަން ޖެހުނެވެ. ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ބުނަމުން ދިޔައީ، އަދި ރަނގަޅުވާނެ. އެއީ މައްސަލައެއް ނޫން. ބައެއް ކުދިންނަށް އެހެންވާނެ. މިކަހަލަ ބަސްތަކެވެ. މިހާރު އޭގެ ފަހުން ތިންމަސް ވަނީއެވެ. އަދިވެސް މިއަދާއި ހަމައަށްވެސް އެ ތުއްތު ކުއްޖާ އެ އުޅެނީ އެކަމުގެ ވޭނުގައެވެ.

މިއީ ކުޑަ ކަމެއްހެއްޔެވެ؟ ފިރިހެންކުއްޖެއްގެ މުޅި ޙަޔާތަށް މިކަމުން ކުރާނެ އަސަރު ތިބޭފުޅުން އަމިއްލައަށް އިހްސާސްކޮށްލައްވާށެވެ. އެކަމަކު މިއިން ކަމަކަށް ފަރުވާލެއް ބަހައްޓާ ބަޔަކު އެތާކުވެސް އަދި ރާއްޖޭގެ ސިއްޙީ ދާއިރާއަކުވެސް ނެތެވެ.

އެތަނުގެ ގިނަ ޑޮކްޓަރުންގެ ކިބައިން ފެންނަނީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ދެއްކުންތެރިކަމާއި ވާނޭ ކަމެވެ. ޙަޤީޤަތަކީ، މާތް ﷲ ތިމަންނާމެންގެ ކޮނޑުގައި އަޅުއްވާފައި މިވާ ބުރަ މަސްއޫލިއްޔަތުގެ ބޮޑު ކަމާއި ނުރައްކާތެރިކަން ކުޑަކޮށްވެސް އެމީހުންގެ ހިތަށް ނުވަންނަ ކަމެވެ. ހުރިހާވެސް އެއްޗަކަށް ވެފައި މި އޮންނަނީ ރީތި ނަމާއި ބޮޑު މުސާރައެވެ. އިޚްލާޞްތެރި ހިތަކާއި އިންސާނިއްޔަތު ކަމެއް ހުރި މީހަކު އެއް އަތުގެ އިނގިލިތަކުންވެސް ގުނާލެވޭނެއެވެ. އެހާވެސް މަދެވެ.

އަދިވެސް ފާހަގަ ކުރެވޭ ކަމެކެވެ.
ބޭސް ސިޓީގައި ޑޮކްޓަރު ލިޔުއްވާ ބޭސް ނަގަން ކޮންމެ މީހަކުވެސް ދަނީ އާސަންދަ ލިބޭ ފާމަސީއަށެވެ. އެއީ އެސްޓީއޯ ފާމަސީއެވެ. އެކަމަކު އެތަނުން އެ މުހިއްމު ބޭސް ލިބުން އެއީ ނާދިރު ކަމެކެވެ. ދެން ނިކުންނާނީ ބޭރަށެވެ. ހޮސްޕިޓަލްގެ ދިމާކުރިމަތީގައި ހައެއްކަ ފާމަސީ ހުރެއެވެ. އާސަންދަ ލިބޭނީ އެއިން އެންމެ ތަނަކުންނެވެ. އެކަމަކު އެތަނަކުވެސް އެ ބޭހެއް ނުހުންނާނެއެވެ. އެންމެ ފަހުން އަތުން ލާރީދީފައި ބޭސް ގަންނަނީއެވެ. ކޮންމެ މީހަކުވެސް އެމީހަކުގެ ޢާއިލާ ދެކެ ލޯބިވެއެވެ. އަދި އަމުދުން ބައްޔެއް ކަމެއްވެއްޖިއްޔާ ދިގު ދަންމާކަށް ނުތިބޭނެއެވެ. އަތުން ދިނަސް، އެކަމެއް ވަގުތުން ވަގުތަށް ކުރާނެއެވެ. މިކަން އެންމނެންވެސް ދަނެއެވެ. އާސަންދަ ނުލިބޭ ފިހާރަތަކުގައި ބޭސް ހުރެފައި އާސަންދަ ލިބޭ ފިހާރަތަކުގައި ބޭސް ނުހުންނަނީ އިއްތިފާޤަކުންނޭ ބުނަން ވަރަށް ދައްޗެވެ.

މުޅި ތަނަށް ކެއުން ބުއިމުގެ ކަންތައް ހަމަޖެހެން ހުންނަނީ ހޮސްޕިޓަލްތެރޭގައި ހުންނަ ކެފޭއިންނެވެ. އެހެންނަމަވެސް އެތަނަކީ ބައެއްފަހަރަށް އެއްވެސް އިންސާނަކު ކައިބޮއި ހަދަން ހެޔޮވާވަރު ތަނެއް ނޫނޭ އަހަރެން ހިތަށް އަރައެވެ. ކައްކާފައި ހުރި ނޫޑުލްސް ޓްރޭ ހިފައިގެން ނުކުންނަނިކޮށް އެތާ ވެއިޓަރެއްގެ ގައިގައި ޖެހިފައި އޭތި ބަންޑުންވުމުން އަވަސް އަރުވާލާފައި އެ ބިންމަތީގައި ހުރި ނުޑުލްސްތައް ނަގާ އަލުން ޓްރޭއަށް އަޅައިގެން އައިސް ކަސްޓަމަރުންގެ ކުރިމަތީގައި ބެހެއްޓި ދުވަހަކީވެސް އަހަރެންނާއެކު އެތައް ބަޔަކު އެ މަންޒަރު ދުށް ދުވަހެކެވެ. އެކަމަކު އެތާ ތިބި ވެއިޓަރުންނަކަށް އެކަން ބޮޑު ކަމަކަށް ނުވެއެވެ. އެ މަންޒަރު ފެނުނު ބަޔަކު އޭގެއިން ނުކެޔަސް، އެތަނަށް ވަންނަ ކިތައް މީހުން އެ ނޫޑުލްސް އެތިން ކާނެހެއްޔެވެ؟ އެ ނޫޑުލްސް އެއްޗަކީ ހަމަ އެވަގުތު ކައްކައިގެން ގެނައި އެއްޗެކެވެ. އެހެންނަމަވެސް އެ ހަޑި ބިންމައްޗަށް ވެރުމުން، އަލުން ނަގާ އޭތި މީހުންނަށް ކާންދޭން އަޅެ ހެޔޮ ވެދާނެހެއްޔެވެ؟

މިކަހަލަ ކިތަންމެ ޙާދިސާއެއް ހަމައެކަނި އެ ކެފޭގައިވެސް ހިނގާފައި އެބަހުއްޓެވެ. ލިޔެ ހުހެއް ނުވާނެއެވެ.

އައިޖީއެމްއެޗް އިސްލާޙް ކުރަންވީ މިއަދަކު އިއްޔެއަކު ނޫނެވެ. އެތަނުގެ ސަބަބުން ގެއްލުމެއް ދެރައެއް ނުލިބޭ ޢާއިލާއެއް ރާއްޖޭގެ އެންމެ މީހުން ގިނަ މި މާލޭގައި ގައިމުވެސް މަދުވާނެއެވެ. އެ ތަނުގެ ފީކަޅާ ކަމާއި ފަރުވާކުޑަކަން ނުދަންނަ ބައެއް މަދުވާނެއެވެ. އެތަނުގެ ޙަޤީޤަތް ނޭނގޭނީ ރަށްރަށުން އަންނަ ނިކަމެތިންނަށެވެ. އެހެން އެންމެންނަށްވެސް އެކަން އެނގެއެވެ. ނަމަވެސް އާސަންދަ ލިބިފައި، ކޮންމެ މީހަކީ އަގުބޮޑު ކްލިނިކްތަކަށާއި ހޮސްޕިޓާތަކަށް ދެވޭނެ ފެންވަރުގެ ބަޔަކަށް ނުވާތީ އެތަނަށް ދެވެނީއެވެ. ނަމަވެސް ގިނަ މީހުން އެތަނުން ނުކުމެގެން އަންނަން ޖެހެނީ އެތައް ހިތްހަމަނުޖެހުމަކާއި ކަރުނައަކާއެކުގައެވެ.

އަދިވެސް...ދެންވެސް އައިޖީއެމްއެޗްގެ ޙާލަތު ރަނގަޅުކުރަން ބަޔަކު މަސައްކަތް ކުރާކަށް ނުވޭހެއްޔެވެ؟ އަދިވެސް ދެންވެސް ބަޔަކު މިކަމާއި އުޅެގެން ނުވަނީހެއްޔެވެ؟ ހުމެއް އައިސް ރޯގާއެއް ޖެހޭ ކޮންމެ ފަހަރަކު ހަމަ އެންމެނަކަށް ފުރަފުރައިގެން ޤައުމުން ބޭރަކަށް ނުދެވޭނެއެވެ. ދެވޭ މީހުން އެގޮތަށް ދިޔަޔަސް، ނުދެވޭ މީހުންނަށްޓަކައި، މި ޒިންމާއާއި ހަވާލުވެގެން ތިބި މީހުން ތަންކޮޅެއް ފަރުވާތެރިވާން ވެއްޖެ ނޫންހެއްޔެވެ؟ މަސްއޫލިއްޔަތުގެ ދެވަނަ ނަމަކީ ބޮޑު މުސާރައެއް ނޫނެވެ. މަސްއޫލިއްޔަތުގެ ދެވަނަ ނަމަކީ ޒިންމާ އުފުލުމެވެ.

ސިއްޙަތާއި ބެހޭ މިނިސްޓްރީގެ ހަމައެކަނި ޒިންމާއަކީ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހިންގުންބާވައޭވެސް އަހަރެންގެ ހިތަށް އަރައެވެ. މާ ގިނަ ޤައުމުތަކަކަށް އަހަންނަށް ނުދެވުނުކަމުގައި ވިޔަސް، އަހަންނަކީ ފޮތްކިޔާ، ނޫސް ކިޔާ، ޚަބަރުތައް ކިޔާމީހަކީމެވެ. މި ނޫނިއްޔާ، ޢާއްމުން ހޭލުންތެރި ކުރުވުމާއި، ޢާއްމުންނަށް ސިއްޙަތާއި ބެހޭ މަޢުލޫމާތުތައް ދިނުމުގައި މަސައްކަތް ނުކުރާ ޤައުމެއްވެސް އޭގެތެރެއިން އަހަރެން ނުދެކެމެވެ. ސިއްޙަތަކީ އަމިއްލައަށްވެސް ބެލެހެއްޓޭނެ އެއްޗެއްކަން އަންގައިދިނުމެއް ރާއްޖެއަކު ނޯވެއެވެ. އަހަރެމެންނަށް ދަސްވެފައި މިތިބީ ބަލިޖެހެންދެން އުޅޭނެހާ ގޮތަކަށް އުޅެފައި ޑޮކްޓަރު ކައިރިއަށް ދިއުމަށެވެ.  ދާއިރަށް ބާރުގަދަހާ ބޭސްތައް ދެއެވެ. އަހަރެމެން އެ ބޭސްތައް ކަމުއެވެ. އޭގެ އަހަރުތަކެއްފަހުން، އެ ބޭހުގެ ސަބަބުން އެހެން އެތައް ބޮޑު ބައްޔެއް އަހަރެމެންގެ ކިބައިން ފެނެއެވެ. އަނެއްކާވެސް އަނެއް ބޭހެކެވެ. މިއީ އަހަރެމެންގެ ތެރެއިން ގިނަ ދިވެހިންގެ ޙަޤީޤަތެވެ. ޚާއްޞަކޮށް، 30 އަހަރުން މައްޗަށް ގޮސްފި ކޮންމެ މީހެކެވެ.

ސުވާލަކީ، މިކަމުގައިވެސް ހެލްތު މިނިސްޓްރީއާއި، ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންވެސް ކުރައްވަންޖެހޭ އެއްވެސް މަސައްކަތެއް ނޯންނަނީތޯއެވެ. މި ދާއިރާގެ ބޭފުޅުންގެ ހަމައެކަނި ޒިންމާއަކީ ބޮޑު މުސާރައަށް ދަޢުވާ ކުރުންބާވައެވެ. ސިއްޙީ ދާއިރާއަކީ އެކައުންޓް ބެލެހެއްޓުމާއި ސްޓޮކް ބެލެހެއްޓުން ކަހަލަ ކަންކަމެއް ނޫނެވެ. ވީއިރު، މިދެންނެވި ފަދަ ކަންތައްތަކަށް ޢާއްމުން ލޯހުޅުވައި، ސިއްޙަތާއި ގުޅުންހުރި މުހިއްމުކަންތައްތައް ޢާއްމުންނަށް ބުނެދޭ ބަޔަކަށް މި ގައުމުގެ ސިއްޙީ ދާއިރާގެ ބޭފުޅުން ނުވަނީ ކީއްވެގެންބާއޭ އަބަދުވެސް ސުވާލު އުފެދެއެވެ.

އަހަރެމެންގެ މި ކުޑަކުޑަ ޤައުމުގެ ސިއްޙީ ޙާލަތު މިހާރު މިއޮތްގޮތުން އިންތިހާއަށް ހިތާމަ ކުރަމެވެ.
މިއީ މަޢާފް ކުރެވޭނެ ކަމެއް ނޫނެވެ. އަދި މި ހިތާމައެއް އަހަރެންގެ ހިތަކުން ދުވަހަކުވެސް ނުފޮހެލެވޭނެއެވެ.

ބޭނުންވަނީ އައިޖީއެމްއެޗް ނައްތާލުމެއް ނޫނެވެ. ތަޅާލުމެއް ނޫނެވެ. އަލުން މަރާމާތު ކުރުމެއްވެސް ނޫނެވެ. އިސްލާޙް ކުރަންވީ އެތަނެވެ. އެތަނުގެ ޤަވާޢިދާއި އުޞޫލުތަކެވެ. ދެވޭ ފަރުވާ އާއި ބަލިމީހުންނަށްޓަކައި ކޮށްދެވޭ ކަންކަމެވެ. ވިޔަފާރިއަކަށްވުރެ ބޮޑަށް އިންސާނިއްޔަތަށް ކޮށްދޭ ކަމެއްގެ ގޮތުގައި ދެކެގެން ނޫނީ މިކަމެއް ނުވާނެއެވެ. 

އަހަރެންގެ ދުޢާ އަކީ މިއަދު ފެތުރިގެން މިއުޅޭ ޚަބަރުގައި މި ހިމެނޭ، އެއިޑްސް ޖެހުނު އަންހެންމީހާއަށް ހެޔޮ ރަޙްމަތާއި ޝިފާދެއްވައި، ކެތްތެރިކަން އެ ޢާއިލާއަށް ދެއްވުމެވެ. އަދި އެ ނުރައްކާތެރި ބަލި އިތުރަށް ނުފެތުރުމެވެ.

އައިޖީއެމްއެޗްގެ "ފީކަޅާ" ކަމުގެ ސަބަބުން ގެއްލުން ލިބިފައިވާ ހުރިހާ ބަލިމީހުންނާއި ކުދިންނަށް އަވަސް ޝިފާދެއްވައި އެ އެންމެންނަށް އޯގާތެރި ބެއްލެވުމަކުން ބައްލަވާށި. އާމީން !

މި ޤައުމުގެ ޞިއްޙީ ޙާލަތު ރަނގަޅުކޮށްދެއްވައި، އަހަރެމެން އެންމެންވެސް ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށްދެއްވައި، އަހަރެމެންގެ ލޮލުގެ ކޮއިފަދަ ކުޑަކުޑަ ކުދިންކޮޅު އެފަދަ ބަލިތަކުން ސަލާމަތްކޮށްދެއްވައި ރައްކާތެރިކޮށްދެއްވާށި. އާމީން !

✩✩✩---✩✩✩


ލިޔުނީ: ފަތިސްތަރި ޞޮފާ / 27  ފެބްރުއަރީ 2014



Saturday, February 1, 2014

A whole new start

 ✩✩  އާ ފެށުމެއް ✩✩

އާ ދުވަހެއްގެ ފެށުން ފެންނަން ފަށައިފިއެވެ. ރަބީޢުލްއާޚިރު މަހުގެ 1 ވަނަ ދުވަހުގެ އިރު ފެނުން ތޮޅިލައިފިކަން ނުފެނުނަސް ޔަޤީނެވެ. ރޭހަތަރުދަމު ނިދާފައި، އިރު އޭގެ އުޖާލާ ކަމާއެކު މޫނު ދިއްކޮށްލައިފިކަން ދަލީލުކޮށްދޭ ދޯދިތައް އުޑުމަތިން ފެންނަން ފަށައިފިއެވެ. ރަން ރީނދޫ ކުލައިން ފަޒާ ޒީނަތްވާން ފަށައިފިއެވެ. އަނދިރިކަމުގެ ތެރެއިން އަލިކަން މަޑުމަޑުން ފާޅުވަމުން އާދެއެވެ. އާ ދުވަހެއްގެ އިރުއެރުމުގެ ނިޝާންތަކެވެ. އުޑުމަތީގައިވާ މަދުމަދު ކަފަ ވިލާކޮޅުތަކުގައިވެސް އިރުގެ ރަން ދަޅަތަކުން ކުލަ ޖެހިފައި ވެއެވެ.

މި މަންޒަރު ސީދާ ލޮލުން ދުށުމުގެ ފުރުސަތަކީ އިރުމަތީ ފަރާތަށް ނުދަނީސް މާލޭގައި އުޅޭ ގިނަ މީހުންނަށް ލިބޭނެ ނަސީބެއް ނޫނެވެ. އެއަށްވުރެ މާލޭގެ ޢިމާރާތްތައް އުސްވެފައި ތޮއްޖެހިއްޖެއެވެ. އޭގެ ތެރޭގައި އަހަރެންވެސް ހިމެނެއެވެ. އާ މަހެއްގެ އާ ދުވަހެއްގެ އިރުއަރައިގެން އައިއިރު އަހަރެން ހުރީ ކޮޓަރީގެ ކުޑަދޮރުކައިރީގައެވެ. ރޭ ހަތަރުދަމު ނުނިދާ ހުރުމުގެ ސަބަބުން ނިދީގެ އަސަރުން ލޯބަރުވަމުން ދިޔައެވެ. ނަމަވެސް އަބަދުވެސް އާދައިގެމަތިން، މިއަދުވެސް، ޤުދުރަތުގެ ރީތި މަންޒަރު ލޮލަށް ފެންނަން ފެށުމުން، ދުވަހަކުވެސް ނުދެކޭ އަޖައިބެއް ފަދައިން ބަލަހައްޓައިގެން ހުރެވުނީއެވެ. ލޮލަށް ފެންނަ ކޮންމެ އެއްޗެއް، ކޮންމެ ތަނެއް ކޮންމެ މަންޒަރެއްގައި ހުވަފެނީ ރީތިކަމެއް ވާތީ ފެނުނެވެ.

އާނއެކެވެ! އާ ދުވަހަކަށް އިރު އަރަނީއެވެ. އާ މަހަކަށެވެ. ގަޑި ބަލާލެވުނެވެ. ބަރާބަރު ހެނދުނު ހަގަޑި ބާވީސް ވީއެވެ.

"ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަދަކީ އަޅަމެންނަށް ހެޔޮ ރަޙްމަތުން ފުރިގެންވާ ދުވަހެއް ކަމުގައި ލައްވާނދޭވެ.! ކުޅަދުންވަންތަ އިލާހު! އަޅަމެންނަށްޓަކައި މިއަދަކީ ރޯއްޖާއި ބަރަކާތުން ފުރިގެންވާ ދުވަހެއް ކަމުގައި ލައްވާނދޭވެ! އޯގާވަންތަ އިލާހު! މިއަދަކީ އަޅަމެންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި ކުރެވޭ މަސައްކަތަށް ތައުފީޤާއި ހެޔޮ ދަރުމަ ލިބިގެންވާ ދުވަހެއްކަމުގައި ލައްވާނދޭވެ! އަޅަމެން ކޮންމެ ކަމެއްވެސް ފަށަނީ އިބަ އިލާހުގެ އިސްމުފުޅުންނެވެ. ވަކީލުކޮށް ވާގި އެދެނީ ހަމަ އެކަނި އިބައިލާހުގެ ހަޟްރަތުންނެވެ. އަޅަމެންގެ މަސައްކަތުގައި ބަރަކާތް ލައްވާނދޭވެ! އާމީން !

އެކުވެރިޔާއެވެ! ތިބާވެސް މި އާދުވަހު އާ އުއްމީދަކާއެކު ތެދުވާށެވެ. ފާއިތުވެދިޔަ ތަން ހަނދާންނައްތާލާށޭ ނުބުނާނަމެވެ. އެތަން ހަނދާން ނައްތާލުމުގެ ބަދަލުގައި އެތަނުން ޢިބްރަތް ލިބިގަނެ ކުރިއަށް އާ މަގެއް ކޮށަން ފަށާށެވެ. އެއްވެސް މީހަކު ނުކުރާ މަސައްކަތަކަށް އެމީހަކަށް އިނާމް ނުލިބޭނެއެވެ. ވީމާ ޚުދު ތިބާއަށްޓަކައި ތިބާ މަސައްކަތް ފަށާށެވެ. ރަޙްމަތްތެރިންނާއި ޢާއިލާމީހުންގެ ކިބައިން ހިތްވަރުލިބިގެން ކުރިޔަށް ހިނގަން ފަށާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.

ނަމަވެސް ތިބާގެ މައްސަލަތައް ނަގާ އެއްފަރާތް ކޮށްފައެއް ނޫނެވެ. އެ މައްސަލަތަކާއި ކުރިމަތިލާށެވެ. އެކަންތައް ޙައްލުކުރާށެވެ. ވަރަށް ރީތިކޮށް ކުނިކަހާ ނިމިގެން އައިސް ބަލާލާއިރު ކޮޓަރީގެ އެއްކަނެއްގައި ވެލިހުރިތަން ފެނުމުން ދެނެއް ނުވާނެއޭ ފަހުންނޭ ސާފުކުރާނީއޭ ހިތާ ފައިފުހި ދަށަށް އެބައި ލާހެން މައްސަލަތަކާ ކުރިމަތިނުލާ ފޮރުވާފައި ކުރިޔަށް ދާން ނުނިކުންނާށެވެ. މަގުގެ ވަކި ހިސާބަކުން އެ މައްސަލަތައް ތިބާގެ ބޮލަށް އުނދަގޫކުރާނެއެވެ. އައިފަހަށް ދިއުމަށް ނަގާ ވަގުތުގެ ސަބަބުން ކުރިޔަށް ދާންވީ ބާރުމިނުގައި ނުދެވޭނެއެވެ. މައްސަލަތައް ޙައްލުކޮށްފައި ކުރިއަށް ހިނގައިގަންނާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.

ހިނގައިގަންނަން ދަތިވާ ހުރިހާ ކަސްތަޅަކުން ސަލާމަތް ވާން މަސައްކަތް ކުރާށެވެ. އަމިއްލަ ޙަޔާތުގައި މިވަގުތު ހިނގަހިނގާ ހުރި ކަންތައްތަކާއި ޙަޔާތުގައި ޝާމިލުވާ މީހުންގެ މުހިއްމުކަމާއި ބޭކާރުކަމުގެ ހިސާބެއް ހަދާލާށެވެ. ހުއްޓާލަންޖެހޭ ކަންތައްތަކާއި ދޫކޮށްލަންޖެހޭ މީސްމީހުން ވާނެކަން ގައިމެވެ. އެއިން އެއްވެސް ކަމަކުން ހުރަސް އެޅޭނަމަ އެމީސްމީހުންނާ އެކަންކަން ތިބާއާއި ވަކިވިޔަދޭށެވެ. ވިސްނާށެވެ. ތިބާގެ ޙަޔާތަށް ކުރިއެރުމެއް ނުގެނެސްދޭ ކަންތައްތަކާއި މީހުންނާއިއެކު އުޅުމެކޭ، އަމިއްލަ ދެފައިގައި ބަރުހިލައެއް އައްސައިގެން ކަނޑަށް ފުންމާލުމެކޭ ތަފާތެއް އެބައޮތްހެއްޔެވެ؟ ރަނގަޅަށް ވިސްނުމަށްފަހު ހެދި ހިސާބުން ފެންނަ ނަތީޖާއަށް، ކެރިގެން ޢަމަލުކުރާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.

ތިބާއަށް ޤާއިމުވެ ހުރެވޭނެ އިސްލާޙްތަކެއް ކަނޑައަޅާށެވެ. މީހަކަށްޓަކައެއް ނޫނެވެ. ޚުދު ތިބާއަށްޓަކައެވެ. އެއަށްފަހު އެ އިސްލާޙުތަކުގައި ޤާއިމުވެ ހުންނަން މަސައްކަތް ކުރާށެވެ. އަމިއްލަ ނަފްސު އިސްލާޙް ކުރުމަށްޓަކައި އަޅަން މިއީ ވަރަށް ރަނގަޅު ފިޔަވަޅެކެވެ. ސާބިތުކަމާއެކު ފަށާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.

އަމިއްލަ ނަފްސަށް ކޮންމެވެސް ކަހަލަ ހެޔޮ ބަދަލެއް ނުވަތަ ތަރައްޤީއެއް ގެންނާށެވެ. އެހެންނާ ނައަޅާކަހަލަ ރީތި ގޮތަކަށް ބުރުގާ އަޅާލާށެވެ. މީރުވަސް ދުވާ ސެންޓެއް ބޭނުންކޮށްލާށެވެ. ހިތްހަމަޖެހޭކަހަލަ ހިތްގައިމު އާ ދެތިން ހެދުން ހޯދާލާށެވެ. މި ނޫނަސް ކޮންމެވެސް ކަހަލަ ތަރައްޤީއެއް ގެންނާށެވެ. ރަނގަޅުގޮތުގައި ކުރާނަމަ މިއިން ކަމަކުން ގޯހެއް ނުނިކުންނާނެއެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.

ކޮންމެވެސް ވަރަކަށް ބޭރަށް ނުކުމެލާ، ތަންތަން ބަލާލަން ގޮސްލާ ހަދާލާށެވެ. ކުރިން ކޮށްނުއުޅޭ ކޮންމެވެސް ކަހަލަ މަސައްކަތެއް ނުވަތަ ޝައުޤުހުންނަ ކަމެއް ފަށާށެވެ. ޚުދު ތިބާއަށްވެސް ނޭނގިހުރި ޝައުޤުތައް ތިބާގެ ކިބައިން ތިބާއާއި އެހެން މީހުން ދެކެން ފަށާނެއެވެ. ބޭރަށް ނުކުމެ އުޅެލަން ފެށުމުން އާ ރައްޓެހިންވެސް ލިބޭނެއެވެ. އާ ކަންތައްތަކާއި އާ ތަންތަނަށް ދެވޭނެއެވެ. ނަފްސުގެ އިސްލާޙަށް މަސައްކަތް ކުރާއިރު މިއީވެސް ކޮށްލަން ކެރެންވާނެ ކަންތައްތަކެވެ. ފަށާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.

ފޮތްކިޔަން ފަށާށެވެ. ފުރަތަމަ ތިބާއަށް އެނގޭ ފޮތަކުންނެވެ. ދެން ނޭނގޭ ފޮތަކުންނެވެ. ވަކި ވައްތަރެއް ނޫނެވެ. ހުރިހާވައްތަރަކުން ފޮތްކޮޅެއް ހޯދާށެވެ. ނުވަތަ ލައިބްރަރީއަށް ގޮސް އިނދެފޮތްކޮޅެއް ކައިރިކޮށްލައިގެން ބަލަން ފަށާށެވެ. ކޮންމެވެސް އެއް ކަހަލަ ފޮތް ކިޔަން ޝައުޤު ނުހުންނާނެ މީހަކު ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ފޮތްކިޔުމުގެ ޝައުޤު އަމިއްލަ ނަފްސުގައި އުފެއްދިއްޖެނަމަ އެ ލިބުނީ ތިބާއަށް ވަރަށް ބޮޑު ކާމިޔާބެކެވެ. މީގެކުރިން ތިބާއަކީ ހަމައެކަނި ސިކުނޑިއެއްނަމަ ފޮތްކިޔަންފެށުމުން ތިބާ އެވަނީ ބުއްދިވެރިސިކުނޑިއެއް ހުރި އިންސާނަކަށެވެ. މީގެ ކުރިން ތިބާއަކީ ބުއްދިވެރިއެއްނަމަ ފޮތްކިޔުމުގެ ސަބަބުން ތިބާ އަކީ ހުސްވުމެއް ނެތްޚަޒާނާއަކަށް ވެގެންދާނެއެވެ. ރަނގަޅު ޢަޒުމަކާއެކު ފަށާށެވެ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެއެވެ.

މެދަށް ވަގުތު ދޭށެވެ. ގެނައި ބަދަލުތައް ތިބާގެ ޙަޔާތުގެ މައްޗަށް ތަންފީޒުކުރާށެވެ. އެއަށްފަހު މަޑުޖެހިލާށެވެ. އަމިއްލަ ޙަޔާތަށް ތިބާ ތިގެނައި ބަދަލުތަކާއި ދޭތެރޭ ވިސްނާ ދިރާސާކޮށްލާށެވެ. އެކަންތައްތައް ކުރުމުން ނުވަތަ ނުކުރުމުން އައީ ރަނގަޅުބަދަލެއް ހެއްޔެވެ؟ އެހެންނަމަ ތި ގޮތަށް ކުރިއަށް ދާށެވެ. އައީ ނުރަނގަޅު ބަދަލެއް ހެއްޔެވެ؟ އެހެންވެއްޖިއްޔާ އަދިވެސް އެހެން އިސްލާޙްތައް ގެންނާށެވެ. ހަނދާން ބަހައްޓާށެވެ. ތިމާ ގެންނަ ހުރިހާ ބަދަލަކީ އެންމެ ރަނގަޅު ބަދަލަށް ނުވެދާނެއެވެ. ތިމާއަކީ އެންމެ މޮޅު މީހާއެއް ނޫނެވެ. މި ޙަޤީޤަތް ޤަބޫލުކުރުމުގެ ޤާބިލްކަން ލިބިފައިވާ މީހަކަށް ވާށެވެ.

މުހިއްމު ކަމަކީ ބަދަލުތަކަށް އުއްމީދު ކުރަމުން، ބަދަލުތައް ޤަބޫލުކުރަމުން ބަދަލުވަމުން ތިބާ ދިއުމެވެ. ދިރިއުޅުމުގެ ޙަޤީޤަތަކީ މިއީއެވެ. ކީއްވެކަން އެނގޭހެއްޔެވެ؟ އަހަރެމެން އިންސާނުންނަކީ މާދަމާ ތޯއެވެ؟ ކުރިއަށް އޮތް ގަޑިއިރުތެރޭގައިވެސް އަހަރެމެންގެ ދިރިއުޅުމަށް އަތުވެދާނެ ބަދަލެއް އެނގޭ ބައެއް ނޫން ވީމައެވެ. އަހަރެމެންނަށް ކުރެވޭނީ ތަދުބީރެވެ. ތަޤުދީރު އޮތީ ލިޔުއްވާ ނިންމަވާފައެވެ. މި ދުނިޔެއަކީ އިމްތިޙާނެކެވެ. އުޅޭހާ ދުވަހަކު އޮންނާނީ އިމްތިޙާނުތަކުން ފާސްވާން މަސައްކަތް ކުރުމެވެ. ކޮންމެ ދުވަހެއް އާފެށުމަކުން ފަށަން ޖެހެނީ މިހެން ވީމައެވެ.

އަހަރެމެން ކިހާ ނަސީބުގަދަހެއްޔެވެ؟ ފާއިތުވެދިޔަ ތަނުގައި ކޮންމެ ގޮތަކަށް ކަންތައް ގޮސްފައި އޮތްކަމުގައި ވިޔަސް، އަހަރެމެން ބޭނުންވުމާއެކު، ހިތަށް ހަމަ އެރުމާއެކު، ކޮންމެ ތާކު ތިބެވުނަސް، އެ ހުރި ހިސާބަކުން އަލުން އާ ފެށުމަކުން ފެށުމުގެ ހެޔޮ ނަޞީބު އަހަރެމެންނަށް ލިބިފައިވުން އެއީ ކޮންފަދަ ބޮޑު ރަޙްމަތެއްހެއްޔެވެ؟ ލިބިފައި މިވާ ނިޢުމަތަށް ޝުކުރުކޮށް އުފާކުރަމާ ހިނގާށެވެ.

މިއަދަކީވެސް އާ ދުވަހެކެވެ. ތިބާ ބޭނުން ބަދަލެއް ތިބާގެ ޙަޔާތަށް ގެނެވޭނެއެވެ. ދުވަހާއި ކުރިމަތިލާށެވެ. އާ ޢަޒުމަކާއި، އާ އުއްމީދަކާއިއެކު އާ ގޮތަކަށް ރާވައިގެން ދިރިއުޅުމާއި ކުރުމަތިލުމަށް ގަސްދުކުރަމުން ދުވަސް ފަށަމާ ހިނގާށެވެ.

އެ އިވުނީ ރޭޑިއޯއިން ޤުރުއާން ކިޔަވާ ނިމުނުއަޑެވެ. ހެނދުނު ހަގަޑިބައިވީއެވެ. ދުވަހުގެ ފުރަތަމަ ކުރާ ކައްކަން ދާންވީއެވެ. އެހެން ފަހަރަކުން ދިމާވެލަން ވަކިވެލަމެވެ. އުފާވެރި ބާއްޖަވެރި ދުވަހަކަށް އެދެމެވެ ! 

✩✩✩---✩✩✩



ލިޔުނީ: ފަތިސްތަރި ޞަފާ /  1 ފެބްރުއަރީ 2014



Saturday, November 2, 2013

Ahannakee Kaakubaa...?! (Who am I )


ޒަމާނުއްސުރެން ކަންހިގަމުން އަންނަ ގޮތުގެ މަތިން، ދުނިޔޭގެ ދައުރުވުމާއެކު ވަގުތުތައް ދާލެއް ވަރަށް ހަލުއްވެވެ. ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅަކާއެކު އަހަރެމެންގެ ޢުމުރުންވެސް ހިނދުކޮޅެއް ކުރުވެއެވެ. މިފަދަ ދުނިޔެއެއްގައި އަހަރެމެން އުޅޭއިރު، ވަގުތަށްވުރެ ފަހަތުގައި އަހަރެމެން ތިބެއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟ ވިސްނާލިންހެއްޔެވެ؟

މަޝްހޫރު މީހަކު ބުނެފައި ވެއެވެ. "ވަގުތުތައް ދާލެއް ވަރަށް އަވަހެވެ. ވަގުތާއި އެއްހަމައެއްގައި އަހަރެމެން ނުހިނގާނަމަ، އަވީގައި ކުޑަނަގައިގެން ބޯގުދުކޮށްގެން ހިނގާ ބަޔަކަށް އަހަރެމެން ވެދާނެއެވެ. އަދި ވިއްސާރަ ވާ ދުވަހު ގޭ ދޮރު ފުރަގަހުގައި ކުޑަ ބަހައްޓާފައި އެންމެ އަވިގަދަ ދުވަސްދުވަހު ލާކަހަލަ ހެދުމެއް ލައިގެން އަހަރެމެން ގެއިން ނުކުންނާނެއެވެ." މި ދުވަސް އަތުވެދާނެއެވެ.

މި ބަސްކޮޅަކީ އަހަރެމެން ފަދައިން، ދިރިއުޅުން އިތުރަށް ތަރައްޤީކޮށް ، އަމިއްލަ ނަފްސު އިތުރަށް ބާރުވެރި ކުރުވަން ބޭނުންވާ މީހުންނަށްޓަކައި ވަރަށްވެސް މުހިއްމު ވަރަށްވެސް ގަޔާވާ ބަސްކޮޅެކެވެ. އަހަރެމެންގެ ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް އަހަރެމެން ގޮތް ނިންމަންވާނީ، މިހާރު އަހަރެމެން މި ތިބި ހިސާބާއި ކުރިއަށް އޮތް ތަނުގައި އަހަރެމެން ވާޞިލުވާން ބޭނުންވާ ހިސާބުގެ މައްޗަށް ބިނާކޮށް އެ ދެމެދުގައި ވާ ދުރުމިން ގާތްކޮށްދޭ ފާލަމެއް އަޅައިގެންނެވެ.

ތިމާއަށް ތިމާ އެނގުން މުހިއްމު ވަނީ މިހިސާބުންނެވެ.

ތިމާއަށް ޚުދު ތިމާ އެނގޭތޯ ، މިއަދު އަމިއްލަ ނަފްސާ ސުވާލުކުރީ ކިތައް މީހުންތޯއެވެ؟ ޔަޤީނެވެ. ގިނަ ބަޔަކު މި ސުވާލު ނުކުރާނެއެވެ. ޢާއްމު ގޮތެއްގައި އަހަރެމެން އެންމެންވެސް މި އުޅެނީ އަނެކާ އަކީ ކާކުކަން ނޭނގިގެންނެވެ. މަންމަމެން މަސައްކަތް ކުރަނީ ދަރިފުޅުގެ މިޒާޖާއި ޠަބީޢަތް ވިސްނައި އެނގިގަނެވޭތޯއެވެ. ދެމަފިރިން ނަމަ މަސައްކަތްކުރަނީ ޙަޔާތަށް މިލިބުނު ބައިވެރިޔާ އެނގޭތޯއެވެ. ލޯބިވެރިޔާ މަސައްކަތް ކުރަނީ ބައިވެރިޔާ އަދިވެސް ބޮޑަށް ދަސްކުރެވޭތޯއެވެ. އެކުވެރިޔާ އުޅެނީ އަނެއް އެކުވެރިޔާ އެނގޭތޯއެވެ. ގުޅުމެއްގައިވާ ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ އެ ގުޅުމުގައިވާ އަނެކާ ރަނގަޅަށް ދަސްކޮށް އެނގޭތޯއެވެ. މި މަސައްކަތަކީ އޭގެ ތެރެއިން ކޮންމެވެސް އެކަކު ދުނިޔެއާއި ވަކިވަންދެންވެސް ކުރަން ޖެހޭނެ ކަމެއްކަން އެނގޭއިރުވެސް މެއެވެ. އަދި ކިތަންމެ ޒަމާނެއް ވަންދެން ދަސްކުރަން އުޅުނަސް އެއްކޮށް ދަސްނުވާނެކަންވެސް އެނގޭއިރުވެސް މެއެވެ.

މި ހުރިހާ ކަމަކަށްވުރެ ފަސޭހައިން ވާން އޮތް ކަމަކީ އަމިއްލަ ނަފްސު ދަސްކުރުމެވެ. އަމިއްލަ ނަފްސުގައިވާ ކަންތައްތައް ފާހަގަކޮށް، ތަރުތީބުކޮށް ދަސްކުރުން ފަސޭހަ ވެފައި ފައިދާ ބޮޑެވެ. ތިމާގެ ނަފުސުގެ އެދުރަކީ ތިމާ ކަމަށްވާއިރު، ނަފްސަށް އުނގަންނައިދޭންވީ އެއްޗެއް ނޭނގި އެދުރުވެރިކަން ނުކުރެވޭނެކަން ހަމަ ޔަޤީނެވެ.
އެގޮތުން، ތިމާގެ ކިބައިގައިވާ ރަނގަޅު ސިފަތައް ތިމާއަށް ޤަބޫލުކުރެވިއްޖެނަމަ އެ ވެވުނީ އެތައް ބަޔަކަށްޓަކައި ވެވޭ އިހްސާންތެރިކަމެކެވެ. މިހެން ނުވާންވީ ކީއްވެހެއްޔެވެ؟ ތިމާގެ ރަނގަޅު ސިފަތަކާއި، ތިމާ ދެކެ މީހުން ލޯބިވާ އަސްލު ސަބަބު އެނގުމުން، އެކަންކަން މީހުންނަށް އިތުރަށް ލިއްބައިދިނުމަކީ އިންސާނާގެ ޠަބީޢަތުގައި ވާ ސިފައަކަށްވާއިރު، އެ ރަނގަޅު ސިފަތައް ދައްކައިގެން އަނެކާގެ ރުހުން ހޯދަން ބޭނުން ނުވާނީ ވަކި ކޮން އިންސާނެއް ހެއްޔެވެ؟ ނަތީޖާއެއްގެ ގޮތުން ރަނގަޅު ކަންތައްތައް ތަކުރާރުކޮށް ރަނގަޅު ކަންތައްތައް ކޮށްދީގެން އަމިއްލަ ނަފްސަށް އުފާ ލިބިގަންނަން އަހަރެމެންނަށް ދަސްވެއެވެ.

ހަމަ މިގޮތަށް، ތިމާގެ ނަފްސުގައި، ޠަބީޢަތުގައި އަދި މިޒާޖުގައި ހުރި ގޯސް، އުނި، އަދި ކުނި ސިފަތައްވެސް ބަޔަކަށް އެނގުމުގެ ކުރިން ތިމާއަށް އެނގުމުގެ މުހިއްމުކަން ވަކި ކުޑަކަމަކަށް އަހަރެން ނުދެކެމެވެ. އެހެނީ، އެވެސް އެތައް ބަޔަކަށްޓަކައި ވެވޭ އޯގާތެރި ކަމެކެވެ. ވެވޭ ރަޙުމެކެވެ. ތިމާގެ ސަބަބުން އަނެކާއަށް ދެރައެއް ލިބުން، އަނެކާ ހިތުގަ ޖެހުން، އަނެކާ ފަޟީޙަތްވެ ބަދުނާމުވުން، އަނެކާއަށް އަރައިނުގަނެވޭ ފަދަ އަޑިގަނޑަކަށް ވެއްޓުން ކަހަލަ ކަމެއް ވާން އަހަރެމެން އެކަކުވެސް ބޭނުން ނުވާނެއެވެ. މިފަދަ ކަންތައްތައް މެދުވެރި ވަނީ ޢާއްމުގޮތެއްގައި އެކުގައި އުޅޭ ކޮންމެވެސް މީހެއްގެ ސަބަބުންކަމަށްވާއިރު، އެ މީހަކީ ތިމާކަމަށްވާން އަހަރެމެން އެކަކުވެސް ބޭނުން ނުވާނެކަން  ޔަޤީނެވެ. މިފަދަ ކަންތައްތައް އަމިއްލަ ނަފްސާއި ބެހޭ ގޮތުން އެނގި ދަސްވުމުން، ސިކުނޑިއާއި ހިތާއި ދެމެދުގައި ބަދަލު ކުރެވޭ މެސެޖްތައް ނުބައި މެސެޖްތަކަކަށްވުން ދުރުވެދެއެވެ. ތިމާއަކީ އެންމެ ބަރާބަރު މީހާ ކަމަށާއި، ތިމާއަށް ވިސްނޭނީ އެންމެ ރަނގަޅަށް ކަމަށް ހީކުރެވޭމިންވަރު މަދުވަމުން މަދުވަމުން ގޮސް އެއް ދުވަހަކުން އެފަދައިން ހީކުރުން ހުއްޓޭނެއެވެ. ޚުދު ތިމާއަކީވެސް އުނިކަންތައްތަކަކާއި ރަނގަޅު ކަންތައްތަކެއްވެސް ހުރި މީހެއްކަމަށް ޤަބޫލުކުރެވި، އަނެއް އިންސާނާއަށް އިޙްތިރާމް ކުރުން އެއީ އެންމެ މުހިއްމު ކަންކަމުގައި އަމިއްލަ ހިތުގެ އަޑިން ޤަބޫލުކުރެވޭނެއެވެ. މިއަށްވުރެ ވަކިން ބޮޑު އެހެން ކަމެއް ކޮބައިހެއްޔެވެ.

ކޮންމެ މީހަކަށްވެސް ތިމާ އެނގުން މުހިއްމެވެ. އަނެކާ އެނގެން މަސައްކަތް ކުރަންވީ އޭގެ ފަހުންނެވެ. އަނެކާއަށް ފާޑުކިޔަންވީ، އަނެކާއަށް ބަސް ބުނަންވީ އަދި އަނެކާގެ ގާތްކަމަށް އެދެންވީވެސް އެންމެ ފުރަތަމަ ތިމާ ތިމާއަށް އެނގި ހުރެގެންނެވެ. މިއީ ހަމަ އެކަނި ލިޔުންކޮޅެއްކަމަށް ބަލާފައި ދޫކޮށްލާވަރަށްވުރެ ބޮޑު ކަމެކެވެ. ގުޅުންތައް ޤާއިމު ކުރުމާއި ދެމެހެއްޓުމުގައި މިއަށްވުރެ މުހިއްމު އެހެންކަމެއް ނުވެއެވެ.

                                                 ލިޔުނީ: ފަތިސްތަރި ޞަފާ (1 ނޮވެމްބަރު 2013)

   **ވިސްނުމާއި ފިކުރުގައި ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ކިޔުންތެރިންގެ ޚިޔާލަށް މަރުޙަބާ ކިޔަމެވެ.**

Wednesday, July 10, 2013

Furaana ah vureves bodah

                   


ފިނިފެންމަލުގެ ފިޔަތައް ފަދަ އޮމާން ކަމަކާއި މަޑުކަމެކެވެ. އަތްލައިފިނަމަ ހަލާކުވެދާނެ ބިރު ހީވެއެވެ. ނަމަވެސް ފެނުމާއެކު އެންމެ  އިނގިއްޔަކުންވިޔަސް ބީހިލާހިތްވެއެވެ. އެކުގައި ގިނަ ވަގުތުހޭދަކުރެވެން ފެށުމުން ދެން ވަނީ އަދި އެހެން ގޮތެކެވެ. އެމަޑުކަމާއި އޮމާންކަން އެ ކުޑަކުޑަ ހަށިގަނޑުގެ އެތެރެއަށް ވަދެގެން ދާހެން ހީވެއެވެ. ހެޔޮވަރު ވަރަކަށް ފުފިލާފައިވާ ކޯ، ކިރުގިނައިން އަޅައިގެން ކައްކާފައިވާ ކަސްޓަޑްކޮޅެކޭ އެއްގޮތޭ ހިތަށް އަރައެވެ. ކަށްޓެއް އަމުދުން ނެތޭ ހީވާ ކުދިކުދި އިނގިލިތަކުގެ ޙަރަކާތްތަކުން އަހަރެންގެ ހިތާއި ކުޅެލައެވެ. ހުޅުހުޅުތައް، ވިރޭ ރަބަރުފަދައޭ ހީވެއެވެ. ހިނިތުންވެލާއިރު މުޅިތަނުން ވެނީލާ ވަސް ދުވަނީއޭ ހީވެއެވެ. ކިތަންމެ ގިނަގިނައިން އަދި ކިތަންމ އަވަސް އަވަހަށް ފެނުނަސް، ފެނުމާއެކު ހިތުގައި އުފެދޭ ގަދަފަދަ ލޯތްބަކުން ، ލޯބިން ކައިރިވެލައިފިނަމަ، އެ މަޑުކަމާއި އޮމާންކަމުގެ ތެރެއަށް އަހަންނަށް ގެނބެވޭހެން ހީވެއެވެ. އެއްވެސް ކަށްޓެއް ނެތް ފުށްގުޅައެކޭ ހީވެއެވެ. އުރާލައިފިނަމަ އަހަރެންގެ ހަށިގަނޑާއެކު މޮޑެވި ވިރޭފަދައެވެ. އަމިއްލަ ހަށިގަނޑުގެ ބައަކަށް ހަމަ އިސާހިތަކު ވެދާނެއޭ ހީވާފަދައެވެ.

މިއީ ރަޔަން ފެންނަ ކޮންމެ ފަހަރަކު، ޔޫސުފް އާއި ދިމާވި ކޮންމެ ފަހަރަކު އަދި އާރިކް އާއެކު ހޭދަކުރެވުނު މަދު ދުވަސްކޮޅުގައްޔާއި، އަދި އެންމެ ފަހުން ލިބުނު ފޮޓޯ ފެނުމުންވެސް އަހަންނަށް ކުރެވޭ އިހްސާސެވެ.

ހަމަ އެކަނި އަހަންނެއް ނޫނެވެ. މިއީ ތުއްތު ކުއްޖަކާއެކު ވަގުތުކޮޅެއް ހޭދަކޮށްފި ކޮންމެ މީހަކުވެސް ކުރާނެ އިހްސާސެއްކަން ޔަޤީނެވެ. ކުލައަކުން ބައްޓަމަކުން ދީނަކުން ޘަގާފަތަކުން ނުވަތަ ސައިޒަކުނންވެސް މިއިން ކަމަކަކަށް ތަފާތެއް ނާދެއެވެ. ދުނިޔޭގެ ކޮންމެތަނަކަށް އުފަންވެފައިވިޔަސް، ތުއްތު ކޮންމެ ކުއްޖެއްގެ ފަރާތުން ފެންނާނީ މި ސިފަތަކެވެ.

މި އިހްސާސް އެންމެ ބޮޑަށް ކުރާތީ ފެންނަނީ އެ ކުއްޖެއްގެ މަންމައެވެ. އަލަތު މަންމައެކޭ ފަސްވަނަ ކުއްޖާ ވިހައިގެން އުޅޭ މަންމައެކޭ މިކަމުގައި ތަފާތެއް ނެތެވެ. ފޫހިކަމެއް ނުހުރެއެވެ. ޝައުޤުކުޑައެއް ނުވެއެވެ. އެއީ އެ ތުއްތު ކުއްޖާއަށްޓަކައި އެ މަންމަގެ ހިތުގައި ﷲ ލައްވަވާފައިވާ އާދަޔާއި ޚިލާފު ލޯތްބެއްގެ ސަބަބުންނެވެ. އެ ލޯތްބަކީ ޚުދު ތިމާގެ ފުރާނަވެސް އެ ދަރިފުޅަށްޓަކައި ޤުރުބާންކުރުމަށް ފަސްނުޖެހޭފަދަ ލޯތްބެކެވެ. ދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ ލޯތްބެކެވެ.

އަލަތު މަންމައިންނޭވެ. އުފާކުރާށެވެ. ﷲ ތިބާއަށް ތިޔަ ނިޢުމަތް ދެއްވީތީއެވެ.
ކުރިން ތިއީ ހަމައެކަނި އަންހެނެކެވެ. ލިބުނު ތިޔަ ދަރިފުޅާއެކު މިއަދު ތިބާ އަކީ މަންމައެކެވެ. އަލަތު ދަރިފުޅަކާއެކު އަލަތު މަންމައެއްވެސް އުފަންވީއެވެ. އުފާކޮށް ޝުކުރުކުރާށެވެ.

ޝައްކެއް ނެތެވެ. ޢާއިލާއަށް އަލަށް އިތުރުވި މެހްމާނާގެ ސަބަބުން، ތިބާ ކުރިން ތަޖްރިބާ ކޮށްފައިނުވާ އެތައް ކަމެއް ތަޖްރިބާކޮށް ތަޙައްމަލުކުރަންވެސް މިހާރު ތިބާއަށް ޖެހޭނެއެވެ. ނިދިހަމަވެގެން ހޭލާނެ ހަމަ އެންމެ ދުވަހެއްވެސް އައުމަކީ ނާދިރު ކަމެކެވެ. ހަމަޖެހިލައިގެން ކާލަން އިނުމަކީ މާކަބޮޑުސަމާލުކަމެއް ތިބާ ދޭކަމަކަށް ދެން ނުވާނެއެވެ. ފެންވެރުން ވެފައި އޮންނާނީ ގިނަ ފަހަރަށް ހަމަ އެ ތުއްތު ތުއްތު ދަރިފުޅު އުރާލަންވާއިރަށް ކުރެވޭ ކަމަކަށް ވެފައެވެ. ރަޙްމަތްތެރިންނާއި އެކުގައި ކުރިން ހޭދަކުރި ވަރަށް މިހާރު ވަގުތު ނުލިބޭނެއެވެ. މީހަކާ ކިތަންމެ މުހިއްމު ވާހަކައެއް ދައްކަންހުރި ނަމަވެސް، ފުރާނައާއި ރޫޙް ވާނީ އެ ދަރިފުޅާ އެކުގައެވެ. އެދަރިފުޅު ކައިރިއަށް ދާންޖެހޭ ގަޑި ކައިރިވާތީ ހުރެވޭނީ ހިތް އަވަސްވެފައެވެ. މުސާރަ ދޭތީ އަދާކުރާ ވަޒީފާގައި ހުރެފައިވެސް، ދަރިފުޅު ކައިރިއަށް ދާންޖެހޭ ގަޑީގައި ދެވޭގޮތް ނުވިނަމަ، ވަޒީފާއަށް ދެވަނަ ދުވަހަކު ނުދާނަމޭ ހިތަށް އަރާނެއެވެ. ދަރިފުޅު ކައިރިއަށް ކިތަންމެ ގިނައިން ދިޔަޔަސް ފައިސާ ނުލިބޭނެކަން އެނގޭއިރުވެސް މެއެވެ. އަދި ވަޒީފާ ދޫކޮށްލައިފިނަމަ، އަތްމަތި ދަތިވެ އެ ދަރިފުޅަށް ކާންބޯން ދިނުމުގައިވެސް ދަތިދުވަސްތަކެއް ދެކެން ޖެހިދާނެކަން އެނގޭއިރުވެސް މެއެވެ. އަދިވެސް މި ނޫން ކިތަންމެ ކަމެކެވެ.

މި ދަތިކަންތައްތައް އެކަނި ކިޔާލައިގެން ފުއްދާލެވޭނީ ކިހިނަކުންހެއްޔެވެ؟ ދިމާވާ އެކަހަލަ ކަންތަކަށްވުރެ ގިނައީ ތިބާއަށް ދެއްވާފައިވާ ނިޢުމަތްތަކެވެ. އަޅެ ނޫންހެއްޔެވެ؟

ދަރިފުޅުގެ ކޮންމެ ހީލުމަކާއެކު ތިބާގެ ދާވަނީގައި މާތައް ފަރިވެ ފޮޅޭހެން ހީނުވޭހެއްޔެވެ؟ ރޯލާކޮންމެ ފަހަރަކު، ހިތް އަތަށް އަންނަހެން ހީނުވޭހެއްޔެވެ؟ ދަރިފުޅު ރުއިން ހުއްޓާލާފައި ރީތިކޮށް އޮއްވާ ފެނުމުން އެ ލިބޭފަދަ ހިތްހަމަޖެހުމެއް ތިޔަނޫނިއްޔާ ދުވަހަކުވެސް ކުރިން ތަޖްރިބާ ކުރެވުނު ހެއްޔެވެ؟ ދަރިފުޅު ނިދާގޑީގައި މަންމަވެސް ނިދަން އެންމެން ނަސޭޙަތް ދޭއިރުވެސް، ދަރިފުޅުގެ މޫނަށް ބަލަހައްޓައިގެން، ނިންޖެއް ނެތި ތިބާއޮތީ ކިތައް ފަހަރުކަން ގުނާލެވޭނެހެއްޔެވެ؟

ދަރިފުޅަށް ކުޑަކޮށްވެސް އުނދަގޫވެގެން އުޅެފިނަމަ، ފަންކާ ނުވަތަ އޭސީ ބާރުތޯ ޗެކް ނުކުރަންހެއްޔެވެ؟ ނެޕީ ރީތިތޯ ނުވަތަ އެހެން ގޮތަކުންވިޔަސް އުނދަގުލެއް އިހްސާސް ކުރަނީތޯ ނުބަލަންހެއްޔެވެ؟ ކުރިން ރެއަށް އިރުއޮއްސޭތަނުން ނިދާފައި ފަތިހު ހޭލުމަށް އާދަވެފައި ހުރި ނަމަވެސް، މިހާރު ސައުވީސްގަޑިއިރުވެގެން ދާއިރުވެސް ނިދަން ހިތް ނެއެދި ނުހުންނަމުހެއްޔެވެ؟ ނިދީގެބަދަލުގައި މިހާރުގެ އާދައަކީ ލޯޖެހިލުންކަމަށްވެ ނިމިއްޖެނޫންހެއްޔެވެ؟ ދަރިފުޅުގެ ބުއްދަޅު، ނެޕީ، ރީތިވާ ސާމާނު، ވެޓް ޓިޝޫ އަދި ހެދުން ހޯދުމަށް ތިދޭ ސަމާލުކަން އަމިއްލަ ހެދުމާއި އަމިއްލަ ޒީނަތަށް އެއްވެސް އިރެއްގައި ދެވުނު ހެއްޔެވެ؟ ދުވަހަކުވެސް ފިހާރައަކަށް ގޮސް އެއްޗެއް ގަނެފައިނުވާއިރުވެސް، މިހާރު ދަރިފުޅަށްޓަކައި ނަމަ މެންދުރަކަސް ރެއަކަސް ފިހާރައަކަށް ދާން ޖެހިލުންވޭހެއްޔެވެ؟ ފަސްޖެހުމެއްނެތި ދާކަން އަހަރެންނަނަށް އެނގެއެވެ.

މުޅި ދުވަހު ކިތަންމެ ބުރަކޮށް އުޅެފައިވެސް، ހަވީރަށް ފިނިވުމުން ކޮންމެހެންވެސް ދަރިފުޅު ފެންވަރުވައި ރީތިކޮށްގެން ބޭރަށް ނުކުމެލުމަކީ ތިބާގެ ޙަޔާތުގެ ވާޖިބުތަކުގެ ތެރެއިން އެއް ވާޖިބު ނޫންހެއްޔެވެ؟ ދާނެ ވަކި ޚާއްޞަ ތަނެއް ނެތްނަމަވެސް ވެހެވެ. ބައެއްފަހަރު ފިހާރަކުރިމަތީ ހުންނަ ޖޯލިފައްޗަށެވެ. ބައެއްފަހަރަށް ދޮންތަމެންގެއަށެވެ. އަނެއްބައިފަހަރަށް ކޮންމެވެސް ތިމާގެ ގެއަކަށެވެ. ނޫނީ އަތިރިމައްޗަށެވެ. ކޮންމެވެސް ތަނަކަށް ނުނުކުންނަންޏާ އެއީ ސަކަރާތް ދުވަހެއްކަމަށް ތިބާއަށް ނުނިންމޭހެއްޔެވެ؟ ކޮންމެ ކާގަޑިއަކަށް، ހޯދުނު އެންމެ ރަނގަޅު އެއްޗެއް ހޯދާފައި ކާންދިނުމަކީ ތިބާގެ ހިތުގެ އުފާކަމަށް ނުވޭހެއްޔެވެ؟ އެ އެއްޗެއް ތައްޔާރުކުރަން ކިތަންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ނަމަވެސް ތިބާއަށް ހާދަ އުނދަގުލޭ ދުވަހަކުވެސް ބުނެވުނުހެއްޔެވެ؟  ގައިމުދުވަހަކުވެސް އެހެން ބުނި އަޑެއް އަހަރެން ނާހަމެވެ.

ރޭގަނޑު 7 ޖަހަންވާއިރަށް ކުރިން ފެންވަރާ ރީތިވެގެން ކާން އަންނަ އައުން މިހާރު މުޅިން ބަދަލުކޮށްލައިފީމުއެވެ. އަމިއްލަ ކެއުމާއި ބުއިން ފަހަށް ޖައްސާލާފައިވެސް ތިބާ ބަލަނީ ދަރިފުޅުގެ ކަންތައް ހަމަޖެއްސޭތޯ ނޫންހެއްޔެވެ؟ ފެންވަރުވާ ރީތިކޮށް ހަދައިގެން ނިންދަވަން ވަދެ 3 ގަޑިއިރުވިޔަސް އަދި 4 ގަޑިއިރުވިޔަސް ވަރުބަލިކަމެއްނެތި ތިބާ އިންނަނީ ދަރިފުޅު ނިންދަވާށެވެ. ބާރަށް އެއްޗެއް ބުނާއަޑެއްވެސް އަދި ވަރުބަލިވެގެން އެއްޗެއް ބުނާއަޑުވެސް ދުވަހަކުވެސް ނާހަމެވެ. ލަސްވާތީ ބަލާލާއިރު ތިބާ އިންނަނީ އެ ތުއްތު ތުއްތު މައުސޫމް މޫނަށް ބަލަހައްޓައިގެން ހިނިތުންވެގެންނެވެ.

އުފާ އުފަލުންހުރެ ތިބާ ތިޔަ އަންނަނީ ތިބާގެ ދަރިފުޅާއެކު އެ ދަރިފުޅުގެ މާދަމައަށް ވާޞިލުވުމަށް ދަތުރުކުރަމުންނެވެ. އެ ދަރިފުޅުގެ ހެދިބޮޑުވުމުގެ ކޮންމެ ދުވަހެއް ވަކިވަކިން ހިތުގައި ނޯޓް ކުރަމުންނެވެ. ފުރަތަމަ ފިޔަވަޅު ނެގި ދުވަސް، ފުރަތަމަ ކަބަޑު ހުޅުވި ދުވަސް، ފުރަތަމަ އަލިފު ކީ ދުވަސް، ފުރަތަމަ ފުށުން ޖެހުނު ދުވަސް، ފުރަތަމަ މަންމާއޭ ކީ ދުވަސް، މިހެން ގޮސް އެތައް ކަމެކެވެ. ތުއްތު ތުއްތު ލޯހުޅުވާފައި ތިބާގެ ލޮލާ އަމާޒުކޮށް ބަލާލި ވަގުތު ތިބާގެ ހަނދާނުގައި އަބަދުވެސް ހުންނާނެއެވެ. ނިންދެވުމުގައި ކިތަންމެ އުނދަގޫ ޙަރަކާތެއް ކުރަން ޖެހުނު ނަމަވެސް، ތިބާއަށްޓަކައި އެއިން ކޮންމެގޮތެއްވެސް ކިހާ ފަސޭހަ ހެއްޔެވެ؟ ދަރިފުޅުގެ ވާހަކަ ގާތް މީހުންނަށާއި ތިމާގެ މީހުންނާއެކު ޙިއްޞާކުރުމަކީ ތިބާއަށް ލިބޭ އުފަލެކެވެ. އެނގޭހެއްޔެވެ. މިއަދު ވީ މިހެންނެވެ. އެނގޭހެއްޔެވެ. މިއަދު ވީ އެހެންނެވެ. މިކަހަލަ ކޮންމެ ވާހަކައެއްވެސް ތިބާ ކިޔާދެނީ ވަރުބަލިކަމެއް ފޫހިކަމެއް ނެތިއެވެ. އެފަދަ ވަގުތުތަކުގައި ތިބާގެ އަޑުގައި ހުންނަ ލޯބީގެ އަސަރު، ހުސްވުމެއް ނެތް އާރަކުން އޮހޭ ސާފު ފެނެކޭ އެއްފަދައެވެ.

އެއްދުވަހުން އަނެއް ދުވަހަށް ތިބާގެ ތި ދަރިފުޅު ތިޔަ އަންނަނީ ހެދި ބޮޑުވަމުންނެވެ. ﷲ ގެ އިރާދަފުޅާއެކު ހެޔޮއެދޭ މީހުންނާއި ޢާއިލާގެ މީހުންގެ ލޯތްބާއި ހެޔޮ ދުޢާ ލިބިގެން ރަނގަޅު ސިއްޙަތެއްގައެވެ.

އާނއެކެވެ. ދަރިއަކު ލިބުމުން ހުރިހާ ކަމެއްވެސް ބަދަލުވާނެއެވެ. ތިމާއަށް އައިސްދާނެއޭ ޚުދު ތިމާވެސް ހީނުކުރާ ކިތަންމެ ބަދަލެއް އަތުވެދާނެއެވެ. މަންމައަކީ ހަމަ އެކަނި އެ ދަރިފުޅު ދުނިޔެއަށް އުފަން ކުރާ މީހާއެއް ނޫނެވެ. މަންމައަކު މަންމައަކަށް ވާނީ އެދަރިފުޅު އުފަންކޮށްފަ، އޭގެ ފަހުން އެ ދަރިފުޅުގެ ޙަޔާތުގެ ހުރިހާ ހިސާބެއްގައިވެސް ހިއްސާވެ އުޅުނު މީހެކެވެ. މިކަމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ތިބާ ވާނެކަން އަހަންނަށް ޔަގީނެވެ.

ޔޫސުފްގެ މަންމާއެވެ. އުފާކޮށް ޝުކުރު ކުރާށެވެ! އިރާދަކުރެއްވިއްޔާ ހެޔޮލަފާ ދަރިއަކަށް ތި ދަރިފުޅު ވާނެއެވެ. ތިބާފަދަ ޢިލްމީ ނުވަތަ ތިބާއަށްވުރެވެސް ޢިލްމީގޮތުން މޮޅު، ތިބާފަދަ ވިސްނުންތޫނު ދަރިއަކަށް ތި ދަރިފުޅު ވާނެއެވެ. މަންމައެއްގެ ވާޖިބު ތިބާ އަދާކުރަނީ އެހާވެސް ފުރިހަމައަށެވެ. އެދުވަހަކުން ތިބާއާއެކު ހުރެ، ތިބާގެ ތި ދަރިފުޅުގެ ހެޔޮލަފާކަން ދުށުމުގެ ތައުފީޤު އަހަންނަށް ދެއްވުން އެއީ ކުރެވޭ ދުޢާ އެކެވެ.

ރަޔަންގެ މަންމާއެވެ. ހިތްވަރާއެކު ކުރިއަށް ދާށެވެ. މިއަދު ދަތިވިޔަސް އިރާދަކުރެއްވިއްޔާ މާދަން ރަނގަޅުވާނެއެވެ. ދަތިކަންތައްތަކަކީ ﷲ އަހަރެމެން އިމްތިޙާން ކުރައްވަން މެދުވެރިކުރައްވާ ކަންތަކެވެ. އެއީ ﷲ އަހަރެމެން ދެކެ ލޯބިވެވޮޑިގަންނަވާތީއެވެ. އެ އިމްތިޙާންތަކުން ފާސްވާން މަސައްކަތް ކުރަންވާނެއެވެ. އެހީތެރިއެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ އަބަދުވެސް މި ދައްތަ ހުރެދޭނަމެވެ. ތި ދަރިފުޅަކީ ﷲ ތިބާއަށް ދެއްވި ނިޢުމަތެއް ކަމުގައިނޫނީ އަހަރެން ނުދެކެމެވެ. ތިބާއަށް މިއަށްވުރެ ފަހި މާދަމައެއް ދެއްވުމަކީ އަހަރެންގެ އަބަދުވެސް ދުޢާއެވެ.

އާރިކްގެ މަންމާއެވެ. ގެންދަވައިފި ކޮންމެ އެއްޗެއްގެ ބަދަލުގައި އެއަށްވުރެ މޮޅުއިތުރު ކަމެއް ﷲ ދެއްވަވައެވެ. ކަންކަމުގެ ޙަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުގެ ނިޔާއަކީ އެންމެ ރަނގަޅު ނިޔާކަމުގައި ނޫނީ ނުވާނެއެވެ. އެނގޭހެއްޔެވެ. ތިބާއަކީ ނަސީބުވެރިއެކެވެ. މީގެ އަހަރުތަކެއްފަހުން، ތިބާގެ ތި ދަރިފުޅުގެ ސަބަބުން، ތިބާއަށް ފަހި ރޯއްޖާއި، މޮޅު އިތުރާއި ހެޔޮ ނަސީބުލައްވާތީ، ތިބާ އުފާވެފައި ފަޚުރުވެރިވެފައި އެވާހަކަ ދައްކާ އަޑުއަހަން ތިބާއާއެކު ހުރުމަށް އުއްމީދުކޮށް ދުޢާކުރަމެވެ.

ތި ތިން މަންމައަކީވެސް އެމީހާގެ އަމިއްލަ ފުރާނައަށްވުރެވެސް ބޮޑަށް ދަރިފުޅު ދެކެ ލޯބިވާ 3 މަންމައިން ކަމާމެދަކު އަހަރެންގެ ޝައްކެއް ނެތެވެ.




     އަހަރެން ޤަބޫލުކުރާ ގޮތުގައި މަންމައާއި ދަރިފުޅުގެ ގުޅުމަކީ މި ދުނިޔޭގެ އެންމެ ރީތި އެންމެ ލޮބުވެތި ގުޅުމެވެ.

*މި ލިޔުމަކީ އެ 3 ކުއްޖެއް ދެކެ އަހަރެން ވަރަށް ލޯބިވާ ޔޫސުފް، ރަޔަން އަދި އާރިކްގެ ހަނދާނުގައި ލިޔެފައިވާ ލިޔުމެކެވެ. އެ ތިންކުދިން މި ދުނިޔެއަށް ނޭވާލީދުވަހުން ފެށިގެން އެ 3 ކުދިންގެ މަންމައިންގެ ފަރާތުން އަހަންނަށް ފެނުނު ބަދަލުތަކުގެ ބޮޑުކަމުންނާއި އެ ތިންކުދިންގެ މަންމައިން، މައިވަންތަކަމުގެ ގުޅުމުގައި އުޅޭގޮތުން، އެ މީހުންނާއި ދޭތެރޭ އަހަންނަށް ކުރެވޭ އިހްސާސްތައް އެތަކެއްފަހަރުމަތިންވެސް އަހަންނަށް ވާނީ އަހަރެންގެ ނޯޓްފޮތުގައި ނޯޓް ކުރެވިފައެވެ. ގަސްތުކުރީ، ތާރީޚަށްޓަކައި އެއިން ބައެއްވިޔަސް ތިޔަ ކިޔުންތެރިންނާއި ޙިއްޞާކޮށްލުމަށެވެ. *

Tuesday, July 9, 2013

Ramadan Mubaarak



އަލްޙަމްދު ލިﷲ ޝުކުރު!
އުފާކޮށް ޝުކުރު ކުރުން ނޫން އެހެން ކަމެއް މިއަދު އަހަރެމެން ކުރަން ވާނެހެއްޔެވެ؟ އަހަރެމެންގެ މި ކުރު ޙަޔާތުގައި ރަމްޟާން މަހެއް އަނެއްކާވެސް ދެއްވީތީއެވެ. މި ހުރިހާ ނިޢުމަތްތަކާއެކު އަހަރެމެން މި ވަގުތީ ދުނިޔޭގައި ލަހައްޓަވައި، އަދި މި ނިޢުމަތްތަކަށް ޝުކުރު ކުރުމުގެ ފުރުޞަތު އަނެއްކާވެސް އަނެއްފަހަރު ދެއްވިޔަތީވެއެވެ. މި ރަމްޟާންމަސް ލިބުނު މީހުންނަށްވުރެ ވަކިން ނަސީބުގަދަ ބަޔަކު ކޮބައިހެއްޔެވެ؟

މަރުޙަބާއެވެ. ރަމްޟާންމަހަށް މަރުޙަބާއެވެ!

މި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އަހަރެންގެ ޢާއިލާ އަށާއި އެންމެ ގާތް ރަހްމަތްތެރިންނަށް، ހުރިހާ ކިޔުންތެރިންނަށާއި ހެޔޮ އެދޭ އެންމެހާ ފަރާތްތަކަށް އަދި ޢާއްމުކޮށް ހުރިހާ މުސްލިމުންނަށް ފޮނުވަމެވެ.

އަހަރެމެންނަށް ދެ ދުނިޔެވެސް ކާމިޔާބުވާނީ ގޮތް އަންގައިދޭ ކީރިތި ޤުރުއާން ބާވައިލެއްވުނު މިމަހުގެ ފައިދާ ލިބިގަތުމަށް އަވަސްކުރަމާ ހިނގާށެވެ. މިފަދަ އެހެން ފުރުޞަތެއް ދެން ނުލިބިދާނެކަމަށް ވިސްނައި، މި ރަމަޟާންމަހުގެ ދަރުމައާއި ޘަވާބުން އަހަރެމެންގެ ނަފްސު ޠާހިރު ކުރެވޭތޯ ބަލަމާހިނގާށެވެ. ރޯދަ ކުރުކޮށްލުމަށްޓަކައި ދުވާލުދާ ހަތަރުދަމު ނިދާފައި ހަވީރު ހޭލައިގެން ސައިކަލް ބުރު ޖަހަން ދިއުމުގެ ބަދަލުގައި އާޚިރަތުގެ ގޮވަތިން އުފާވެރިކަން ލިބިގަތުމަށްޓަކައި ކޮންމެވެސް މަސައްކަތެއް ކުރަމާ ހިނގާށެވެ. ރަމްޟާންމަހުގެ ރޭގަނޑަކީ ކެއުމާއި މަޖާ ކުރުމާއި މުނިފޫހި ފިލުވުމުގެ ވަގުތަކަށް ހަދަން ހެޔޮ ނުވާނެއެވެ. އޭގެ ބަދަލުގައި އެރޭތަކުގެ މަތިވެރިކަން ލިބިގަންނަން މަސައްކަތް ކުރަމާ ހިނގާށެވެ. ޤުރުއާން ކިޔެވުމާއި ރޭއަޅުކަމުން ނަފްސަށް އަރާމު ހޯދަމާ ހިނގާށެވެ.

އަހަރެންގެ ދުޢާ އަކީ އަޅަމެން އެންމެންނަށްވެސް މި ރަމްޟާންމަހުގެ ބޭނުން އެންމެ ފުރިހަމަ އަށް ހެޔޮ ގޮތުގައި ހިފުމުގެ ތަވްފީޤު ދެއްވުމެވެ. އަހަރެމެންގެ ދުނިޔަވީ ޙަޔާތަށް ދެއްވާފައިވާ ރިޒުޤުތަކުން އިޞްރާފް ކުރާ މީހުންގެ ތެރެއިން އަޅަމެން ނުލެއްވުމެވެ. ލޮލަށް ފެންނަ ކޮންމެ ކާއެއްޗަކީ ސުފުރާމައްޗަށް ގެންނަން ޖެހޭ އެއްޗެއްކަމަށް ނުދެކި، ތިމާއަށްވުރެ ނިކަމެތި މީހަކަށް ކާއެތިކޮޅެއް ދިއްކޮށްލުމުގެ ތައުފީޤް އަޅަމެންނަށް ދެއްވުމެވެ. ދުލުގެ ނުބައިކަމުންނާއި ޢަމަލުގެ ނުބައިކަމުންވެސް އަހަރެމެން އެންމެން ސަލާމަތްވެގެން ވުމެވެ. ޚާއްޞަ ގޮތެއްގައި މިމަހުގެ ފަހު 10 ގެ ދަރުމައާއި ޘަވާބު އެންމެ ފުރިހަމައަށް ލިބޭ އިންސާނުންގެ ތެރެއިން އަޅަމެންވެސް ލެއްވުމެވެ. އާމީން !

*ވަގުތުގެބޭނުން ހެޔޮގޮތުގަ ހިފަން ނޭނގިއްޖެ މީހާއަށްވުރެ ބަދުނަޞީބު އެހެންމީހަކު ނުވާނެކަން ޔަޤީނެވެ.*